21 ސެޕްޓެމްބަރ 2025 - 11:38

ފ. ދަރަނބޫދޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުން އިތުރު މަޝްރޫއުތަކެއް އިއުލާންކޮށް، ކުރީގެ މަޝްރޫއުތައް ވެސް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ފ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ހެނދުނު ދަރަނބޫދު އަށް ވަޑައިގެން ވިދާޅުވީ، މި ސަރުކާރުން އެ ރަށަށް ވެފައިވާ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ދަރަނބޫދު އަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ބައެއް ކަންކަން މިއަދު ފަށާނެ ކަން ވެސް އެ މަނިކުފާނު އިއުލާން ކުރެއްވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މިއަދު ބިންގާ އެޅި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި އެ އިމާރާތާ އެކު، ދަރަނބޫދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އެ ރަށަށް އިތުރު ނަރުހެއް ހޯދުމަށް އިއުލާން ކުރުމުގެ ހުއްދަ ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ދަރަނބޫދޫ ސްކޫލުން ބޭނުންވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި އަހަރު ފެށިއިރު އެއްވެސް ވަރަކަށް ފުލުހުންގެ ހިދުމަތް ނެތް 39 ރަށެއް އޮތް ކަމަށާއި އެ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އަމިއްލަ މީސްމީހުންގެ ގޭގެ ކުއްޔަށް ހިފައިގެން ވެސް ބައެއް ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ހިންގާ ހިންގުމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ދަރަނބޫދޫގައި ވެސް ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ބާކީ 15 ވަރަކަށް ރަށް އޮތްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންގެ މަރުކަޒުތައް ނޭޅި ހުރި އެބަހުރި ކަމަށާއި އެ ރަށްތަކުގައި ވެސް މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
ދަރަނބޫދޫ ގިރުމުގެ މައްސަލަ ހައްލު ކުރުމަށް އެ ރަށުގެ ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށާއި އެއީ ދިރާސާ ކުރަންޖެހޭ ކަމަކަށް ވާތީ، ރަނގަޅަށް ބެލުމަށް ފަހު، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދަރަނބޫދު އަށް ދެން ވަޑައިގަންވާނީ އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމި، އޭގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުތަކަށެވެ.