ކޮންސްޓްރަކްޝަން ދާއިރާ އަށް 1.7 ޕަސެންޓުގެ ވެއްޓުމެއް
ކޮންސްޓްރަކްޝަން ދާއިރާ އަށް 1.7 ޕަސެންޓުގެ ވެއްޓުމެއް

ކޮންސްޓްރަކްޝަން ދާއިރާގެ ކަންކަން މިދިޔަ އަހަރު 1.7 ޕަސެންޓު ދަށަށް ގޮސްފައިވާ ކަން ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކޮންސްޓްރަކްޝަން ދާއިރާގެ ހަރަކާތްތައް ހުރީ 4.3 ބިލިއަން ރުފިޔާގަ އެވެ. އެއީ އޭގެ ކުރީ އަހަރު ހުރި ވަރަށް ވުރެ 78 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު އެ ދާއިރާގެ ހަރަކާތްތައް 6.9 ބިލިއަން ރުފިޔާއަށް އެރި އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ 5.5 ޕަސެންޓު ހިއްސާކުރަނީ ކޮންސްޓްރަކްޝަން ދާއިރާ އެވެ. އެ ދާއިރާ އަށް ހީނަރުކަން އައިސްފައިވާ އިރު، ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަދަދު ވެސް މިދިޔަ އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ މަޝްރޫއުތަކަށް ކުރާ ހޭދަ ވެސް ދަށްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ހަ ވަނައަށް އެންމެ ގިނަ ދާއިރާ އެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ 19 ޕަސެންޓު ހިއްސާކުރަނީ ރިސޯޓުތަކެވެ. ދެވަނަ އަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކެވެ. އެއީ ނުވަ ޕަސެންޓެވެ. ތިން ވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ރިއަލް އެސްޓޭޓް ދާއިރާގެ ހަރަކާތްތައް އުޅެނީ 7.5 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 108 ބިލިއަން ރުފިޔާގަ އެވެ. އެއީ އެގެ ކުރީ އަހަރަށް ވުރެ 6.7 ޕަސެންޓުގެ ކުރިއެރުމެކެވެ.