ދުނިޔޭގެ ޗެމްޕިއަން އަތުން މޮޅުވެ އަމޯރިމް އަށް ހަމަނޭވާއެއް
ދުނިޔޭގެ ޗެމްޕިއަން އަތުން މޮޅުވެ އަމޯރިމް އަށް ހަމަނޭވާއެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ، ކޯޗު ރުބެން އަމޯރިމް އަށް އެންމެ ފަހުން ހަމަނޭވާއެއް ލެވިއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި ޕޯޗުގަލްގެ ޒުވާން ކޯޗާ މެދު ބޮޑެތި އުއްމީދުތަކެއް ކުރެވުނެވެ. އެކަމަކު މިހާތަނަށް އޭނާ އަށް ވެސް ޓީމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭ ގޮތެއް އޮތީ ނުހޯދިފަ އެވެ. އެކަމަކު މި އަަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ޗެލްސީ އަތުން ހޯދި މޮޅާ އެކު، އެ ޓީމުގެ ސަޕޯޓަރުންނަށް މިވަނީ އުއްމީދު އާވެފަ އެވެ. ސަބަބަކީ މި މެޗަކީ އަމޯރިމް ހަވާލުވި ފަހުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރު ކަމަށް ވުމެވެ.

ފުރަތަމަ ފަސް މެޗަށް ފަހު ޔުނައިޓެޑް މިވަގުތު އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގަ އެވެ. މި ފަހަރު ލީގަށް ވާދަކުރާނެ ކަމަށް ބެލެވިފައި އޮތް ޗެލްސީ އޮތީ 8 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ރޭ އެވަޓަން އަތުން 2-1 އިން މޮޅުވި ލިވަޕޫލެވެ.

ރޭ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. އެއީ ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ ޔުނައިޓެޑުގެ ބްރަޔަން އެމްބުމޯ އަށް ފައުލްކުރުމުންނެވެ. ޗެލްސީގެ އެކަކު މަދުވުމުގެ ފައިދާ ނަގައި ޔުނައިޓެޑުން ފުރަތަމަ ހާފުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އާއި، ކަސެމިރޯގެ ގޯލުތަކުން ބޮޑު ލީޑެއް ނެގި އެވެ. އެއީ ފެނާންޑޭޒް އެ ޓީމަށް ޖެހި 100 ވަނަ ގޯލެވެ.

ޔުނައިޓެޑަށް މައްސަލަތައް ދިމާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ކަސެމިރޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުންނެވެ. ދެ ވަނަ ހާފުގައި ޗެލްސީ އަށް އުއްމީދެއް ލިބުނީ 80 ވަނަ މިނެޓުގައި ޑިފެންޑަރު ޓްރެވޯ ޗަލޮބާ ޖެހި ގޯލުންނެވެ. އެކަމަކު ވާންކުރި ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

ޔުނައިޓެޑުގެ ކޯޗު އަމޯރިމް ބުނީ މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށާއި، މިއީ މުހިއްމު މޮޅެއް ވެސް ކަމަށެވެ. އެކަމަކު ޔުނައިޓެޑުން މިއަށް ވުރެ ފަސޭހައިން މެޗުތަކުން މޮޅުވާން ޖެހޭ ކަމަށް އަމޯރިމް ބުންޏެވެ.

"މެޗު ފެށީ ވަރަށް ރަނގަޅަށް. ޗެލްސީގެ ކީޕަރަށް ރަތެއް ދެއްކުންވީ ވެސް އަހަރެމެންނަށް ލިބުނު ފައިދާއަކަށް. އަނެއްކޮޅުން ދެ ގޯލާ އެކު ކޮންޓްރޯލުގައި އަހަރެމެން ތިބީ. އެގޮތަށް ހުރިހާ ކަމެއް ރަނގަޅަށް ދަނިކޮށް އަމިއްލަ އަށް ޕްރެޝަރަށް ވެއްޓިގަތީ،" އަމޯރިމް ބުންޏެވެ.