21 ސެޕްޓެމްބަރ 2025 - 22:18

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ހުވާ ނުކުރާ ކަމަށް ކޯޓު އަޑުއެހުމެއްގައި ބުނި މީހާއަށް ޑްރަގް ޓްރެފިކިންގެ ދައުވާ ކޮށްފި އެވެ.
ޑްރަގް ޓްރެފިކިން އަކީ އެ ކުށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށް ލުމާ އެކު އެއް ލައްކަ ރުފިޔާއާއި 10 މިލިޔަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.
ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ބިރުން ހުވާ ނުކުރާ ކަމަށް ހައިކޯޓުގެ އަޑުއެހުމެއްގައި ބުނީ ދިރިއުޅޭ ގެއާއި ސައިކަލު މަޑި ދަށުން މަސްތުވާތަކެތި ފެނުނު ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި މުހައްމަދު ސާޖިދެވެ. އޭނާ ފުރަތަމަ ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް، ފުލުހުންނަށް ލިބުުނު މައުލޫމާތަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ސާޖިދުގެ ސައިކަލު މަޑިދަށާއި ދިރިއުޅޭގެ ބަލައި ފާސްކުރުމުގެ ތެރޭގައި ގާތްގަނޑަކަށް 192 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން އޭރު ކޯޓުގައި ބުންޏެވެ. ނަމަވެސް އޭނާ ބަންދުގައި ބަހައްޓަން ތިނަދޫ ކޯޓުން އަމުރު ނުދިނީ، ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރީ ޖިނާއީ ތުހުމަތެއްގައި ކަމަށް ނުވާތީ. އެވެ.
އަމުރު ނުދިން މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ސާޖިދު ބުނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް އޭނާ ހުވާ ނުކުރާ ކަމަށެވެ.
ނަމަވެސް ހުވާ ނުކުރާކަމަށް ބުނި ބުނުމާ ގުޅުވައި އެއީ ދޮގުހެދުން ކަމަށް ކަނޑައަޅައި އޭނާ 20 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އޭނާގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލީ މި މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.