21 ސެޕްޓެމްބަރ 2025 - 19:35

މ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގައި އެ އަތޮޅުގެ ކައުންސިލްތަކުން ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ހިންގަން އުޅުނު ޓޫރިޒަމް މަޝްރޫއުއެއް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަތައް ނުލިބި، ލަސްވަމުންދާތީ، އެ މައްސަލަ ހައްލު ކޮށްދެއްވުމަށް އެ ވޭވަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން މިއަދު އެދިއްޖެ އެވެ.

އެ ކައުންސިލުން އެ ކަމަށް އެދުނީ ރައީސް މިއަދު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވޭވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް މުއިއްޒަށް ހުށަހެޅުމުގެ ފުރުސަތު އެ މަނިކުފާނު ހުޅުވައިލެއްވުމުން، ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވީ 2022 ވަނަ އަހަރު އެ އަތޮޅުގެ ހުރިހާ ރަަށްތަކެއްގެ ކައުންސިލުން އިންޓަގްރޭޓް ޓޫރިޒަމް ޕްރޮޖެކްޓެއް ފެށުމަށް މަސައަކަތް ކުރި ކަމަށެވެ.

މ. އަތޮޅުގައި އެއާޕޯޓެއް ހުޅުވުމުން ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް ވިސްނައި، އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކެއް ގުޅިގެން އޭރު ނިންމީ ކޮންމެ ރަށެއްގައި ކައުންސިލްތަކުގެ ހަރަދުގައި 30 އެނދުގެ ގެސްޓް ހައުސްއެއް އެޅުމަށެވެ.
"އަމާޒަކަށްވީ މުޅި އަތޮޅުގެ ރަށްތައް ހިމެނޭ ގޮތަށް އެ ޕްރޮޖެކްޓު ފަށައި، ކޮންމެ ރަށެއްގައި ވެސް 30 އެނދުގެ ގެސްޓް ހައުސްއެއް އެޅުން. އެކަމަށް ބިން ވެސް ރަށްރަށުން ހަމަޖެއްސި،" ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ އެއްބަސްވުމާ އެކު ރަށްރަށުގެ ކައުންސިލްތަކުން ހަރަދުކުރާ ގޮތަށް އަޅަން އުޅުނު އެ ޕްރޮޖެކްޓާ ގުޅޭ ވަހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އެގޮތުން، ވޭވަށުގައި 320 ކޮޓަރީގެ ގެސްޓް ހައުސްއެއް އެޅުމަށް ބިން ސާފުކޮށް ނިންމި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ދޭން ޖެހޭ ހުއްދަތައް ނުދީ ލަސްވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"ޑިސެމްބަރު 24، 2024 ގައި މިނިސްޓްރީ އަށް ވާނީ ފޮނުވާފައި. އަދި މިހާތަނަށް އަޅުގަނޑުމެންނަށް ޖަވާބެއް ނުލިބޭ. އިންވެސްޓަރުން މިހާރު އަޅުގަނޑުމެންނަށް އެ ދިނީ ލާސްޓް ޗާންސް އެ އަށް ގޮތެއް ނިންމުމަށް. އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް، އަތޮޅަށް ވެސް މި ރަށަށް ވެސް ފައިދާތަކެއް ކުރާނެ ޕްރޮޖެކްތެއް،" ވޭވަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓުގެ ސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވެ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ސަރުކާރުން އެ އަތޮޅުގެ ކައުންސިލްތަކަށް ކުރަންޖެހޭ ހޭދަ ކުޑަވެ، އާމްދަނީ ވެސް އިތުރުވާނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.
"މިހާރުގެ ކައުންސިލުން ހަވާލުވިއިރު އާމްދަނީއަކީ އަހަރެއްގެ މައްޗަށް 320,000ރ. އެކަމަކު މިހާރު އަޅުގަނޑުމެން ޓާގެޓަށް މިހާރު ހުރި ގޮތަށް ގޮސްފިއްޔާ 2027 ވަނަ އަހަރު އަޅުގަނޑުމެންނަށް އެބަ ލިބޭ 19 މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް،" މަމްދޫހު ވިދާޅުވި އެވެ.
ތަރައްގީގެ ގޮތުން މ. އަތޮޅަށް ކުރިއެރުމެއް ލިބިފައި ނެތް ކަމަށް ބައެއް މީހުން ފާހަގަކުރާ ކަމަށާއި އެކަމާ ދެބަސް ނުވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއަރުވައި ގެސްޓް ހައުސްތައް ހިންގަން ދަތިތަކެއް ދިމާވެފައިވާކަމަށެވެ.
"މި ދާއިރާގެ މެމްބަރު މިދިޔަ ހަފުތާގައި ދިމާވެގެން އަޅުގަނޑު ކައިރީ ބުނީ އއ. އަތޮޅަށް ވަޑައިގެންނެވިއިރު ފާހަގަ ކުރެވުނޭ މ. އަތޮޅު މި އޮތީ އއ. އަތޮޅަށް ވުރެ 15 އަހަރު ފަހަތުގައިކަން ރައްޔިތުންގެ ފުދުންތެރިކަމުގައި. އެކަމަށް އަޅުގަނޑު އެއްބަސްވަން،" މަމްދޫހު ވިދާޅުވި އެވެ.
ޓޫރިޒަމްގެ އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭ މައްސަލަ އަށް ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ މ. އަތޮޅަކީ ޓޫރިޒަމްގެ ވަރަށް ހިތި ތަޖުރިބާއެއް ކޮށްފައި އޮތް އަތޮޅެއް ކަމަށެވެ. އެ އަތޮޅުގައި ހަ ރަށެއް ރިސޯޓުތަކަށް ދޫކޮށްފައިވީ ނަމަވެސް އަތޮޅުގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަަށް ފައިދާ ނުވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
އެހެންވެ މަމްދޫހު އެދިވަޑައިގަތީ ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދަން ބޭނުންވާ ޓޫރިޒަމްގެ ޕްރޮޖެކްޓް އެ އަތޮޅުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށެވެ.
ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް ބައްލަވާނެ ކަމަށެވެ.