21 ސެޕްޓެމްބަރ 2025 - 09:48

އިޓާލިއަން ލީގުގައި ރަނގަޅު ފެށުމެއް ހޯދި ޔުވެންޓަސް ރޭ ކުޅުނު މެޗުން ހެލަސް ވެރޯނާއާ 1-1 އިން އެއްވަރުވިއިރު، އޭސީ މިލާނުން އުދިނޭޒީ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.
ޔުވެންޓަސް ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި އިންޓަ މިލާން އަތުން 4-3 އިން މޮޅުވުން ވެސް ހިމެނެ އެވެ. އެހެންވެ އެ ޓީމު އޮތީ ފޭވަރިޓެއްގެ ގޮތުގައި ދަރަޖަކޮށްފަ އެވެ.
އެކަމަކު ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޔުވެންޓަސް އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ކޯޗު އިގޯ ޓުޑޯ ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަން ކަމަށާއި، އެކަމަކު ޝަކުވާއެއް ނެތް ކަމަށެވެ.
މިދިޔަ ހަފުތާގައި އިންޓައާ ދެކޮޅަށް ކުޅުމަށް ފަހު ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ކުޅެ 4-4 އިން އެއްވަރުވި ޔުވެންޓަސްގެ ކުޅުންތެރިން ތިބީ މެޗުގެ ފަހުކޮޅު ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖެހީ ޔުވެންޓަސް އިންނެވެ. މި ގޯލް 19 ވަނަ މިނެޓުގައި ޖެހީ ޕޯޗުގީޒް ފޯވާޑް ފްރެންސިސްކޯ ކޮންސިސިއޯ އެވެ. ވެރޯނާ އިން އެއްވަރުކުރީ 44 ވަނަ މިނެޓުގައި ގިފްޓް އޮބާން ޕެނަލްޓީ އަކުން ޖެހި ގޯލުންނެވެ.
މި ނަތީޖާއާ އެކު 10 ޕޮއިންޓް ހަމަކޮށް ޔުވެންޓަސް އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. މާދަމާރޭ ޕިސާ އަތުން މޮޅުވެގެން ޗެމްޕިއަން ނަޕޯލީ އަށް އެއްވަނަ އަށް އެރުމުގެ ފުުރުސަތު އެބައޮތެވެ. ނުވަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ މިލާނެވެ.
ރޭ ރަށުން ބޭރުގައި އުދިނޭޒީ އަތުން މިލާން މޮޅުވި މެޗުގެ ތަރިއަކީ ދެ ގޯލު ޖެހި އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިކް އެވެ. އަނެއް ގޯލް ޖެހީ ޔޫސުފް ފޮފަނާ އެވެ.
މެކްސް އެލެގްރީގެ ކޯޗުކަމުގައި އާ ސީޒަނާ ކުރިމަތިލީ މިލާން ފުރަތަމަ މެޗުން ކްރެމެނޭސީ އަތުން 2-1 އިން ބަލިވި ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗުން މިވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ މޮޅުވެފަ އެވެ.