21 ސެޕްޓެމްބަރ 2025 - 15:52

ފަސް ރަށެއްގައި ސިއްހީ މަރުކަޒާއި ހެލްތު ސެންޓަރުގެ އާ އިމާރާތް އެޅުމަށް ވެމްކޯ އަދި އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތ. ގުރައިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތާއި އެ އަތޮޅު މަޑިފުށި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ގާދިއްފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އިމާރާތް އަޅަން ހަވާލުކުރީ، ކުނި މެނޭޖުކުރުމަށް ހާއްސަ ކުންފުނި، ވެމްކޯއަށެވެ.
އެ އެއްބަސްވުންތަކުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އަދި ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑު މާކެޓިންގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް އުބެއިދު ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ތިން ރަށުގައި ވެސް ސިއްހީ ހިދުމަތް ދޭ އާ މަރުކަޒުތައް އަޅަން ދިނީ 325 ދުވަހެވެ. ގުރައިދޫގައި ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށެވެ. މަޑިފުށީ އަދި ގާދިއްފުށީގެ މަސައްކަތް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީއާ ހަވާލުކުރީ އދ. ކުނބުރުދޫ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރާ އިމާރާތާއި ފ. ފީއަލީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އަޅާށެވެ.
އެ ދެ ރަށުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
ކުނބުރުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށެވެ. ފީއަލީގެ މަސައްކަތް ނިންމަން ދީފައިވަނީ 360 ދުވަހެވެ. އެއީ 21.6 މިލިއަން ރުފިޔާއަށެވެ.