21 ސެޕްޓެމްބަރ 2025 - 13:17

ދޮޅު އަހަރަށް ފަހު ދިވެހި ޕްރިމިއާ ލީގު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފެށީ އުއްމީދުތަކާ އެކު އެވެ. ލީގު ފެށުމުން ހިތްހަމަޖެހުމުގެ އިހްސާސް ކުރެވުނުކަން ވަރަށް ގިނަ ކުޅުންތެރިން ބުންޏެވެ. އެކަމަކު މާޔޫސްވަނީ ކްލަބްތަކުގެ ތައްޔާރީތައް ހުރި ގޮތުންނެވެ.

ދޮޅު އަހަރު ލިބުނު އިރު ވެސް ގިނަ ކްލަބްތަކަށް އެކަށީގެންވާ ގޮތަކަށް ތައްޔާރެއް ނުވެވުނެވެ. ގިނަ ކްލަބްތަކަކަށް އެކަށީގެންވާ ޕްރީ ސީޒަނެއް ވެސް ނުހެދުނެވެ.

ރަނގަޅަށް ސީޒަނަށް ތައްޔާރު ނުވެވޭވޭކަން، ފުރަތަމަ ކުޅުނު މެޗުތަކުގެ ނަތީޖާތަކުން ވެސް އެނގެ އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ފިޔަވައި އަނެއް ފަސް މެޗުން، ނުކުތީ ތަފާތު ބޮޑު ނަތީޖާތަކެކެވެ.

ރަނގަޅު ޕްރީ ސީޒަނަކާ އެކު ތައްޔާރީތައް އެންމެ ރަނގަޅަށް އަބަދުވެސް ގެންދަނީ މާޒިޔާއިންނެވެ. ތައްޔާރީތަކުގައި އެންމެ ގޯސްކޮށް ފެނުނީ ވިކްޓަރީ އެވެ.

ގިނަ އެހެން ޓީމުތަކުން ސީޒަނަށް ޕްލޭން ކުރުމުގެ ކުރިން އެންމެ ބޮޑު ފިކުރަކަށްވީ އޭގެ ކުރިން ކުޅުނު ކުޅުންތެރިންނަށް ދޭން ޖެހިފައި ހުރި މުސާރައިގެ މައްސަލަތަކެވެ. އެކަމަކު ވިކްޓަރީގައި އެފަދަ އެއްވެސް މައްސަލައެއް ނެތެވެ. ކުރީގެ މުސާރަތައް ވެސް ހުރީ ހަލާސްކޮށް ނިމިފަ އެވެ. ސީޒަނަށް ސޮއި ކުރުވި ބައެއް ކުޅުންތެރިންނަށް އެޑްވާންސް ފައިސާ ވެސް އެ ކްލަބުން ހުރީ ދީފަ އެވެ.

އެކަމަކު ދަނޑު މައްޗަށް ޓީމު ނެރުނު އިރު އިންތިޒާމުތައް ސުމެކެވެ. ރާއްޖެ އަށް ގެނައި ހަމައެކަނި ބިދޭސީ ކުޅުންތެރިޔާ އަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް (އައިޓީސީ) ނުލިބިގެން ބަހައްޓަން ޖެހުނީ ބެންޗުގެ ފުރަގަހުން ދަނޑުގެ ބޭރުގަ އެވެ.

އެ ޓީމަށް ކުރިން ސޮއި ކުރުވި ސްރީ ލަންކާގެ ގޯލްކީޕަރު ކަވީޝް ވެސް ނުފެނުނެވެ. ރާއްޖެ އަށް ގެނެސް ސޮއި ކުރުވި ފަހުން، އޭނާ ފޮނުވާލީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ، މާލޭގައި ބަހައްޓަން ކްލަބުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުންނެވެ.
އެ ކްލަބް އޮތީ މެނޭޖްމެންޓް ބަދަލުވުމުގެ މަރުހަލާއެއްގަ އެވެ. އާ ކޯޗަކާއި ކުޅުންތެރިން ވެސް ހޯދަން ޖެހިފައި އޮތް ހާލަތުގަ އެވެ. ޓީމުގެ ހެޑް ކޯޗުކަމަށް ހަމަޖެއްސި މުހައްމަދު އާތިފް، އެ ޓީމުގެ ޕްރޮޖެކްޓް ދޫކޮށްލީ ގައުމީ އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވުމަށެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ސީޒަނާ ކުރިމަތިލީ އެސިސްޓެންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ގެ ބެލުމުގެ ދަށުންނެވެ.
ރަނގަޅު ޕްރީ ސީޒަނެއް ވެސް ކުރިއަށް ނުގެންދެވުމުން، ވިކްޓަރީން މިހާރު ޕްލޭން ކުރަނީ އަންނަ މަހު ގައުމީ ޓީމުގެ މެޗަށް ލީގު ދެ ހަފުތާ އަށް މެދުކަނޑާލުމުން މާލެއިން ބޭރުގައި ޕްރީ ސީޒަން ސްޓައިލްގެ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށެވެ.
"ކޮންމެވެސް ރަށަކަށް ގޮސް ކޭމްޕެއް ގެންދެވޭތޯ އަލަށް ހަވާލުވާން އުޅޭ މެނޭޖްމެންޓުން ވަރަށް އެބަ މަސައްކަތް ކުރޭ،" ވިކްޓަރީގެ އޮފިޝަލް ބުންޏެވެ.
އެހާހިސާބަށް ދާއިރު އެ ޓީމަށް ގެންނަ، ބިދޭސީ ކޯޗު ވެސް އަދި ލިސްޓްގައި ޖަހާފައިވާ ބިދޭސީ ހުރިހާ ކުޅުންތެރިން ވެސް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ބެލެވެ އެވެ.
ސީޒަނަށް ތައްޔާރުވުމަށް ވެލެންސިއާއިން މަސައްކަތް ފެށި އެ ކްލަބްގައި އޮތް ބޮޑު ދަރަނި ހަލާސްކޮށްފަ އެވެ. ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން އެ ކްލަބަށް ދިން ފައިސާއިން ވެލެންސިއާއިން ދެއްކީ ދެ އަހަރު ވަންދެން އެ ކްލަބްގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަންޏެވެ.
އެ ޓީމަށް ކުރިން ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އަށް ދޭން ޖެހިފައި އޮތް މުސާރައިގައި އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް، ވެލެންސިއާއިން ފީފާ އަށް ދައްކައި ޓްރާންސްފާ އަދަބުން ސަލާމަތްވި އެވެ.
ކްލަބްގެ ސްޕޯޓްޑް ޑައިރެކެޓަރު އަދި ތަޖުރިބާކާރު ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ގެ ބެލުމުގެދަށުން އުމުރު ވަރަށް ހަގު ކުޅުންތެރިންތަކާ އެކު ވެލެންސިއާއިން ޕްރީ ސީޒަނުގައި ކޮށްފައި އޮތީ ރަނގަޅު މަސައްކަތެއް ކަމަށް، އެ ޓީމުން ކުޅުނު މެޗަށް ފަހު ތަޖުރިބާކާރަކު ބުންޏެވެ.
ފީފާ އަށް ދައްކި ބޮޑު ދަރަންޏާ އެކު ޓްރާންސްފާގެ އަދަބުން ސަލާމަތްވެ، ބިދޭސީ ކުޅުންތެރިންގެ ޖާގަތައް ވެސް އެ ކްލަބުން ވަނީ ފުރިހަމަކޮށްފަ އެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ދިވެހި ލީގުން ޖާގަ ލިބުނު ނިއު ރޭޑިއަންޓަށް އެއް ވަނަ ޑިވިޝަނުގައި ވާދަކުރެވޭނެކަން، ކަށަވަރު ވީ ސީޒަން ފެށެން ކައިރި ވެފައި ވަނިކޮށެވެ. އެކަމަކު އެ ހާލަތަށް އެ ކްލަބްގެ މެނޭޖްމެންޓުން އޮތީ ދުރާލާއި ތައްޔާރު ވެފަ އެވެ.
ކްލަބްގެ ޗެއާމަން އަހުމަދު މުބީން އޭރު ވެސް ވިދާޅުވީ ކޮންމެ ޑިވިޝަނެއްގައި ވާދަކުރަން ޖެހުނަސް ނިއުއިން ވަރުގަދަ ސްކޮޑެއް އެކުލަވާލާނެ ކަމަށެވެ. މަޝްހޫރު ކުޅުންތެރިން ސޮއި ކުރުވި އެވެ. ނަމަވެސް އެ ކުޅުންތެރިން ޓީމުގައި ރަޖިސްޓަރީ ކުރެވުނީ، ކުރިން އެ ޓީމަށް ކުޅުނު ގާނާގެ އަބްދުލް ފައްތާހް އަށް ދޭން ޖެހިފައި އޮތް މުސާރަ އަށް އަރާ 17،000 ޑޮލަރު ދެއްކުންނެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭންއާ އެކު ނިއުއިން ލީގު ފެށީ ޓީސީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
ތައްޔާރީތައް ރަނގަޅަށް ނުގެންދެވުނު ސަބަބާ ބެހޭގޮތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ކުޅުންތެރިންނަށް ދޭން ޖެހިފައި ހުރި މުސާރަ، ދެ އަހަރުވީ އިރު ވެސް ހަލާސް ނުކުރެވުމަކީ ވެސް ރަނގަޅަށް ތައްޔާރު ނުވުވުނު ސަބަބެއް ކަމަށެވެ
"ޓީމު ޓްރޭނިން ކޭމްޕަށް ގޮވާލުމުގެ ކުރިން އެބަޖެހޭ އޭގެ ކުރީ ސީޒަނުގެ ޕޭމަންޓްތައް ނިންމަން. ފައިނޭންޝިއަލީ ކްލަބްތައް އެހާ ހެލްދީއެއް ނޫންކަން އެންމެންނަށް އެނގޭ،" އޭނާ ބުންޏެވެ.
އަނެއް މައްސަލައެއްގެ ގޮތުގައި ކްލަބެއްގެ ހެޑް ކޯޗު ފާހަގަ ކުރީ ސީޒަން ފަށާނެ ތާރީހާ މެދު ކްލަބްތަކަށް ވެސް ސުވާލު އުފެދިފަވުމެވެ.
އޭޕްރީލްގައި ސީޒަން ފަށަން، އޭރު ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެފްއޭއެމުން މަސައްކަތް ކުރި އެވެ. އެކަމަކު ފީފާއިން އަންގައިގެން ސީޒަން ފަސް ކުރި އެވެ.
އެފްއޭއެމްގެ އިންތިހާބީ މައްސަލަތަކުގައި ކްލަބްތަކުގެ މެދުގައި ހިޔާލުތައް ބައިބައިވެފައި އޮތުމުން، ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޝަނަކަށް ހިނގައިދާނެ ކަމުގެ ބިރު ވެސް އޮތެވެ. "ފުޓްބޯޅަ ޕޮލިޓިކްސް" ގެ އެ ހައިޖާނެއްގައި ކްލަބްތަކުގެ ވެރިން ތާށިވުމުން، ޕްރީ ސީޒަނާ މެދު ވިސްނާކަށް ގިނަ ކަލްބްތަކުން ވަގުތެއް ނުހޯދި އެވެ.
އެހެން ކޯޗަކު ބުނީ ޕްރީ ސީޒަން ހަރުދަނާ ކުރެވޭނެ އަނެއް ސަބަބަކީ ކުރިއަށް އޮތް ސީޒަނުގެ ތާރީހުތައް ދުރާލައި އެންގުން ކަމަށެވެ.
"މި ސީޒަނުގެ މެދުތެރެއަށްދާއިރު އެންގެން ވާނެ ދެން އަންނަ ސީޒަނުގައި މެޗުތައް ކުޅޭނެ ތާރީހުތައް. އެކަން ދުރާލައި އެނގުމަކީ ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލެއް ހޯދަން ކުރެވިދާނެ ކަމެއް،" އޭނާ ބުންޏެވެ.
އެނާ ސިފަކުރާ ގޮތުން މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތީ "ނިއު ނޯމަލް" ހާލަތުގަ އެވެ.
އެހެންވެ މިހާލަތުގައި އެގޮތަށް އެކަން ކުރަން "ހިޔުމަން ރިސޯސް ކެޕޭސިޓީ" ނުހުރެދާނެކަން ވެސް ކޯޗު ގަބޫލު ކުރެ އެވެ.
އޭނާ ދެން ބުނީ ޕްރެކްޓިސް ކުރާނެ އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ވެސް ރަނގަޅު ޕްރީ ސީޒަނެއް ހެދުމަށް އޮތް ހުރަހެއް ކަމަށެވެ. ހަމައެކަނި މާލެ އަށް ބަރޯސާވެފައި އޮތް ލީގުގައި ޓީމުތަކުގެ ޕްރެކްޓިހަށް ލިބޭނީ މާފަންނު ސްޓޭޑިއަމްގައި އޮތް ދެ ދަނޑާއި ވިލިމަލޭގެ ދަނޑެވެ.
ލީގުގައި ވާދަކުރާ 10 ޓީމަށް ޕްރެކްޓިސް ކުރަން އޮތް އެ ވަސީލަތްތައް ބަހަންޖެހޭނީ ކޮންމެ ޓީމަކަށް ދަނޑުގެ ފަޅިއެކެވެ.
"ވިއްސަކަށް އަހަރު ވަނީ އަހަރެމެންގެ ކްލަބްތައް މިގޮތަށް ޓްރޭން ކުރާތާ ވެސް،" އޭނާ ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން އެކަންކަން ހައްލު ކުރަން ގިނަ ވަގުތާއި ކެތްތެރިކަން ބޭނުންވާނެކަމަށް ވާހަކަ ދެއްކި ތަޖުރިބާކާރުން ފާހަގަ ކުރި އެވެ.