21 ސެޕްޓެމްބަރ 2025 - 18:29

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ވަކި ދައުލަތެއް އުފެއްދުމަށް ފަހިކޮށްދީ އެހީތެރިވި އިނގިރޭސި ވިލާތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މިއަދު ރަސްމީކޮށް ބަލައިގަނެ އެކަން އިއުލާނުކޮށްފި އެވެ.
"ފަލަސްތީނާއި އިޒްރޭލު ރައްޔިތުން ސުލްހަޔަށް ކުރާ އުންމީދު ދިރުވުމަށާއި ދެ ދައުލަތުގެ ހައްލު ހޯދައިދޭން ކުރާ މަސައްކަތުގައި މިއަދު އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފިން،" އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވި އެވެ.
މިކަން އިއުލާނުކުރައްވާފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުމަކަށް ނުގެންނަ ނަމަ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް މިދިޔަ ޖުލައި މަހު އިއުލާނުކުރެއްވުމަށް ފަހު އެވެ.
މިއީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިނގިރޭސި ވިލާތުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބޮޑު ބަދަލެކެވެ. އެއާ އެކު އިޒްރޭލުން ވަނީ ރުޅިވެރިކަމާ އެކު މި ނިންމުންތަކަށް ރައްދު ދީފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާތަކަށް އިނާމު ދިނުން ކަމަށެވެ. އަދި ހަމާސް އިން އަސީރުކޮށްފައިވާ ބައެއް މީހުންގެ އާއިލާތަކުން ވަނީ އަސީރުން މިނިވަންކުރުމުން ނޫނީ ފަލަސްތީނު ބަލައިނުގަތުމަށް ވެސް އެދިފަ އެވެ. އެކަމަކު ސްޓާމް ވިދާޅުވަމުން ގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގައި ހަމާސްގެ ބައިވެރިވުން އޮތުން ގަބޫލު ނުކުރައްވާނެ ކަމަށާއި ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ނޫނީ އިނގިރޭސި ވިލާތުން ނުބަލާނެ ކަމަށެވެ.
މިކަން އިއުލާނުކޮށްފައި މި ވަނީ މި މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައި ވަނިކޮށެވެ. އދ.ގެ އާންމު މަޖިލީހުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިތުރުން ކެނެޑާ އަދި ފްރާންސް ހިމެނެ އެވެ.
އަންނަ ހަފުތާގައި ނިއު ޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އެންމެ ބޮޑަށް ދެކެވޭނެ ކަމަށް ބެލެވިފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް "ދެ ދައުލަތުގެ ހައްލު" ހޯދުމާ ބެހޭ ވާހަކަ އެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.
އުސްމާނީ ހިލާފަތުގެ ދަށުގައި އޮތް ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށް ސައްލާކޮށް 1948 ވަނަ އަހަރު އިޒްރޭލު އުފެއްދީ އިނގިރޭސި ވިލާތުގެ ކުރީގެ ފޮރިން މިނިސްޓަރު އާތާ ބެލްފޯގެ ފަރާތުން އިނގިރޭސިންގެ ޔަހޫދީ ކޮމިއުނިޓީ ލީޑަރަށް 1917 ވަނަ އަހަރު ހުށަހެޅި ބެލްފޯ ޑިކްލަރޭޝަނުން ބާރު ލިބިގެންނެވެ.
ނޮވެމްބަރު 2، 1917 ގައި އިނގިރޭސި ފޮރިން މިނިސްޓަރު ބެލްފޯ، އެ ގައުމުގެ ޔަހޫދީންގެ ޑިރެކްޓަރުންގެ ބޯޑްގެ ރައީސް ވޯލްޓާ ރޮތުސްޗައިލްޑް އަށް ފޮނުއްވި ސިޓީގައި ވަނީ އޭރު އުސްމާނީ ހިލާފަތުގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް "ގައުމީ ދައުލަތެއް" އުފެއްދުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
ޔަހޫދީންނަށާއި އަރަބިންނަށް އިނގިރޭސިން ދެ ވައުދެއް ވި އެވެ. ޔަހޫދީންނަށް ވައުދުވީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ގާއިމުކޮށްދިނުމަށެވެ. އަރަބިންނަށް ވައުދުވީ އުސްމާނީ ހިލާފަތާ ދެކޮޅަށް ނުކުމެއްޖެ ނަމަ އަރަބި ޕެނިންސިއުލާގައި އަރަބި ވަކި މިނިވަން ދައުލަތެއް އުފައްދައިދޭނެ ކަމަށެވެ.
ބެލްފޯގެ ޑެކްލަރޭޝަނަށް މަހެއް ނުވަނީސް އިނގިރޭސި އަސްކަރީ ކޮމާންޑަރު އެޑްމަންޑް އެލެންބީގެ ބެލުމުގެ ދަށުން އިނގިރޭސި ސިފައިން ލަޝްކަރުން ޑިސެމްބަރު 1917 ގައި ފަލަސްތީނުގެ ބިން ހިފި އެވެ. އަދި 400 އަހަރު ވަންދެން އުސްމާނީ ހިލާފަތުގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްތީނުގެ ބިމުން މުސްލިމުންގެ ވެރިކަން ފޮހެލި އެވެ.
ފަލަސްތީނުގެ ހުރހާ ބިންތަކެއް އިނގިރޭސިންގެ ބާރުގެ ދަށަށް ގެނެސް ނިމުނީ އޮކްޓޯބަރު 1918 ގަ އެވެ. އެ ބިމުގައި އޭރު ދިރިއުޅުނު 90 ޕަސެންޓް މީހުންނަކީ ޔަހޫދީންނެއް ނޫނެވެ. ގިނައީ އަރަބި މުސްލިމުންނެވެ. ދެން ނަސޯރާއިންނެވެ. ޔަހޫދީންގެ މަދު އާބާދީއެއް ވެސް ދިރިއުޅުނެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިން މޮޅުވި ގައުމުތަކުން އިސްނަގައިގެން، ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމުގެ ނަމުގައި "ލީގު އޮފް ނޭޝަންސް" އުފެއްދި އެވެ. އެއީ މިހާރު މިއޮތް ޔުނައިޓެޑް ނޭޝަންސްގެ ކުރިން އުފެއްދި ޖަމިއްޔާ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ހިފި ބިންތައް ލީގު އޮފް ނޭޝަންސް މެދުވެރިވެ، ޔޫރަޕްގެ ބާރުތަކުގެ މެދުގައި ބަހާލި އެވެ. އަރަބިންގެ ބިންތަކުން އެންމެ ގިނަ ސަރަހައްދުތަކުގެ ވެރިކަން ލިބުނީ އިނގިރޭސިވިލާތަށާއި ފްރާންސަށެވެ. ފަލަސްތީނުގެ ބިމުގައި ބާރު ހިންގަން، 1922 ގައި ލީގު އޮފް ނޭޝަންސް އިން އިނގިރޭސިންނާ ހަވާލުކުރި އެވެ.
މި ހޭދަވި މުއްދަތުގައި ފަލަސްތީނަށް ޔަހޫދީން ޖަމާކުރުމުގެ އެކި މަސައްކަތްތައް ކުރަމުން ދިޔަ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އިނގިރޭސިން ވަކިހިއްޕާލައިގެން ތިބި ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު އެ ބާރު ފަނޑުވާން ފެށި އެވެ. އަދި ހިފާފައިވާ އެކި ބިންތަކުން ފައިބަން ފެށި އެވެ. ފަލަސްތީނު ވެސް 30 އަހަރުވަންދެން އިސްތިއުމާރުކޮށްގެން ތިބުމަށް ފަހު 1947 ގައި އިނގިރޭސިން އެ ގައުމުން ފައިބަން ފެށި އެވެ. އެ ހިސާބުން ފަލަސްތީނުގެ މައްސަލަ ހައްލު ނުވެ އޮއްވައި އދ. ގެ އަތްމައްޗަށް އިނގިރޭސިން އެތަން ދޫކޮށްލި އެވެ.
އިޒްރޭލުގެ ނަމުގައި ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި ދައުލަތެއް އިއުލާނުކުރީ ނޮވެމްބަރު 29، 1947 ގައި އދ.ގެ އާންމު މަޖިލީހުގެ ފާސްކުރުމަކުންނެވެ. ފަލަސްތީނުގެ ބިން ބަހާލައި އަރަބިންނާއި ޔަހޫދީންނަށް ދެ ދައުލަތް އުފެއްދުމަށް ފާސްކުރި ގަރާރުން ފަލަސްތީނުގެ ބިމުގެ 55 ޕަސެންޓަށް ވުރެ ބޮޑު ބައެއް ދިނީ ޔަހޫދީ ދައުލަތަށެވެ. އެކަމަކު އެ ދައުލަތަށް ދޭން ކަނޑައެޅި ސަރަހައްދުތަކުގައި ވެސް ދެބައިކުޅަ އެއްބަޔަކީ ފަލަސްތީނުގެ ރައްޔިތުންނެވެ.
އިނގިރޭސިން ފަލަސްތީނު ދޫކޮށް ދާން ނިންމި އިރު އެތަނަށް ބާރު ގަދަކޮށްދީފައި އޮތް ޔަހޫދީ ހަނގުރާމަވެރި ޖަމާއަތެކެވެ. އިނގިރޭސި ސިފައިން ފަލަސްތީނުގެ ބިމުން އެއްކޮށް ފޭބުމުގެ ގާތްގަނޑަކަށް އެއް މަސްކުރިން، އޭޕްރީލް 9، 1948 ގައި ފަލަސްތީނުގެ ދިރް ޔަސީން އަވަށުގައި ޔަހޫދީން ބޮޑު ގަތުލުއާންމެއް ހިންގައި އެތައް ބަޔަކު ޝަހީދުކުރި އެވެ. އެ ހިސާބުން އިޒްރޭލުގެ ބިމުން އަރަބިން މަދުކުރަން އެ މީހުންގެ ގޯތިގެދޮރުން އެތައް ލައްކަ ބަޔަކު ނެރެ ބޮޑު ގަތުލްއާންމެއް ހިންގި އެވެ. އަދި އދ. އިން ކަނޑައެޅި އިމަށް ވުރެ ބޮޑަށް ބިންތައް ހިފައި ފޭރެމުން ދިޔަ އެވެ. އަދިވެސް އެކަން އޮތީ އެހެންނެވެ.