ފެޑޯއިން ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ބޮންޑް ކާމިޔާބުކަމާއެކު ނެރެ، 49 މިލިއަން ރުފިޔާ ހޯދައިފި
ފެޑޯއިން ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ބޮންޑް ކާމިޔާބުކަމާއެކު ނެރެ، 49 މިލިއަން ރުފިޔާ ހޯދައިފި

ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ދޫކުރި ފުރަތަމަ ބޮންޑް، ފެޑޯ ޕްރައިވެޓް ލިމިޓެޑް (ފެޑޯ) އިން ކާމިޔާބުކަމާއެކު ނެރެ، 49 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ވިޔަނަ ޕްލެޓްފޯމް މެދުވެރިކޮށް ޕްރައިވެޓް ޕްލޭސްމަންޓެއްގެ ގޮތުގައި ނެރެފައިވާ މި ބޮންޑަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އާއި އިންޝުއަރަންސް ކުންފުނިތައް ހިމެނޭ ގޮތަށް އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ރީޓެއިލް އިންވެސްޓަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެ އެވެ. މިބޮންޑަކީ 8.50 ޕަސެންޓުގެ އިންޓަރެސްޓް ލިބޭ ގޮތަށް ފަސް އަހަރު ދުވަހުގެ ބޮންޑެކެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތް ކުރުމުގެ ދާއިރާއިން ބޮންޑު ނެރުނު ކުންފުނި، ފެޑޯއަށް ބޮންޑް ނެރުމުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިންނެވެ.

ޑީއައިޕީން ބުނީ ފެޑޯއިން ނެރުނު ބޮންޑުގެ ކާމިޔާބީއިން އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރީތަކަށް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިނޭންސިން ހޯދުމުގެ ފުރުސަތުތައް އޮތްކަން ހާމަވާ ކަމަށެވެ. އަދި ފެޑޯއިން މި ބޮންޑް ނެރުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އެހެން ކުންފުނިތަކަށްވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިނޭންސިން ހޯދުމުގެ މަގު ހުޅުވިގެންދާނެކަމަށް ވެސް ޑީއައިޕީން ބުންޏެވެ.

އަދި މިއީ ވިޔަފާރި މަޝްރޫއުތަކަށް ފައިނޭންސް ހޯދުމުގައި ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ދައުރު އިތުރުވަމުން އަންނަކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވެސް އެ ކުންފުނިން ސިފަކުރެ އެވެ. އެ ކުންފުނިން ބުނީ މިއީ އަމިއްލަ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ފަންޑިން ބޭސް ފުޅާކުރުމަށް ލިބޭ ފުރުސަތުތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ލައިސަންސް ލިބިފައިވާ އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި އެޑްވައިޒަރީ ކުންފުނި ދިވެހި އިންވެސްޓްމަންޓް އިން ފެޑޯއިން ނެރުނު ބޮންޑުގެ ލީޑް އެރޭންޖަރެއްގެ ހައިސިއްޔަތުން އެ މުއާމަލާތް އެކުލަވާލުމާއި ތަންފީޒުކުރުމުގައި މައިގަނޑު ދައުރެއް އަދާކޮށްފައި ވެ އެވެ. ޑީއައިޕީގެ މި މަސައްކަތުން ދިވެހި ކުންފުނިތަކަށް ކެޕިޓަލް މާކެޓްގެ ފައިދާ ނެގުމަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދެވޭނެކަން ސާބިތުކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.