ކޮލްކަތާ ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް
ކޮލްކަތާ ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

އިންޑިއާގެ "ކޮލްކަތާ އިންޓަނޭޝަނަލް ޗިލްޑްރަންސް ފިލްމު ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ އެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ ދެމެދު ސަގާފީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި އިންޑިއާގެ މައުލޫމާތާއި ސަގާފީ ކަންކަމާ ބެހޭ ޑިޕާޓްމަންޓުން ވަނީ އެ ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ދީފައި ކަމަށެވެ.

އެ ފެސްޓިވަލުގައި ބައިވެރިކުރަން ހުށަހެޅޭނީ 2020 އަހަރުން ފެށިގެން 2025 އަހަރާ ދެމެދު އުފައްދާފައިވާ ފިލްމުތަކެވެ.

އެ ފެސްޓިވަލްގައި ބައިވެރިވާން އެންސީއޭ އިން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެކަމަށް ޝައުގުވެރިވާ ނަމަ، އަންނަ ޑިސެމްބަރު މަހުގެ 31 ގައި ފިލްމުތައް ބްލޫ-ރޭ ނުވަތަ ޑީސީޕީ ނުވަތަ އެމްޕީ4 އަދި ޑީވީޑީ ފޯމެޓްގައި ހުށަހަޅައި އެކަން އެ ސެންޓަރަށް އެންގުމަށް އިއުލާނުގައި އެދިފައިވެ އެވެ.

ކޮލްކަތާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލަކީ 1995 ވަނަ އަހަރުން ފެށިގެން އެ ގައުމުން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. މިއީ އިންޑިއާގެ ތިން ވަނަ އަށް އެންމެ ދުވަސްވީ ފިލްމު ފެސްޓިވަލެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމުކޮށްގެން ސާކްގެ ހުރިހާ ގައުމުތަކަކަށް ހުޅުވާލައިގެން ބާއްވާ ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތައް ބައިވެރިކޮށްފަ އެެވެ. އެ ފެސްޓިވަލަކީ ދިވެހި ފިލްމުތައް ރާއްޖޭން ބޭރުގައި ވާދަކުރާ އެންމެ އާންމު ފެސްޓިވަލެވެ.

ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތަކަށް ވަނަ ވެސް ލިބިފައިވެ އެވެ.