އދ. ގެ އާއްމު މަޖިލީހުގެ 80 ވަނަ ޖަލްސާއަށް ރައީސްގެ މަންދޫބެއްގެ ގޮތުން ހަލީލް
އދ. ގެ އާއްމު މަޖިލީހުގެ 80 ވަނަ ޖަލްސާއަށް ރައީސްގެ މަންދޫބެއްގެ ގޮތުން ހަލީލް

އދ. ގެ އާއްމު މަޖިލީހުގެ އެންމެ މަތީފެންވަރުގެ ބޭފުޅުންގެ ބައްދަލުވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށްޓަައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރުގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ވަފްދުގައި ހިމެނިވަޑައިގަންނަވަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލުގެ ދަތުރުގައި މަތީފެންވަރުގެ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އދ. ގެ އާއްމު މަޖިލީހުގެ ހައިލެވެލް މީޓިންތައް ހަފުތާއަކަށް ދެމިގެންދާ އިރު މި ފަހަރު އެ މަޖިލީހުގައި ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ކަމަކީ މީގެ ކުރިން ފަލަސްތީނުގެ ދައުލަތް ބަލައިނުގަނެ ތިބި ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން މިހާތަނަށް އިއުލާނުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ބެލްޖިއަމް އަދި ފްރާންސް ހިމެނެ އެވެ.

ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކުރުމާ އެކު ފަލަސްތީނު މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ރާއްޖެއަކީ އަބަދުވެސް ވަރަށް އިސް ސަފުގައި މަސައްކަތްކުރާ ގައުމެކެވެ. ހާއްސަކޮށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަސައްކަތް އިތުރު ހަރުފަތަކަށް މައްޗަށް ޖައްސާލައްވައި، އިޒްރޭލުގެ ޕާސްޕޯޓު ވެސް ރާއްޖެ އަށް ވަނީ މަނާކޮށްފަ އެވެ.