21 ސެޕްޓެމްބަރ 2025 - 14:55

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމައި ދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް މިއަދު ދެއްވައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް އޮގަސްޓް 10، 2023 ގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު މަސައްކަތްތައް މަޑުޖައްސައިލި އެވެ. އެހެންވެ، މަގޫދޫގެ ރައްޔިތުން އޭރު ވެސް އިހުތިޖާޖުކުރި އެވެ.

ރައީސް މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު، ރަށެއްގެ ގޮތުގައި މަގޫދު އަށް މިއަދު ވަޑައިގެން އެ ރަށުގެ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވެވި އެވެ.

އެ ބައްދަލުވުމުގައި ޝަކުވާތައް ހުޅުވައިލަން ހުޅުވައިލުމާ އެކު، މަގޫދޫ ކައުންސިލް ރައީސް އަބްދުﷲ ވަހީދުގެ ވާހަކަ ފެއްޓެވީ އެ ރަށުން އަތޮޅުގެ ވެރިކަން އަތުލައި، ރައްޔިތުން ބިކަކުރި ކަމަށް ބުނާ ވާހަކަތަކުންނެވެ.
"ރަށުން ހުރިހާ އެއްޗެއް ގެންދިޔަ [ކާން އެއްކޮށްފައި ހުރި ކަނޑޫކޮޅާއި ސްކޫލު އިމާރާތާއި އަތޮޅު ވެރިކަން ވެސް ފެނަށް ދިޔައީ]. އެ ގެންދިއުމާ ދެކޮޅަށް ނިކުތް 40 އެތައް މީހަކު ރައްޔިތުން ޖަލަށްލި. އެ ދުވަހު ރައްޔިތުން ކުރި މަސައްކަތް ނުކުރި ނަމަ މިއަދު އެ މަގޫދޫ ނުފެންނާނެ،" ކަންބޮޑުވުމާ އެކު އޭނާ ވިދާޅުވި އެވެ.
އެ ދުވަސް އަލުން ދެކެވަޑައިގަންނަވަން ބޭނުން ނުވާ ކަމަށާއި އެގޮތަށް އެނބުރި ދާން ބޭނުން ނުވާތީ، މަގޫދޫގައި އަޅަން ފަށާފައިވާ އެއާޕޯޓު މަސައްކަތް ވީހާ ވެސް އަވަހަށް ނިންމައި ދިނުމަށް ވަހީދު އެދިވަޑައިގަތެވެ.
އެ ރަށުން ޖަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުނީ، މަގޫދޫގައި އަޅަން ނިންމި އެއާޕޯޓު ނިލަންދޫގައި އެޅުމަށް އޮކްޓޫބަރު 2014 ގައި ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލަށް އެންގި ކަމަށެވެ.
އެހެންވެ، މަގޫދޫގެ ކުރިން ފ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ނިންމާފައި އޮތް ނަމަ އެކަން ދެއްކުމަށް އޭނާ އެދުނެވެ.
މިއަދުގެ ބައްދަލުވުމަށް ދިޔަ ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމެވެ. މާޒީގެ ތަޖުރިބާގެ އަލީގައި މަގޫދޫގެ މީހުން ބުނިގޮތުގައި، އެ ރަށުގެ އެއާޕޯޓު ނުނިމިދާނެ ކަމުގެ ބިރު އަދިވެސް އެބައޮތެވެ.
މަގޫދޫ މީހުން ބުނީ، މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ 80 ޕަސެންޓު މިހާރު ވެސް ނިމިފައިވާ ކަމަށާއި އެ މަސައްކަތް އެއްކޮށް ނިންމައިލަން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ. އެ ކަމަށް ބޭނުންވާ ސާމާނާއި މީހުން ވެސް އެބަތިބި ކަމަށް އެ މީހުން ބުންޏެވެ.
"ނިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިމި އަނެއްކާ ވެސް އަޅުގަނޑުމެންނަށް ކުރީގެ ގޮތަށް އެނބުރި ދާން ޖެހިދާނެ ކަމުގެ ބިރު. އަޅުގަނޑުމެން އެދެނީ ނިލަންދޫ އެއާޕޯޓަށް ވުރެ ކުރިން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ނިންމައި ދެއްވުމަށް. އެހެން ނޫން ނަމަ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އެ އެއާޕޯޓުގެ މަސައްކަތް ނިންމޭނެ ކަމަކަށް،" ރައީސާ ވާހަކަ ދެއްކި މަގޫދޫގެ މީހަކު މިއަދުގެ ބައްދަލުވުމުގައި ބުންޏެވެ.
އާބާދީގައި 1،013 މީހުން ތިބި މަގޫދޫގެ ރައްޔިތުން ފަރާތުން ތަކުރާރުކޮށް ރައީސަށް ހުށަހެޅީ މަގޫދޫ އެއާޕޯޓު ނިންމައިދޭނެ ތާރީހެއް ވިދާޅުވުމަށެވެ.
މަގޫދޫގެ މީހުންގެ ކަންބޮޑުވުންތަކާއި ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނަކީ ވައުދެއް ވެވޑައިގެންފި ނަމަ އެ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ބޭފުޅެއް ކަމަށެވެ.
މަގޫދޫ އެއާޕޯޓު ނިންމުމުގެ މަސައްކަތަށް އެއްވެސް ކަހަލަ މަޑުޖެހުމެއް ނައިސް ނިންމައި ދޭނެ ކަމަށާއި އެ ތަނުގެ މަސައްކަތް ހުއްޓިފައި އޮތީ ކޮން ސަބަބަބާ ހެދި ތޯ ވެސް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސީދާ ރައްޔިތުންނާ އެކު، ކައުންސިލާއި މިނިސްޓްރީތަކުން ތިބެގެން، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެހެން ފުރުސަތު ދީގެން [ބައްދަލުވުން] ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުންގެ ފަރާތުން އެނގެން ބޭނުން ވާތީ. އެހެންވެ ސީދާ ރައްޔިތުންނަށް ފުރުސަތު މި ދެނީ،" މަގޫދޫގެ ގިނަ ބަޔަކާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ބޭނުމާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ރަށުގައި ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް މި އޮތީ. މި ރަށުގެ މާޒީ ވެސް ވަރަށް ގިނަ ކަންކަން ހިނގާފައި އޮތް ރަށެއް."
ރައީސް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީން ވެސް މަސައްކަތް ކުރާނީ ވީހާ ވެސް އަވަހަށް ނިންމުމަށް ކަމަށެވެ.
"ކޮން އިރަކުންތޯ ނިންމޭނީ ބަލާއިރު މި ރަށުގެ މަސައްކަތް އެކަނި އެމްޓީސީސީން ކުރަން ޖެހޭ ނަމަ ހަތަރު މަސް ތެރޭ ނިންމޭނެ. މިހާރު އޮތް ހިސާބުން ކުރިއަށް އޮތް އަހަރެއް ތެރޭ ނިންމާލަދޭނަން. އަން އަހަރުގެ ސެޕްޓެމްބަރަށް ނިންމާލެދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމްޓީސީ އަށް މަސައްކަތް ކުރެވޭ ނަމަ އެ އަށް ވުރެ އަވަހަށް ވެސް މަގޫދޫ އެއާޕޯޓު ނިންމައިދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
"ރައްޔިތުންގެ ގާތަށް އައިސް މިގޮތަށް މަޝްވަރާ ކުރަނީ ކަންކަން ކޮށްދޭން، ނިންމަން ބޭނުންވާތީ. އެކަމަކު ބައެއް ފަހަރަށް ބައެއް ކަންކަން ލަސް ވެސްވޭ. ވައުދުވާ ގޮތަށް ކަންކަން ކުރަން އަޅުގަނޑު ވައުދުވަނީ،" ރައީސް ވިދާޅުވި އެވެ.
"އެއްވެސް ރައްޔިތެއް އަޅުގަނޑަކަށް ތަފާތެއް ނޫން. ހުރިހާ ރައްޔިތުން ހަމަހަމަ. ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތު ވިޔަސް ހުރިހާ ރައްޔިތުން އަޅުގަނޑަށް ހަމަހަމަ ވާނެ. ގައުމީ ވިސްނުން، ވަތަނީ ވިސްނުން. އެއްވެސް މަޝްރޫއުއެއް ނުފަށާނަން ކުރިއަށް ގެންދެވޭނެ ގޮތެއް ނުވަންޏަކާ."
ފ. ނިލަންދު އަށް ރޭ ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިލަންދޫގެ އެއާޕޯޓުގެ މަސައްކަތް އިއްޔެ އިން ފެށިގެން 30 މަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ނިންމައި ދޭނެ ކަމަށެވެ. އަދި ނިލަންދޫ އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި އޮޕަރޭޓް ކުރުން ވަނީ ރޭ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.