21 ސެޕްޓެމްބަރ 2025 - 11:35

މި އަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކަށް އައި ޓޫރިސްޓުންގެ އަދަދު 340،000 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން، ގެސްޓްހައުސްތަކަށް އައީ ޖުމްލަ ޓޫރިސްޓުންގެ އަދަދުގެ 20 ޕަސެންޓެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 1.5 މިލިއަން ޓޫރިސްޓުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރިސޯޓުތަކަށެވެ. ރިސޯޓުތަކަށް އައި ޓޫރިސްޓުންގެ އަދަދު 1.1 މިލިއަނަށް އަރަ އެވެ.
ރާއްޖޭގައި 914 ގެސްޓްހައުސް ހިންގަ އެވެ. އެއީ 15،000 އެނދެވެ. އެއީ ރާއްޖޭގެ ޖުމްލަ ބެޑް ކެޕޭސިޓީގެ 24 ޕަސެންޓެވެ. މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސް އާއި ސަފާރީތަކުގައި 64،500 އެނދު ގާއިމްކުރެވިފައިވެ އެވެ.
ގެސްޓްހައުސް ވިޔަފާރިވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކުގަ އެވެ. އެގޮތުން ކ. އަތޮޅާއި އއ، އދ، ބ އަދި ވ އަތޮޅުގައި ވެސް ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ ޓާގެޓަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ އަދަދު ހަމަކުރަން ބާކީ އޮތް ހަތަރު މަހު ރާއްޖެއަށް ގާތްގަނޑަކަށް އަށް ލައްކަ ޓޫރިސްޓުން އަންނަން ޖެހެ އެވެ.