ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް ލަންކާގައި ހިންގާ ކޯސްތައް ބަލައިނުގަންނަން ނިންމައިފި
ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް ލަންކާގައި ހިންގާ ކޯސްތައް ބަލައިނުގަންނަން ނިންމައިފި

ސްރީ ލަންކާގެ ޔުނިވާސިޓީތަކުން އެހެން ގައުމުތަކާ ގުޅިގެން ހިންގާ ބައެއް ކޯސްތަކުގެ ސެޓްފިކެޓްތައް ބަލައިނުގަތުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފި އެވެ.

އެމްކިއުއޭ އިން ބުނީ ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުން އަންނަ، ސްރީ ލަންކާގެ ޔުނިވާސިޓީތަކުން ބޭރުގެ އެކި ގައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގަމުން އަންނައިރު އެ ތަންތަަނަށް ޕްރޮގްރާމް ހިންގަން ހުއްދަ ދީފައިނުވާ ކަމަށެވެ. އެހެންވެ އެ ތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

އެމްކިއުއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ދިވެހި ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ބޭނުންވާ މަރުކަޒަކީ އެމްކިއުއޭގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތޭ އަދި އެ އެ އޮތޯރިޓީން ގަބޫލުކުރާ ތަނެއްތޯ ކަށަވަރުކުރަން އިލްތިމާސްކޮށްފަ އެވެ.

އެމްކިއުއޭ އިން ބުނީ އެ އޮތޯރިޓީން ގަބޫލުކުރަނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް ކަމަށެވެ. އަދި ސްރީ ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނާއި އެ ގައުމުގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނާއި ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އިން ހުއްދަ ދީފައިވާ މަތީ ތައުލީމުދޭ މަރުކަޒުތަކާއި އެ ތަންތަނުން ހިންގާ ޕްރޮގްރާމްތައް ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާ އިން ދަށުގެ ޕްރޮގްރާމުތަކަށެވެ. އަދި ސްރީ ލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނާއި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރި އާއި ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށެވެ.

އެހެންވިޔަސް އެ މިންގަނޑާ ހިލާފަށް އެ ގައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމުތައް ހިންގާ ކަމަށާއި ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެތަންތަނުން ހިންގާ ހަޔާ ޑިޕްލޮމާ އިން މަތީގެ ޓާޝަރީ ޕްރޮގްރާމުތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ފާހަގަކުރެވޭ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ބުންޏެވެެ.

އެކަމަކު އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމުތައް ހިންގަން ހުއްދަ ދީފައި ނުވާ ކަމަށާއި ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެ ތަންތަނުން ހިންގާ ޕްރޮގްރާމުތަކުގެ ސެޓްފިކެޓް އެ އޮތޯރިޓީން ގަބޫލުނުކުރާނެ ކަމަށް އެމްކިއުއޭގެ އިއުލާނުގައިވެ އެވެ.

އެހެންވެ އެ އޮތޯރިޓީން އެދިފައި ވަނީ ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭ އިން ދޫކުރަމުން އަންނަ "އިންޓެންޑެޑް" ލިޔުން ހޯދުމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން އެ ކަންކަމަށް ކިޔަވައިދޭ މަރުކަޒުތަކުން ސަމާލުވުމަށް ވެސް އެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.