21 ސެޕްޓެމްބަރ 2025 - 12:42

ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅުމުން، ހުޅުމާލެ 2 ގެ ބޮޑު ސަރަހައްދަކުން ރޭ ދަންވަރު ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުންނާއި ވިނަރެސް އަދި އެމްޕީއެލްގެ ޓަވަރުތަކުން ދަންވަރު 3:30 ހާއިރު ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި ހުރި ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް އޮފް ވެގެން ކަމަށެވެ.
އެ ހިސާބުތަކަށް އަލުން ކަރަންޓު އަނބުރާ ދެވުނީ އޭގެ އެއް ގަޑިއިރުފަހުން 4:56 ގަ އެވެ.
ސްޓެލްކޯއިން ބުނީ ސަބްސްޓޭޝަނަށް ގެއްލުން ދިން މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހަޅައި، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ އަދި އަމިއްލަ ފުރާނައަށް ވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާގުޅޭ ފަރާތްތަކާ ހިއްސާ ކުރަމުން ގެންދިއުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެކެވެ،" ސްޓެލްކޯއިން ބުންޏެވެ.
މީގެކުރިން ވެސް ސްޓެލްކޯގެ ސަބް ސްޓޭޝަންތަކަށް ގެއްލުން ދީގެންނާއި ކަރަންޓް ކޭބަލްތައް ވަގަށް ނެގުމަށްޓަކައި ކޭބަލް ބުރި ކުރުމުގެ ސަބަބުން ކަރަންޓް ކެނޑިފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ކުރިން ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.