21 ސެޕްޓެމްބަރ 2025 - 11:00

މީޑިއާ ރެގިއުލޭޓް ކުރުމަށް މިދިޔަ ހުކުރު ދުވަހު ސަރުކާރުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެކުލަވާލައިފި އެވެ.
ރައްޔިތުންގެ މަޖިލިހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށް، މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާ ހިންގާނެ ފަސް މެމްބަރުންގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރީ:
1- އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ
2- އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ
3- އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ
4- އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ
5- އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)
މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ތަން ހިންގާނީ ސީއެސްސީން އައްުޔަންކުރާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
އެ ފަސް މެމްބަރުން ވާން ޖެހެނީ ސިވިލް ސާވިސް ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށެވެ.
ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.
1- ކޮމިޝަންގެ އިދާރީ މަސައްކަތްތައް
2- ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން
3- މީީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހާ ހުށަހެޅުންތަަކަށް ގޮތްތައް ނިންމުން
1- ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމިވާ މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުން
2- މީޑިއާތަކުގެ ރަޖިސްޓަރީ ބާތިލްކުރުން
ގާނޫނުގައި ބުނެފައިވާ ގޮތުން ވަގުތީ މެމްބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވައިލަން ޖެހެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަން ކުރަން ގާނޫނުގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލިހުންނެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލްގައި ފުރަތަމަ އޮތީ ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަމަކު، ފަހުން ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ވަކިވަކި ނޫސްވެރިންގެ ޖޫރިމަނާ ބައި އުވާލައިފަ އެވެ. އެކަމަކު، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސްތަކާއި މަޖައްލާތަކުން ހިލާފު ވެއްޖެ ނަމަ 5،000ރ އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
މައްސަލަތައް ބަލާ ދުވަސްވަރު އެ މީޑިއާއެއްގެ ރަޖިސްޓަރީ ހިފެހެއްޓޭ ގޮތަށް އޮތް މާއްދާ ވެސް ވަނީ ފަހުން އުވާލައިފަ އެވެ. އަދި ކުރީގެ މައްސަަލަތައް ބެލޭ ގޮތަށް އޮތް މާއްދާ ވެސް ފަހުން އުވައިލި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ އިސްލާހުތަކާ އެކު، ރައްޔިތުންގެ މަޖިލިހުން މީޑިއާ ބިލް ފާސްކޮށް ގާނޫނަކަށް ހެދި ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް އަދިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ނޫސްވެރިކަން ހަނިކުރެވޭ މާއްދާތައް ހިމެނުމާއި ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތުމާއި މަޖިލިހުން ބޭނުންވެއްޖެ ނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރެވޭނެ ގޮތް ހަދާފައި އޮތުން ހިމެނެ އެވެ.