ސުޕަ ފޯގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިން ލަންކާ ބަލިކޮށްފި
ސުޕަ ފޯގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އިން ލަންކާ ބަލިކޮށްފި

އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ސުޕަ ފޯ ބުރުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ހަތަރު ވިކެޓުން ބަންގްލަދޭޝް މޮޅުވެއްޖެ އެވެ.

އޭޝިއާގެ ޓީމުތަކުގެ މެދުގައި ޔޫއޭއީގައި ކުރިއަށްދާ މުބާރާތުގެ ސުޕަ ފޯ ބުރުގައި ހިމެނެނީ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރު ޓީމެވެ. ފައިނަލަށް ދާނީ ލީގު އުސޫލުން ކުޅޭ ސުޕަ ފޯ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ޓޮސް ދިމާވުމުން ގަސްދުކުރީ ހޮވަން އަރާށެވެ. ލަންކާ އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 168 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 64 ލަނޑު ހެދި ޑަސުން ޝަނަކާ އެވެ.

ޖަވާބުގައި ބަންގްލަދޭޝް ކުޅެން އަރައި، 19.5 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 169 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 61 ލަނޑު ހެދި ސައިފް ހަސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.

މި މެޗުގައި ބަންގްލަދޭޝްގެ ތައުހީދު ހްރިދޯއީ ވަނީ އޭނާގެ ކެރިއަރުގެ 50 ވަނަ ޓީޓްވެންޓީ މެޗު ފުރިހަމަކޮށް އެ ފޯމެޓުގައި 1000 ލަނޑު ހަމަކޮށްފަ އެވެ. އަދި މި މެޗުގައި ބަންގްލަދޭޝްގެ ލިޓަން ދާސް ވަނީ ޓީޓްވެންޓީގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ކުރިން މި ރެކޯޑް އޮންނަނީ 2551 ލަނޑު ހެދި ޝަކީބް އަލް ހަސަންގެ އަތުގަ އެވެ.

ސުޕަ ފޯ ބުރުގައި މިރޭ އޮންނާނީ ކްރިކެޓުގައި ދުނިޔޭގެ އެންމެ ވާދަވެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ މެޗެވެ. އަބޫ ދާބީގެ ޝެއިޚް ޒައިދު ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 7:30 ގަ އެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ހަތް ވިކެޓުން ކާމިޔާބުކުރީ އިންޑިއާ އެވެ.