21 ސެޕްޓެމްބަރ 2025 - 09:05

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް އިތުރުވެފައި ވާތީ އެ ވިޔަފާރިތައް ހުއްޓުވަން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި ވަގުތުން އެ ތަންތަން ބަންދުކޮށް، ބިދޭސީން ޑީޕޯޓު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ.

ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަމެވެ.
"މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު އެބަ އެނގޭ ރާއްޖޭގައި ދެ ލައްކައެއްހާ ބޭރު މީހުން އުޅޭކަން. މި އޮތް ހުރިހާ ދުވަސްވީއިރު މިކަން ނޭނގޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ވެސް ކުރަނގި އޮޕަރޭޝަންގެ ތެރެއިން ވަނީ އެއްކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މީގެ ކުރިން ޑީޕޯޓު ކުރަނީ ނަމަކަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،609 މީހުން ޑީޕޯޓު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ވެސް ވަރަށް ބޮޑު މަަސައްކަތެއް. އަދިވެސް ގިނަ މީހުން އަޅުގަނޑުމެން މައުލޫމާތު އެއްކޮށްގެން މި ފޮނުވައިލަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބައެއް ބިދޭސީންތައް ވިޔަފާރި ކުރަމުން ދަނީ މަގުތައް މަތީގައި ކުދިކުދި ތަންތަން ހުޅުވައިގެން ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
އެފަދަ ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިފަދަ ތަންތަން ދެނެގަނެ، ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ބަންދުކޮށް، އެ ކަމުގައި ޝާމިލުވާ މީހުން ވަގުތުން ޑީޕޯޓު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރި ހުއްޓުވުމުގެ ބޮޑު އޮޕަރޭޝަން މުޅި ރާއްޖޭގައި މިއަދުން ފެށިގެން ހިންގާއިރު ރައީސް ވިދާޅުވި ގޮތުގައި ބޮޑެތި އާބާދީތަކަށް ހާއްސަ ސަމާކަމެއް ދޭނެ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމުގެ ނަތީޖާއަކީ ވިޔަފާރީގެ ފުރުސަތު ދިވެހިންނަށް ފަހިވުން ކަމަށެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ކަންބޮޑުވުމާ އެކު، ވިދާޅުވި އެއް ކަމަކީ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް ބާރު ދިނުމުގައި ކޮންމެވެސް ވަރަަކަށް ދިވެހިންގެ އެހީތެރިކަން ދޭ މައްސަލަ އެވެ. އެހެންވެ، އެ މަނިކުފާނު ގޮވައިލެއްވީ އެކަން އެ ގޮތަށް ނުކުރުމަށެވެ.
މިހާރު ޑީޕޯޓު ކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ވެސް އެ އޮޕަރޭޝަނުގައި ޑީޕޯޓް ކޮށްފައިވެ އެވެ.