21 ސެޕްޓެމްބަރ 2025 - 15:19

ބައިނަލްއަގުވާމީ ގޮތުން އިއުލާނުކުރާ އެންމެ މަތީ ހެލްތު އެމަޖެންސީގެ ގޮތުގައި "ޕެންޑެމިކް އެމަޖެސީން" ކަނޑައެޅުން ހިމެނޭ ގޮތުން، އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަން (އައިއެޗްއާރް) އަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށައިފި އެވެ.
ބައިނަލްއަގުވާމީ ސިއްހަތު ގަވައިދު "އައިއެޗްއާރް" ގައި ކުރިން އޮންނަ ގޮތުން، ގައިންގަޔަށް އަރާ ބައްޔެއް، މުޅި ދުނިޔެއަށް ފެތުރިދާނެ ކަމުގެ ބިރު ހީވާ ހާލަތްތަކުގައި އިއުލާނުކުރަނީ "އިންޓަނޭޝަނަލް ހެލްތު އިމާޖެންސީ" އެވެ. ނަމަވެސް އިމާޖެންސީގެ ބާރު ގަދަކޮށް، އެ ހާލަތު އިއުލާނުކުރުމުން އެޅޭ ފިޔަވަޅުތައް ވެސް ހަރުކަށިކުރެވޭ ގޮތަށް، ގަވައިދު އިސްލާހުކުރީ މިދިޔަ އަހަރު އެވެ.
އެއް އަހަރު ފަހުން އަމަލުކުރަން ފަށަންޖެހޭ އެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ބުރާސްފަތިދުވަހު އެވެ.
އައިއެޗްއާރަކީ 19 ވަނަ ގަރުނުގައި ބައިނަލްއަގުވާމީ ވިޔަފާރި އާއި ދަތުރުފަތުރު ފުޅާވެ، އެއް ބަނދަރުން އަނެއް ބަނދަރަށް ބަލިތައް ފެތުރޭ މިންވަރު އިތުރުވުމުން އުފަންކުރި ގަވައިދެކެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ގާއިމްކުރާ އެއްބަސްވުމެއްގެ ގޮތުގައި ފުރަތަމަ އުފެއްދި އެ ގަވައިދަށް ބައިނަލްއަގުވާމީ ގޮތުން ބާރުދިނީ ޑަބްލިއުއެޗްއޯ އުފެއްދި ފަހުން 1951 ވަނަ އަހަރު އެވެ.
"ޕެންޑެމިކް އިމާޖެންސީ" އިއުލާނުކޮށް، ބަލި ކޮންޓްރޯލްކުރުމުގައި ބައިނަލްއަގުވާމީ ގޮތުން އެއްބާރުލުން ދޭން ޖެހޭ ވަރު އިތުރުވާ ގޮތަށް އެ ގަވައިދަށް އިސްލާހުތަކެއް ގެނައީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ވޯލްޑް ހެލްތު އެސެމްބްލީގަ އެވެ.
މިފަހަރުގެ އިސްލާހުތަކަކަކީ ކޮވިޑް-19 ޕެންޑެމިކްގެ ތަޖުރިބާއަށް ބަލައި ގެނައި އިސްލާހުތަކެކެވެ. އައިއެޗްއާރަށް މިފަހަރު ގެނައި އިސްލާހުތަކުގެ ކުރިން، އެ ގަވައިދަށް އެންމެ ފަހުން އިސްލާހުތަކެއް ގެނައިީ 2005 ވަނަ އަހަރު، ސާސްރޯގާ ފެތުރެން ފެށުމުންނެވެ.
މި ފަހަރުގެ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި، ގައުމުތަކުން، ނެޝަނަލް އައިއެޗްއާރް އޮތޯރިޓީތައް އުފައްދަން ލާޒިމުކުރުން ހިމެނެ އެވެ. އެއީ ބައިނަލްއަގުވާމީ ގޮތުން އައިއެޗްއާރް ތަންފީޒުުކުރުމުގައި ކޯޑިނޭޓްކުރަން އުފައްދާ އިދާރާތަކެވެ.
"އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަން ހަރުދަނާކުރުމަކީ ބޮޑެތި ގެއްލުންދެނިވި އެޕިޑެމިކްތަކާއި ޕެންޑެމިކްތަކުން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށްޓަކައި ކުރި ތާރީހީ މަސައްކަތެއް،" އައިއެޗްއާރަށް ގެނައި އިސްލާހުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިއޭސިސް ވިދާޅުވި އެވެ.
އާ އިސްލާހުތަަކާ އެކު އައިއެޗްއާރަށް އަމަލުކުރަން އެއްބަސްވީ ޑަބްލިއުއެޗްއޯގެ 196 ގައުމުގެ ތެރެއިން 11 ގައުމެއް ފިޔަވައި ހުރިހާ ގައުމުތަކުންނެވެ. އެ 11 ގައުމުން އަދިވެސް އަމަލުކުރާނީ އެ ގަވައިދުގެ އިސްލާހުނުކުރާ ވާޝަން އަށެވެ.