21 ސެޕްޓެމްބަރ 2025 - 14:54

ލ. ގަމުގައި ރޭގަނޑު ފެންފޯއް ރުކަށް އަރައިގެން އުޅުނު މީހަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ 28 އަހަރުގެ އެ ފިރިހެން މީހާ އަކީ އާންމުކޮށް ރުކަށް އަރާ މީހެއް ކަމަށެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ވެލި ފުންޏެއްގެ މައްޗަށް އެ މީހާ ވެއްޓުނީ މަތިމަރަދޫ އަވަށުގައި ހުންނަ ގެއެއްގެ ގޯތިތެރޭގައި ހުރި ރުކަކަށް އަރައިގެން އުޅެނިކޮށް ރުއް ބިންދައިގެން ދިއުމުން ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ތިރީހަކަށް ފޫޓު މަތިން ވެއްޓުނު އެ މީހާގެ އެތެރެހައްޓަށް ވަނީ އަނިޔާވެފަ އެވެ. އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
"ވެއްޓިގެން ފުރަތަމަ އަމިއްލައަށް ހިނގާފައި ދިޔައީ ކައިރި ގެއަކަށް. ގޮސްފައި ބުނީ ތިމަންނައަކަށް ނޭވާއެއް ނުލެވޭ. ދެން އެ މީހުން އެމްބިއުލާންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދިޔައީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ އެއީ ކުށުގެ ވެށީގައި އުޅޭ ކަމަށް ތުހުމަތުކޮށް އާއިލާގެ އަޅާލުން ވެސް އެހާ ބޮޑަށް ލިބޭ މީހެއް ނޫން ކަމަށެވެ.
އައިޖީއެމްއެޗްގެ އޮފިޝަލު ވިދާޅުވީ ރުކުން ވެއްޓި އަނިޔާވެގެން 28 އަހަރުގެ ޒުވާނަކު އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު، ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެ އެވެ.