21 ސެޕްޓެމްބަރ 2025 - 22:58

މަސްވެރިކަން ކުރިއަރާފައި އޮތް މ. އަތޮޅުގެ މަސްވެރިންނަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ނުހިއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

މ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި، މުލަކަށް ވަޑައިގެން ބައެއް މަޝްރޫއުތައް ހަވާލުކުރުމާއި އިތުރު ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަދައިގެންނެވި އެވެ.

އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަކީ ވެފައިވާ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ކުރުން ކަމަށެވެ.
މުލަކަކީ މަސްވެރިކަމުގައި ވަރަށް މުހިންމު ރަށެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގައި އެޅުމަށް މިއަދު ސޮއި ކުރެވިގެން ދިޔަ 30 ޓަނުގެ އައިސްޕްލާންޓަކީ މި ސަރުކާރުން މަސްވެރިކަމަށްދޭ އަހަންމިޔަތުކަން ކަމަށެވެ.
އޭގެ އިތުރުން އެ ރަށުގައި ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވިޔަސް، ބޭރުގެ އެހީގައި ކުރާ މަސައްކަތްތަކީ ވަކި ތަރުތީބަކުން ކުރިއަށްދާ މަސައްކަތްތަކަކަށް ވެފައި އެ ތަރުތީބުން ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ވަރަށް ގާތުން ސަރުކާރުން ދަނީ ބަލަމުން. ދާދި އަހަށް ފެށިގެން ކުރިއަށް ގޮސް ނިންމާލަދޭނަން. އެއްވެސް ފައިސާގެ ކަހަލަ މައްސަލައެއް ދިމާނުވެ މަސައްކަތްތައް ނިމޭނެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ފެށުން. މި ދެ މަޝްރޫއުގެ ސަބަބުން މި ރަށަށް އަދި މި އަތޮޅުގެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް އަންނާނެ،" ރައީސް ވިދާލުވި އެވެ.
އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން އެއް ރަށުގައި ތެޔޮ ވިއްކަން ފެށުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގައި ވިދާޅުވެފައިވާ ގޮތަށް އެ އަތޮޅުން "ފިޔުލް ސްކިޑް" އެޅުމަށް ނިންމާފައި ވަނީ މުލަކުގައި ކަމަށާއި ޖެނުއަރީ މަހު އެ ތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަސްބެރިކަމުގެ ސިނާއަތަކީ ޓޫރިޒަމް ނަގެމަށްފަހު މި ސަރުކާރުން އެންމެ އިސްކަންދޭ ސިނާއަތްް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"މި ސަރުކާރުން ހަވާލުވިއިރު 250 މިލިއަން ރުފިޔާ ހުރީ މަސްވެރިންނަށް ނުދީ. ރާއްޖޭގެ އިގްތިސާދީ ގޮތުން ހުރި ކަންކަމަށް ބަލައި، 48 ގަޑިއިރު ތެރޭ މިދިޔަ އަހަރު ޑިސެމްބަރުން ފެށިގެން އެއްވެސް މެދުކެނޑުމެއް ނެތި މަސްވެރިންނަށް ފައިސާ ދެމުން. މި ސިނާއަތް ނަގާ ކޮޅަށް ޖެހުމުގައި މި ދަނީ މަސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ އެ ރަށަށް އެ މަނިކުފާނު ވެ ވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެގޮތުން ބަނދަރު ބޮޑު ކުރުމާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ރައީސް ފާހަގަ ކުރެއްވި އެވެ. މަގުތަކުގައި ތާރު އެޅުމާ ހަމައަށް މިހާރު ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ތާރު އެޅުމާއެކު މަގުހެދުން މިއަދު ފެށިގެން ހަތަރު މަސްދުވަސްތެރޭ ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.