ނަތަންޔާހޫގެ ރުޅި ޔޫރަޕްގެ ވެރިންނަށް: ފަލަސްތީނުގެ ދައުލަތެއް ނުހެދޭނެ!
ނަތަންޔާހޫގެ ރުޅި ޔޫރަޕްގެ ވެރިންނަށް: ފަލަސްތީނުގެ ދައުލަތެއް ނުހެދޭނެ!

އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަމަށް ރައްދު ދީ، ފަލަސްތީނުގެ ދައުލަތެއް ނުއުފެއްދޭނެ ކަމަށް ބުނެފި އެވެ.

"އޮކްޓޫބަރު 7 ގެ 'ގަތުލްއާންމަށް' ފަހު ފަލަސްތީނުގެ ދައުލަތް ބަލައިގަތް ލީޑަރުންނަށް މި ދެނީ ވަރަށް ސާފު މެސެޖެއް. ތިޔަ ދެނީ ޓެރަރިޒަމަށް ބޮޑު އިނާމެއް،" ނަތަންޔާހޫ ބުންޏެވެ. "އަދި އެއް މެސެޖު އެބަ އޮތް. ތިކަމެއް ނުވާނެ. އުރުދުން ކޯރުގެ ހުޅަނގުގައި ފަލަސްތީނުގެ ދައުލަތެއް ނުހެދޭނެ."

ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރުމާ އެކު ވެސް ނަތަންޔާހޫ ވަނީ ހަމަ މި މޭރުމުން ވާހަކަ ދައްކައި ގަދަ ބަސް ބުނެފަ އެވެ.

ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު ނަތަންޔާހޫ ރުޅިވެރިކަމާ އެކު ދިން ބަޔާނުގައި ބުނީ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ފުޅާކުރާނެ ކަމަށެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމަކަށް ވިޔަސް އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ ޔަހޫދީން އާބާދުކުރަމުންނެވެ. އަދި މި ފަހުން ވަނީ އެކަމުގެ ބޮޑު މަޝްރޫއުއެއް ވެސް އިއުލާނުކޮށްފަ އެވެ.

ނަތަންޔާހޫގެ ބަޔާނުގައި ފަލަސްތީނުގެ ދައުލަތް "ޓެރަރިސްޓު ދައުލަތެއް" ގެ ގޮތުގައި ސިފަކުރަމުން ބުނީ އެތެރެ އާއި ބޭރުން ފިއްތުންތައް އަންނައިރު ވެސް ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދީ ހިފަހައްޓަމުން އަންނަނީ އެހެންވެގެން ކަމަށެވެ.

"އަހަރެމެން އެކަން ކުރީ ސާބިތުކަމާއި ސިޔާސީ ވިސްނުންތެރިކަމާ އެކު. މީގެ އިތުރުން ޖުޑީއާ އާއި ސުމޭރިއާގައި ޔަހޫދީންގެ އާބާދީ ދެގުނަ އިތުރުކޮށްފިން. އަދި މި ގޮތުގައި ކުރިއަށް ދާނަން،" ހުޅަނގު އައްސޭރިއަށް ތައުރާތުގައި ދީފައިވާ ނަން ބޭނުންކުރަމުން ނަތަންޔާހޫ ބުންޏެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ގައުމުތަކުން މިއަދު ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު ބަޔާނެއް ނެރެފަ އެވެ. އޭގައި ވެސް އިންޒާރުތައް ދެމުން ބުނެފައިވަނީ މި ނިންމުންތަކުގެ ސަބަބުން ހާލަތު އިތުރަށް ވާނީ ގޯސް ކަމަށެވެ.

ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުން އިތުރުވެގެން ދިޔައީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ނުހުއްޓައި މުޅި ޣައްޒާ ސުންނާތިކޮށް ބަނޑަށް ޖައްސައި 65،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް އަދިވެސް އަނިޔާވެރިކަން ކުރިއަށް ގެންދާ މައްސަލައިގަ އެވެ.

އދ.ގެ އާންމު މަޖިލިސް މި ހަފްތާގައި ފަށާއިރު އަދިވެސް އެތައް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ. އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.