27 މާޗް 2017 - 09:04

މަޖިލިހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ބޭއްވި ނިއުސް ކޮންފަރެންސް ނިންމާލައިފި.

އަމީތު: މިއަދު މި ފެނުނީ މަޖިލިހުގެ ނިޒާމު ގެއްލުވާލި ތަން. މަޖިލިހުގެ ތެރޭގައި ހިނގި ކަންތައްތަކާ މެދު ހިތާމަކުރަން. ސަރުކާރުން މެމްބަރުންނަށް އިތުބާރު ނުކުރަންވީ ސަބަބެއް ނޭނގޭ؟ މެމްބަރުންނަށް ސަރުކާރުން ވެސް އިތުބާރު ކުރަން އެބަޖެހޭ. މަޖިލިހުން މި ދަސްވީ މަޖިލިހުގެ ރިޔާސަތަށް، މަޖިލިހަށް ބަދަލު އަންނަޖެހޭކަން. ގަދަބާރުން މަޖިލިސް ހިންގާ ކަމަށް ވަންޏާ ޑިމޮކްރެސީއެއް ނޯންނާނެ. މަޖިލިސް މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ދޭންޖެހޭ.

އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުމެން މަސައްކަތް ކުރާނީ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއްގެ ގޮތުގައި. ދެން މައްސަލަ ހުށަހަޅާއިރު، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަން ފެންނާނެ. އެވަރުގެ އަދަދަކާ އެކު މައްސަލަ ވައްދާނީ.

ގާސިމް އިބްރާހިމް: އެންމެ ފަހުން ރޯލް ކޯޓަކަށް ދިޔައީ ހަނދާންވާ ގޮތުން ހާއްސަ މަޖިލިހުގައި. މި މަޖިލިހުގައި ސަރުކާރަށް އެހާ ބޮޑު އަޣުލަބިއްޔަތެއް އޮތް އިރު ރޯލް ކޯލް ވޯޓަކަށް ދިޔައީ ކީއްވެގެންތޯ؟

އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުގެ ޕޯޓަލް ހެނދުނުއްސުރެ މަސައްކަތެއް ނުކުރޭ. ފެށުނީއްސުރެ ވޯޓިން މެޝިންތަކުގައި މައްސަލަތައް ހުރި.

ފާރިސް: މަހުލޫފު ވެސް ވޯޓު ދެއްވި ކަމަށް އޮތް. ރިޔާސަތު ބަލަހައްޓަވަން އިންނެވި މޫސާ މަނިކު ވޯޓުގައި ބައިވެރިވި ކަމަށް އޮތް. އަމީން އާންމު ވިދާޅުވީ އެ ދެ ވޯޓު އުނިކޮށްފައޭ ވޯޓު ގުނަނަނީ. ގޮނޑިތަކާ ދުރުގައި ތިއްބާ އަޅުގަނޑުމެންގެ ނަމުގައި ވޯޓު ލާފައި ވެސް އެބަތިބި. ރޯލް ކޯލް އަކަށް ދާން ނެގި ވޯޓަކީ ވެސް ބާތިލް ވޯޓެއް. އެތައް މެމްބަރުންނެއް ވިދާޅުވޭ ތިމަންނަ ވޯޓު ދެއްވި ގޮތަކަށް ނޫނޭ ފެންނަން އޮތީ. މިދިޔަ ތިން އަހަރު މަޖިލިސް ހިނގަމުންދާ ގޮތުގެ ކުޑަކުޑަކަ މިސާލެއް މިއަދު ފެންނަނީ.

އަބްދުﷲ ޝާހިދު: އަޅުގަނޑުމެން މިތިބީ މި ސަރުކާރުން ކަންތައް އޮޅުވާލާ މިންވަރު ހާމަކުރުމަށް. މިއަދު އިތުރު މިވީ އޭގެ ބޮޅެއް. މިއަދު ވެސް އެ ގަސްދުކުރީ ސަރުކާރުގެ މެމްބަރުން ކަސްތޮޅު އަޅުވައިގެން އެ ނާޗަރަންގީ ކުޅެން.

ފާރިސް މައުމޫން: މި މަސައްކަތް ނާކާމިޔާބުވި ކަމަކަށް ގަބޫލެއް ނުކުރަން. މަޖިލިހުގެ އުސޫލުން ބޭރުން ކަންކަން ދާތީ މި މައްސަލަ ހުށަހެޅީ ވެސް. ކުރިން މި ކަންތައް ފަހުމް ނުވާ ބޭފުޅުންނަށް ވެސް، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މި ކުރަނީ ކީއްކުރަންކަން އެނގިއްޖެ. ކޮންމެ މެމްބަރަކަށް ހުންނަނީ އެކިއެކި ފިއްތުންތައްް ކުރިމަތިކޮށްފައި. ސަރުކާރުގެ ނުފޫޒުގެ ސަބަބުން، ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވަން ބޭނުންވޭ. އެއީ އަޅާނެ ފިޔަވަޅަކާ މެދު. މިއީ މިނިވަން ވޯޓެއް ނޫން. ގަވައިދާ އެއްގޮތަށް ނެގުނު ވޯޓެއް ނޫން. ބޮޑުވަމުން މި އަންނަ ޓީމާ އިތުރު މެމްބަރުން ގުޅެމުންދާ ތަން ފެންނާނެ.

އިބްރާހިމް މުހައްމަދު ސޯލިހް: މިއަދު ވެސް މި ފެނުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކާއި ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކަންކަން ދިޔަ ތަން. މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން މިއަދު މި ހުށަހެޅީ މި ސަބަބަށްޓަކައި. މިއަދު ފެނުނީ ސަރުކާރަށް، ސަރުކާރުގެ މެމްބަރުންނާ މެދު އިތުބާރު ނެތް ތަން. އިތުބާރު އޮތް ނަމަ ސިސްޓަމަށް ވަަޑައިގަންނަވަންވީ ނޫންތޯ؟ އަޅުގަނޑުމެންގެ މަސައްކަތް މި ހިސާބުން ހުއްޓުނީ ނޫން. އަނެއްކާ ވެސް ވަރަށް އަވަހަށް މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން.

ގާސިމް: މަޖިލިހުގެ ތާރީހުގައި ވެސް މިފަދަ ވޯޓެއް ނުނަގާ. ރޯލް ކޯޓަށް ދިއުމަށްޓަކައި އިލެކްޓްރޯނިކް ސިސްޓަމް ބޭނުން ކުރުމުން އެނގޭ އެއްޗަކީ އެ ސިސްޓަމް ރަނގަޅުކަން. މިގޮތަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް އަބަދުވެސް އަޅުގަނޑު އަންނަނީ ވަކާލާތު ކުރަމުން. އެއީ ރައްޔިތުން ބޭނުންވާ ގޮތަށް ވޯޓުލުމުގައި ބިރު ދައްކަމުންދާތީ.

ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ، މަސީހުގެ ވޯޓު ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް.

މަސީހުގެ އިތުބާރު އޮތް ކަމަށް 48 މެމްބަރެއްގެ ވޯޓާއެކު ފާސްކޮށްފި. މިގޮތަށް ފާސްކުރީ އިދިކޮޅު އެއްވެސް މެމްބަރަކު ޗެމްބަރުގައި ވަޑައިގެން ނެތް.

ވޯޓަށް އަހަމުންދާއިރު، އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާގައި ވަޑައިގެން ނެތް.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓަށް އަހަން ފަށައިފި. ވޯޓަށް އަހަނީ ކޮންމެ މެމްބަރަކާ ވަކިވަކިން ސުވާލު ކޮށްގެން.
ޖަލްސާ އަލުން ފަށައިފި.
މަޖިލިހުގެ ޖަލްސާ އަލުން ފެށުމަށްޓަކައި ފަސް މިނިޓްގެ ރަނގަބީލު ޖަހައިފި. އަލުން ޖަލްސާ މި ފަށަނީ ރިޔާސަތުން ނަން އިއްވި މެމްބަރުން ސެކިއުރިޓީން ނެރުމަށް ފަހު. ނަމަވެސް ނަން ނުއިއްވާ އިދިކޮޅު މެމްބަރުން ޗެމްބަރުގައި އަދިވެސް އެބަތިއްބެވި.
މަޖިލިހުގެ އިދާރާގެ ބައެއް މުވައްޒަފުން ވެސް އެ އިދާރާގެ ގެލެރީތަކުން ނެރެފި.
ފުލުހުން މިހާރު ވެސް ގެންދަނީ އެމްޑީޕީގެ އޮފީހުގައި ހަރަކާތްތެރިވަމުން. ފުލުހުން އެ އޮފީހަށް ވަނީ ކޯޓު އަމުރެއްގެ ދަށުން.
އެމްޑީޕީގެ އޮފީހުގައި ބަހައްޓާފައި ހުރި ސްޕީކަރުތައް ފުލުހުން ގެންގޮސްފި. ސްޕީކަރުތައް ބަހައްޓާފައި ހުރީ އެ އިމާރާތުގެ ދެވަނަ ބުރީގައި.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމްޑީގެ އޮފީހަށް ވަދެފި.
އަލީ ނިޒާރު ވެސް ނެރުނީ އުފުލާލައިގެން.
މަޖިލިހުގެ ރިޔާސަތުން ނަން އިއްވި 13 މެމްބަރުންގެ ތެރެއިން ޗެމްބަރުގައި ތިއްބެވި ބޭފުޅުން ނެރުމުގެ މަސައްކަތް ފަށައިފި. އެނގިފައިވާ ގޮތުގައި މެމްބަރު މުހައްމަދު ރަޝީދު ޗެމްބަރުން ނެރުނީ އުފުލާލައިގެން. މުހައްމަދު ރަޝީދުގެ އިތުރުން އަލީ އާޒިމް ވެސް ވަނީ ޗެމްބަރުން ނެރެފައި. ނަން އިއްވި މެމްބަރުންގެ ތެރެއިން ޗެމްބަރުން ބޭރުގައި ތިއްބެވި ބޭފުޅުން އަލުން ޗެމްބަރަށް ވެންނެވުމަށް މަޖިލިހުގެ އިދާރާގެ ސެކިއުރިޓީން ހުއްދައެެއް ނުދޭ.
މަޖިލިހުގެ ނިޒާމުގެ ނަގައިލުމުގެ ސަބަބުން 13 މެމްބަރެއްގެ ނަން އިއްވާފައިވާ ކަމަށް ނިހާން ވިދާޅުވޭ. އެއީ އަލީ އާޒިމާއި މުހައްމަދު އަބްދުލް ކަރީމާއި އީވާ އަބްދުﷲ އާއި މާރިޔާ އަހުމަދު ދީދީ އާއި އިމްތިޔާޒް ފަހުމީ އާއި މުހައްމަދު ފަލާހާއި ހުސެއިން އަރީފާއި މުހައްމަދު ނާޒިމާއި އަބްދުލް ޣަފޫރު މޫސާ އާއި އަލީ ނިޒާރާއި ފައްޔާޒް އިސްމާއީލް އާއި މުހައްމަދު ރަޝީދު އަދި މުހައްމަދު ވަހީދު އިބްރާހިމް.
މަޖިލިހުގެ ޖަލްސާ އަދިވެސް އޮތީ މެދުނޑާލާފައި. އެކަަމަކު ބައެއް މެމްބަރުން އަދިވެސް މަޖިލިހުގެ ޗެމްބަރުގައި އެބަތިއްބެވި.
މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު މެމްބަރުންގެ ނަންތައް އިއްވަމުން ގެންދެވީ، ރިޔާސަތުގެ މޭޒާ ދުރުގައި ކޮޅަށް ހުންނަވައިގެން. އޭރު އޭނާގެ ވަށައިގެން ސިފައިން ތިބި.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިހުގެ ޗެމްބަރުގެ ތެރެއަށް ސިފައިން ވެއްދީ، މަސީހްގެ ވޯޓު އޮޅުވާލަން ކަމަށް.
މަޖިލިހުގެ އިދާރާގެ ސެކިއުރިޓީންނާ އެކު ޗެމްބަރަށް ވަދެވަޑައިގެން، ޖަލްސާ ކުރިއަށް ގެންދަވަން ނައިބު ރައީސް މޫސާ މަނިކު އުޅުއްވި ނަމަވެސް، އަނެއްކާވެސް މަޖިލިސް ހަލަބޮލިވުމުން ޖަލްސާ މިހާރު ވަނީ މެދުކަނޑާލާފައި. އަދި ޗެމްބަރު ދޫކުރައްވައި ނައިބު ރައީސް މިހާރު ވަނީ ވަޑައިގެންފައި.
"އެއެއް މިއެއް ނޭނގޭ މިތަނަކު،" މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.
ވަރަށް ގިނަ މެންބަރުންގެ ނަން އިއްވައިފި ކަމަށްވޭ. ނަމަވެސް ލައިވް ފީޑް ކަނޑާލައި ނޫސްވެރިންނަށް ވެސް މަޖިލީހަށް ވަނުން މަނާކޮށްފައި ވާތީ ސައްހަ މައުލޫމާތެއް ނުލިބޭ. މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ދެއްވާ މައުލޫމާތު ނޫން އެހެން މައުލޫމާތެއް ނުލިބޭ.
އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި، "ފެނޭ" ނުވަތަ "ނުފެނޭ" ބުނަންޖެހޭ ވޯޓު ނެގުމަށް މެންބަރުން ދިން ކަރުދާސްކޮޅުގައި ވަނީ ހަމައެނި "ނުފެނޭ".
ނިހާން ދެންމެ ޓްވީޓް ކުރެއްވި ގޮތުގައި މެންބަރު ފައްޔާޒާއި އަލީ އާޒިމްގެ ނަން ރިޔާސަތުން އިއްވައިފި.
ޖަލްސާ އަލުން ފަށައިފި ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ. ލައިވް ފީޑް ވަނީ ކަނޑާލާފައި.
ރިޔާސަތުގެ މޭޒު ވަށައިގެން ސެކިއުރިޓީން މިހާރު އެބަ ތިއްބެވި.
މަޖިލީހުގެ ސެކިއުރިޓީއާ އެކު ނައިބު ރައީސް ރީކޯ މޫސާ މަނިކު ޖަލްސާ އަލުން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެ.
އެމްޑީޕީ އޮފީސް ކައިރިއަށް ޖަމާވެފައި ތިބި ބައެއް މީހުންގެ މޫނަށް ޕެޕަސްޕްރޭ ޖަހައިފި ކަމަށް އެ ޕާޓީން ބުނެފި.
ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ދޮށަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައި. ފުލުހުން ވަނީ މަޖިިލިސް ކައިރިއަށް ނުވަދެވޭ ގޮތަށް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި.
ރިޔާސަތުގައި އިންނެވި މޫސާ މަނިކާއި ޖަލުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ދެންމެ ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް ދައްކާ. ރިޔާސަތުގައި އިންނަވާ ބޭފުޅަށް ވޯޓު ދެއްވޭނީ ދެކޮޅަށް ވެސް އެއްވަރަށް ވޯޓު ލިބޭ ހާލަތެއްގައި، ވަކި ގޮތަކަށް ނިންމަންޖެހޭ ހާލަތުގައި އެކަނި.
ޖަލްސާ މެދުކަނޑާލައިފި.
ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ މަސީހަށް ތާއީދު އޮތްކަމަށް ވޯޓު ދެއްވައި، ކަރުދާސްކޮޅުތައް ދައްކަވަމުން. އެކަމަކު މަޖިލިސް ތެރެ ވަރަށް ހަލަބޮލި.
އަޑުގަދަކުރަމުން ދަނިކޮށް ރިޔާސަތުން މޫސާ މަނިކު ވޯޓަށް އައްސަވައިފި.
އިދިކޮޅު މެންބަރުން ގޮވަމުން ގެންދަވަނީ ވަކިވަކި މެންބަރުންގެ ގާތު އަހައިގެން ވަކިވަކިން ވޯޓަށް ނޭހޭނެ ކަމަށް.
އިދިކޮޅު މެންބަރުން ގެންދަވަނީ ރިޔާސަތަށް ހުރަސް އަޅުއްވަމުން.
މެންބަރުންނާ ވަކިން ސުވާލުކޮށްގެން ވޯޓަށް އެހުމަށް ފާސްވީ 45 ވޯޓު ލިބިގެން. ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވި. ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވި. މަޖިލީހަށް ހާޒިރުވެ ތިއްބެވީ 83 މެންބަރުން.
ނިހާންގެ ހުށަހެޅުމަށް ވޯޓު ނެގީ އިލެކްޓްރޯނިކް ވޯޓިން ބޭނުންކޮށްގެން.
މަޖިލިސް ތެރޭގައި އަޑު ވަރަށް ގަދަ. ރިޔާސަތުން މަސައްކަތް ކުރައްވަނީ ނިހާން ހުށަހެޅުއްވި ގޮތަށް، މެންބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓަށް އަހަން
އެނގިފައިވާ ގޮތުގައި އިދިކޮޅު މެންބަރުން ގެންދަވަނީ ވޯޓު ނަގަން އުޅޭ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން. ނޫސްވެރިންނަށް މަޖިލީހަށް ނުވަދެވޭތީ މަންޒަރުތައް ބަލަންޖެހެނީ ޓީވީން. އެހެންވެ، އެތެރޭގައި ހިނގާ ކަންކަން ރަނގަޅަށް ސާފެއް ނުވޭ.
ވޯޓަށް ރަނގަބީލު ޖެހުމާ އެކު އިދިކޮޅު މެންބަރުން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހުން ފާޅުކުރަން ފައްޓަވައިފި.
ވޯޓަށް އެހުމަށް ޖަލްސާ އަލުން ފަށައިފި.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ވޯޓު ނަގަން ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް. އޭނާ މިހެން ވިދާޅުވީ ވޯޓިން ސިސްޓަމާ މެދު ސުވާލު އުފައްދާ ކަމަށާއި އެހެންވެ ނަގާނީ "ރޯލް ކޯލް ވޯޓް" ނުވަތަ މެންބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ކަމަށް ނިހާން ހުށަހަޅުއްވާފައި ވާތީ.
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ބަހުސް ނިންމާލިއިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ވާހަކައެއް ނުދައްކަވާ. ރިޔާސަތުން މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ ބަހުސްގައި ވާހަކަ ދައްކަވަން ފުރުސަތު ދެއްވީ ޕާޓީތަކުން އެދުނު މެމްބަރުންނަށް ކަމަށް. އެ މެމްބަރުން ވާހަކަ ދައްކަވައި ނިމުމުން، ޖަލްސާ މެދުކަނޑާލެއްވީ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި.
މައްސަލައާ ގުޅިގެން ބަހުސް ކުރައްވަން ބޭނުންފުޅުވާ މީހަކު ނެތް. އެހެންވެ ބަހުސް މި ހިސާބުން ނިންމާލިކަން އިއުލާނުކޮށްފި. ދެން ޖަލްސާ ފަށާނީ 1:30 ގައި. ދެން އޮންނާނީ ވޯޓު ނެގުން.
ފައިސަލް ނަސީމް: މީހަކާ ޒާތީ ކަމެއް ނެތް. ބޭނުމަކީ މަޖިލީހުގައި ޒިންމާ އަދާކުރެވޭނެ ގޮތް ހެދުން. މުއައްސަސާތައް މިނިވަންކުރުން. އޮޅުވާލުމެއްގެ ތެރެއިން ގާނޫނު އަަސާސީ ބަދަލުކުރުމަކީ ބޮޑު މައްސަލައެއް.
ކާށިދޫ ދާއިރާގެ ފައިސަލް ނަސީމް: ފާރިސް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއީދުކުރަން؛ މިހާރު ވެސް މި އިވެނީ ބިރު ދެއްކުމުގެ ވާހަކަތައް. އަޅުގަނޑުމެން ބިރެއް ނުގަނެ ހެއްދެވި ފަރާތް ދެކެ ނޫނީ. މިއީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫން. މި އުޅެނީ މަޖިލީހުގައި މަސައްކަތް ނުކުރެވިގެން. މިއަދު ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. އަޅުގަނޑުމެން މި އުޅެނީ ހޫނު ފެނަށް ވެއްޓިދާނެތީ ބަޔަކު ސަލާމަތް ކުރަން.
ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު: މިއީ ހަގީގަތެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ނޫންކަން މަސީހުގެ ބަޔާނުން ހާމަވެއްޖެ. އެންމެ ފަހުގެ ނިމަކަށް ވާނީ އިދިކޮޅު ފަރާތްތައް ތިބި ވަރަށް ވުރެ ވެސް ދަށު ދަރަޖައަކަށް ދާނެ. މިފަދަ ކަމަކާ ނޫޅޭ ވަރުގެ ބޮޑު ތަފާތަކުން ވޯޓު ހޯދާނަން. ރިޔާޒް ވެސް ވިދާޅުވީ މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގަން ތާއީދުކުރައްވާ ކަމަށް.
ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ: އަތް ނަގައިގެން ވޯޓު ދޭން ތާއީދުކުރަން. ތާރީހުގައި ވެސް މަސީހު ވަރުގެ ގާބިލް ރައީސަކު ނާދޭ. ހުރިހާ މެންބަރުން މަސީހާ އެއްކޮޅަށް ވޯޓު ދިނުމަށް ގޮވާލަން. މިއީ ބަޔަކު އަމިއްލަ އެދުން ހާސިލް ކުރުމަށް ހުށަހަޅައިގެން އުޅޭ ކަމެއް. ތަފާތު ބޮޑު ނަތީޖާއަކުން މަސީހު ކާމިޔާބު ކުރައްވާނެ.
މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް: ފާރިސްގެ ހުށަހެޅުމަށް ތާއީދުކުރަން. މަސީހް ވަކިކުރުމަކީ މުހިންމު ކަމެއް. މަސީހް ވަކިކުރުމަކީ މަޖިލީހަށް ލާޒިމު ކުރާ ކަމެއް. ހުރިހާ ބޭފުޅުން ވެސް މަސީހަށް އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށް އެދެން. ވޯޓު ސިސްޓަމާ ބަޔަކު ކުޅޭ ކަމަށް އަޑު ފެތުރިފައިވޭ. އެކަން ބަލަން ޖެހޭނެ.
ޖުމުލަ ގޮތެއްގައި ހަލީލް ވިދާޅުވީ އެމްޑީގެ ވެރިކަމަކީ ގައުމުގެ ދީނީ، އިޖުތިމާއީ ފޭރާން ހަލާކުކޮށް ސިފައިންނާއި ފުލުހުންނަށް ޖެއްސުންކޮށް ބިރުވެރިކަން އުފެއްދި ވެރިކަމެއް ކަމަށް.
ޖަލްސާ ފެށިއިރު، މަޖިލިހަށް ވަޑައިގެން ތިއްބެވީ 66 މެމްބަރުން
ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލް: މިއީ މަޖިލީހުގައި މަސައްކަތް ނުހިނގައިގެން ހުށަހަޅާ މައްސަލައެއް ނޫން. ސަރުކާރާއި ރައްޔިތުންނަށް ޖެއްސުން ކުރުމަށް ހުށަހެޅި މައްސަލައެއް.
މެޝިނު ބޭނުން ނުކޮށް، ވަކިވަކިން ވޯޓަށް އަހަން ނިހާން ހުށަހަޅުއްވައިފި. މަސީހަށް ތާއީދުކުރަން.
ނިހާން: މިއީ ކާމިޔާބީތައް ހަޖަމު ނުވާ ބަޔަކު ހުށަހެޅި މައްސަލައެއް. ވޯޓާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުރި.
ބަހުސަށް ހުޅުވާލައިފި. ފުރަތަަމަ ވާހަކަ ދައްކަވަނީ ނިހާން
ފާރިސް: މަޖިލިހުގެ ހިންގުމުގެ ނިޒާމު ކަށަވަރު ކޮށްގެން ނޫނީ ގާނޫނުއަސާސީން މަތިކޮށްފައިވާ ކަންކަން ކުރެވޭކަށް ނެތް. އެހެންވެ މި މައްސަލައާ މެދު މެމްބަރުން ވަރަށް ފުންކޮށް ވިސްނުމަށް ފަހު ވޯޓު ދެއްވުމަށް އެދެން.
މަސީހް ވިދާޅުވީ ގަވައިދުން ހުށަހެޅޭ ބިލެއް އައުމުން އެޖެންޑާ ނުކޮށް ނުހުރެވޭނެ ކަމަށް. މައްސަލަ ހުށަހަޅާފައި އޮތް ގަރާރުގައި ކުށެއް ވެސް އެބަ އޮތް. އިޖުރާއީ ގޮތުން ބަލާއިރު މިއީ ބޭރު ވެސް ކޮށްލެވިދާނެ މައްސަލައެއް.
މިހާރު ވާހަކަ ދައްކަވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް.
މަސީހް: އަޅުގަނޑުގެ ކިބައިން އެދެން ވާނީ އަޅުގަނޑަކަށް ކުރެވޭނެ ކަންކަން.
މަޖިލީހުގެ ރައީސަކީ ގަވައިދުގައިވާ ގޮތަށް، މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް ކަން ކުރަން ހުންނަ މީހެއް.
މަޖިލީހަށް ވަކި ބާވަތެއްގެ ބިލެއް ސަރުކާރަށް ނޫނީ ހުށަނޭޅޭ ކަމަށް ބުނާއިރު އެއީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތް ކަމަށް ދަންނަވަން: މަސީހް
ބިލެއް ހުށަހެޅިޔަސް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް. ކޮމިޓީތަކުގެ މަސައްކަތުގެ ޒިންމާ އޮންނާނީ ކޮމިޓީތަކުގެ މުގައްރިރުންނަށް. ސަރުކާރު ޒިންމާދާރު ނުކުރާ ވާހަކަ އަށް ރައްދު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލަ މައްސަލަތައް ދާނީ ކޮމިޓީތަކަށް ކަމަށާއި ވަޒީރުންނާ ސުވާލު ކުރެވޭ ކަމަށް.
މަސީހް: މެންބަރުންގެ ގަދަރު ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މި އަންނަނީ ކުރަމުން. އަޅުގަނޑަށް ކުރާ ތުހުމަތުގައި އަސްލެއް ނެތް. އެއީ ދޮގު ވާހަކަ.
މަޖިލިސް ތެރެއަށް ވަންނަން ދިޔަ މީހުން ވެސް ފުލުހުން އެ ސަރަހައްދުން ފޮނުވާލައިފި
ޖަވާބުދާރީ ވުމަށް މަސީހު ވާހަކަ ދައްކަވަނީ.
އާންމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިއަދު މަޖިލީހުގެ ޖަލްސާ އަށް ވަންނަން ދިޔަ ނަމަވެސް އެއްވެސް މީހަކު ނުވައްދާ ކަމަށްވޭ. އަދި ނޫސްވެރިން ވެސް ބުނަނީ އެ މީހުން ނުވައްދާ ކަމަށް.
މައްސަލައިގެ ބަހުސަށް ދޮޅު ގަޑިއިރު ދީފައި ވާއިރު ޖަވާބުދާރީ ވުމަށް މަސީހަށް ކަނޑައަޅާފައި ވަނީ 30 މިނެޓް
ނޫސްވެރިންނާއި އާންމުންނަށް ވެސް މަޖިލީހަށް ނުވަދެވޭ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަނީ، އެ މައްސަލަ ހުށަހެޅުމަށް ފުރަތަމަ ސޮއިކުރެއްވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަަދު ރައްޔިތުންގެ މަޖިލިހުގައި ބާއްވާ އިރު މިއީ އަބްދުﷲ ޔާމީންގެ ސަރުކާރަށް މިހާތަނަށް މަޖިލިހުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ޗެލެންޖެވެ. ސަރުކާރު ކޯލިޝަނުން ބުނާ ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އިސްނެގުން ވަރަށް ފަސޭހައިން ނާކާމިޔާބުކޮށްލާނެ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ގޮނޑިން މަސީހު ބޭރުކުރެވޭ ވަރަށް ވޯޓު ހަމަވެފައިވާ ކަމަށެވެ. އިދިކޮޅު މީހުންނަށް މި ވޯޓް ކާމިޔާބުކުރެވެން އޮތީ ސަރުކާރު ކޯލިޝަނުގެ ބައެއް މެމްބަރުންގެ ވޯޓު ލިބިގެންނެވެ.