21 ސެޕްޓެމްބަރ 2025 - 06:18

(ބުދަ ދުވަހާ ގުޅޭ)
"އެ އަނގޮޓީގެ ކެއުޅަން ތެރޭގަ އޮންނަ އެތި އަހަންނަށް ދިނީމަ ނިމުނީ." ބަތޫރު ތަފުސީލުކޮށްދިނެވެ.
"ކިހިނެއްވީ؟" ދެކޮޅު ހޯދައިލަމުން ރާއިފު އެހިއެވެ. "މީހަކު އަންނަނީތަ؟"
އަންޖަލްއަށް ޖެހުނީ އެއްފަހަރާ ދެ ދިމާއަށް ސަމާލުކަން ދޭށެވެ. އެއީ ފަސޭހަކަމެއް ނޫނެވެ.
"މާ ލަސްވެއްޖެ! ހިނގާދަމާ!" އަންޖަލް ބުންޏެވެ.
ދެ މީހުން ތެދުވެގެން ހިނގައިގަތެވެ. އޭރު، އަންޖަލްއަށް ގޮވަމުން ރަށުތެރޭގައި ނިޒާރު ހިނގަނީއެވެ. އިރުއިރުކޮޅާ އަންޖަލްއަށް ފޯނު ކުރެއެވެ. އެތައް ފަހަރަކު ރަނގަބީލު ވެފައި ފޯނު ކެނޑެނީއެވެ. ފޯނެއް އޮތަސް އަންޖަލްއަކީ ފޯނު ގެންގުޅޭ ހިތްވާ ކުއްޖެއް ނޫނެވެ.
"އަދި ކިރިޔާ އަހަރެން މީހަކާ މި ރައްޓެހިވީ،" އަންޖަލް ވާހަކަ ދެއްކީ ރާއިފުއަށް ނީވޭ ގޮތަށެވެ. "އަދި ނޭނގެ އިނދެވޭނެ ކަމެއް ވެސް، އިންނާނެ ކަމެއް ވެސް. އަހަންނަކީ އިންސާނެކޭ! ޖިންނިއެއް ނަމަތާ ޖިންނިއަކާ އިންނާނީ."
"އެހެން ގޮތެއް ނެތީމަ ވެސް ޖެހޭނީ އިންނަން،" އަމުރުވެރި ރާގެއްގައި ބަތޫރު ބުންޏެވެ. "ކައިރީގަ ތިހިރަ މީހާ މަރުން ސަލާމަތްވީ އަހަންނާ ހެދި. އެ ކަން ހަނދާން ނައްތާލައިފިއްޔާ ދެން ފަހަރަކުން އޭނަ ސަލާމަތް ނުވެދާނެ. އެނގޭތަ؟ ޖަދުވާން މިހާރު އެ ކައިވެނި ހަމަޖައްސާ ނިންމައިފި. ގަދަކަމުން ނަމަވެސް އޭނަ އެ ކަން ކުރާނެ. މަ ދަންނަން އޭނަގެ ގޮތް. ބަލައްޗޭ! އިރުކޮޅަކުން އަންނާނެ އަންޖަލް ބަލާ! ނުގޮސް ހުރެވޭނެ؟ ގަދަ ހެދޭނެ؟ ނެހެދޭނެ. އަހަރެން އެހީ ނުވެއްޖެއްޔާ އަންޖަލް ޖެހޭނީ ދާން. ޖެހޭނީ އިންނަން. ކުރީ ފަހަރު ވެސް އުޅުނެއްނު އަންޖަލް ހައްޔަރު ކޮށްފަ ބައިންދަން. އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް."
އަންޖަލް އުޅުނީ ފުންކޮށް ވިސްނައިލާށެވެ. އެ ފުރުސަތެއް ނުލިބުނެވެ.
"މިރޭ މަތިން އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ،" ރާއިފު މަޑުމަޑުން ބުންޏެވެ. "އެކަމަކު މާލެ ގޮސް އަހަރެން މަތިން އަންޖަލް ހަނދާން ނައްތާލައިފިއްޔާޔޯ؟ އެހެން ވެދާނެތަ؟"
"ކަލޭމެންގެ މައްސަލަގަނޑުގެ ތެރެއަށް އަހަރެން ނުވައްދަބަލަ!" އަންޖަލް ވާހަކަ ދެއްކީ ބަތޫރުއާއެވެ.
"ކޯޗެއްތަ އެ އަނގޮޓީގަ އޮތީ؟ އެ ވިއްކާލައިގެން ކޯޗެއް ގަންނަން ތި އުޅެނީ؟"
"އަހަރެން މި ކިޔާ އެއްޗެއް އަޑުއިވޭތަ؟" ޖަވާބެއް ނުލިބުމުން ރާއިފު ސުވާލުކުރިއެވެ. "ކޮން ކަމަކާ ތި ވިސްނަނީ؟"
"އޭނ؟ އާނ އަޑުއިވެއޭ!" އަންޖަލް ބުންޏެވެ. "ކީކޭތަ ބުނީ؟"
ރާއިފު ހޭން ފެށިއެވެ. އެ ވަގުތު ދުރުން އަލިތަކެއް ފެންނަން ފެށިއެވެ. އަންޖަލްއަށް ގޮވާ އަޑު ވެސް އިވެން ފެށިއެވެ. ދެ މީހުން އެކުގައި ތިއްބައި ފެނުނަސް ރާއިފުއަކަށް މައްސަލައެއް ނެތެވެ. އެހެނަސް، އަންޖަލްއަށް މައްސަލަ އޮވެދާނެއެވެ. ރާއިފު ކަންބޮޑުވަނީ އެ ކަމާއެވެ.
"އެއީ ވިއްކާ އެއްޗެއް ނޫން. ވިއްކަން ހުންނަ އެއްޗެއް ވެސް ނޫން،" ބަތޫރު ބުނި އަޑުއިވުނެވެ. "ރަނގަޅަށް އަޑުއަހާ! އެ އަނގޮޓީގަ އޮންނާނީ ޕަނީތެއް. އެއީ އަނގުރުއަލިފާން ކުލައިގެ ވަރަށް ނާދިރު، ވަރަށް އަގުބޮޑު ޖަވާހިރެއް. އޭގަ ދިރުމެއް ހުންނާނެ. އޭތި ވަގަކަށް ނުނެގޭނެ. ވަގަށް ނަގާ އިރަށް އޭތީގެ ކުލަ މަރުވެ، ބޭކާރުވާނެ. އެހެން ނޫން ނަމަ އަހަރެން މިހާރު އެ ނަގައިފީމުސް. އަސްލު އެއީ މުނިމާމަގެ އެއްޗެއް. ޖަދުވާނަށް ލިބުނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެ. އެނގޭ އެއްޗަކީ އޭނަ އޭތި ދެބައިކުރިކަން. ދެ އަނގޮޓި ހެދިކަން. އެކަތި އަތީލާއަށް. އަނެކަތި އަންޖަލްއަށް. އެހެން އޭނަ ބުނީ. އޭތި ބޭނުންކޮށްގެން ޖަދުވާން ބަލިކޮށް އަަހަންނަށް ވެރިކަން އަތުލެވޭނެ. އެހާ ވެސް ބާރުގަދަ އެއްޗެއް އެއީ."
"އަންޖޫ!" ތަންކޮޅެއް ބާރަށް ރާއިފު ބުންޏެވެ.
"އާނ ކީކޭ؟" އަންޖަލް ޖަވާބުދިނެވެ.
"ކިހިނެއްހޭ ހަދަންވީ؟" ރާއިފު އެހިއެވެ. "އަންޖޫ ކާފައަށް އަހަރުމެން ދެ މީހުން އެއްކޮށް ފެނުނަސް އޯކޭވާނެހޭ؟ ނޫނީ އަހަރެން ފިލަންވީހޭ؟ ކޮން ކަމަކަށް ގެއްލިފަ ތި ހުންނަނީ؟ ބިރު ގަންނަނީތަ؟"
ވަލަށް ވެއްޓުނު އަލިގުޅަ މަތިން ރާއިފު ހަނދާން ހުއްޓެވެ. ވީމާ، ވަލަށް ވަންނަން އަންޖަލް ނުބުނާނެކަން ރާއިފުއަށް ޔަގީނެވެ. އެހެނަސް، އަންޖަލް އިޝާރާތްކުރީ އެ ދިމާއަށެވެ. ރާއިފު ދުވެފައި ގޮސް ވަލުތެރެއަށް ވަނެވެ.
"ކައިވެނިކުރާ ދުވަހު އަންޖަލް އިނގިލީގަ އެ އަނގޮޓި އަޅުވާނެ،" ބަތޫރު ބުންޏެވެ. "އެ ހިސާބުން އަންޖަލް ނުޖެހޭނެ ވިސްނާކަށް. އަހަރެން އަންޖަލް އެ ތަނުން ނެރެދޭނަން. އަހަންނަށް އިތުބާރު ކުރެވުނަސް ނުކުރެވުނަސް މި ނޫން އެހެން ގޮތެއް ނެތް."
އަންޖަލް ދެއަތް މައްޗަށް ނަގައި ކާފައަށް ގޮވަން ފެށިއެވެ. ނިޒާރުއަށް އެ މަންޒަރު ފެނުނެވެ. އަންޖަލްއާ ދިމާއަށް ނިޒާރު ދުއްވައިގަތެވެ.
"ތިހެން ބުނެފަ އަހަރެންނަށް ކަލޭ އެހީ ނުވެއްޖެއްޔާޔޯ؟" އަންޖަލް ސުވާލުކުރިއެވެ. "ކާކު ބަތޫރަށް އިތުބާރު ކުރާނީ؟"
"އެ ވާހަކަތާ މި ބުނީ،" ބަތޫރުގެ އަޑު އެ ފަހަރު އިވުނީ މަތިންނެވެ. "އަހަންނަށް ރަނގަޅީ ވެސް އަހަންނަށް އިތުބާރު ނުކުރިއްޔާ! އެންމެ ފަހު ވަގުތު އަހަރެންގެ ހިޔާލު ބަދަލުވެދާނެ. އެކަމަކު އަންޖަލްއަކަށް އެހެން ގޮތެއް ނެތެއް ނޫންހޭ! އަހަރެން ބުނާ ކަންތައް ނުކޮށްދީފިއްޔާ އެ ސޮރު ދެން ވަލަކުން ނުނިކުންނާނެ. އެކަކަށް ވެސް ދެނެއް އޭނައެއް ނުފެންނާނެ."
"ދަރިފުޅު ރަނގަޅު!" ނިޒާރު އައިސް މައިނޭވާލަމުން ބުންޏެވެ. "ދުރަށް ނުދާށޭ ބުނީމަ ވެސް... އެކަނިމާއެކަނި މި ތާ ކީއް ތި ކުރަނީ؟ މުޅި ބޮލުގަ ހުސް ވެއްޔެއްނު ތި އޮތީ."
އަންޖަލްގެ ބޮލުން ނިޒާރު ވެލިފޮޅައިދޭން ފެށިއެވެ.
"މި ތާ އޮށޯވެގެން އޮތީމަ!" އަންޖަލް ބުންޏެވެ. "ނުވެސް އެނގޭ މިހާ ލަސްވިކަމެއް."
ނިޒާރުއާ އެއްކޮށް އައި އެހެން މީހުން ވެސް އެ ތަނަށް އައެވެ. އެންމެން އެކުގައި ގެއާ ދިމާއަށް ހިނގައިގަތެވެ. ނިޒާރު ހުއްޓައިނުލައި އަންޖަލްއާ ވާހަކަދެއްކިއެވެ. އަންޖަލްގެ ސަމާލުކަން ހުރީ އެހެން ދިމާއަކަށެވެ. ރާއިފުގެ ނަސީބު އަންޖަލްގެ މުށުތެރޭގައިވާ ކަހަލައެވެ.
"އަހަރެންގެ އެބަ އޮތް ޝަރުތެއް،" ބަތޫރަށް އިވޭ ގޮތަށް އަންޖަލް ބުންޏެވެ. "އަހަރެން ތި ކަން ކޮށްދޭނަން. އެކަމަކު އެ ތަނުން އަހަރެން ނެރެދިނީމަ އަނގޮޓި ލިބޭނީ. ދެން އަހަރެން ގެންދަން ބަޔަކު އުޅެފިއްޔާ ކަލޭ ޖެހޭނެ އަހަރެން ސަލާމަތް ވެސް ކޮށްދޭން."
"ރާއިފު ދުށިންތަ؟" ނިޒާރު އެހިއެވެ. "އެނދުގަ އޮށޯވެގެން އޮންނާށޭ ބުނީމަ ވެސް ނޭނގެ އޭނަ ދިޔަ ތަނެއް."
"ކީކޭ ކާފާ؟" އަންޖަލް އެހިއެވެ.
އުދަރެހާ ދިމާއިން ވިދައިލިއެވެ. އެހެނަސް ވައިގަދައެއް ނުވެއެވެ. ރާޅު ބޮޑެއް ނުވެއެވެ. އުޑުގައި ހުރި ތަރިތައް ވެސް މަދެއް ނޫނެވެ.
"ނޫހުގަ އެބަ އޮތް މިރޭ ވަރަށް ވިއްސާރަވާނޭ!" ނިޒާރު ދެން ދެއްކީ އެހެން ވާހަކައެކެވެ. "މާ ރަނގަޅުވީސް މިރޭ މި ތާ ނުތިބެ ރަށަށް ދެވުނު ނަމަ. ދަރިފުޅު ކީއްވެތަ ފޯނު ހިފައިގެން ނޫޅެނީ؟"
"ދާހާ ތާކަށް އެ ހިފައިގެން ދެވޭތަ ކާފާ؟" އަންޖަލް ޗޮކެއް ކަނޑައިފައި ބުންޏެވެ.
"ބާރުގަދައީ އަހަރެން. ޝަރުތު ވެސް ކަނޑައަޅާނީ އަހަރެން،" ބަތޫރުގެ އަޑުއިވުނީ ތަންކޮޅެއް ދުރުންނެވެ. އަޑު އައީ ކައިރިވަމުންނެވެ.
"ޕަނީތު އަހަންނަށް ލިބުނީމަ، އަންޖަލް ބޭނުން ކަންތައް އަންޖަލްއަށް ކޮށްދެވޭނީ. އަހަރެން މި ދެއްކި ވާހަކަތައް އިވޭނީ އަންޖަލްއަށް އެކަނި. އޮޅިގެން ވެސް އަތީލާ ގާތުގަ މި ވާހަކަ ނުބުނާތި. މިރޭ ޖެހޭނެ ޖަދުވާންއާ ބައްދަލުކުރަން. ބުނޭ ކައިވެނި ތައްޔާރުކުރާށޭ އިނގޭ! ލަސްނުކުރައްޗޭ!"
އެހެން ބުނެފައި ބަތޫރު ނިކަން ބާރަށް މައްޗަށް އަރައިގެން ދިޔުމުން، އޭނަގެ ވައިން ވެލިތައް ބުރައިގެން ދިޔައެވެ.
"އެއީ ކޯޗެއް؟" ސިހިފައި ނިޒާރު ބުންޏެވެ. "ކިހިނެއް އެ ވީ؟"
"ވައިގަދަވަނީކަން ނޭނގެ،" އަންޖަލް ބުންޏެވެ. "ހިނގާ އަވަހަށް ދަމާ!"
އަންޖަލްއަށް ގެއަށް ވަދެވުނީ ކިރިޔާއެވެ. ލޯ ތަރަތަރަޖަހައިގެންދާ ވަރަށް ވިދައިލާފައި، އަޑުގަދަ ގުގުރިއެއް ޖަހައިލިއެވެ.
"ނަސީބެއް ގެއަށް ވަދެވުނުކަން،" ނިޒާރު ބުންޏެވެ. "ރާއިފު އަތުވެއްޖެ؟"
ރާއިފުއަކަށް ވަލުން ނިކުންނާނެ މަގެއް ނުފެނުނެވެ. މަގު އޮޅުނުކަން ނޭނގި ކުރިޔަށް ހިނގިއެވެ. ހަގީގަތުގައި ރާއިފަށް ހިނގެނީ ކުރިޔަކަށް ނޫނެވެ. އެއް ތަންކޮޅެއްގައި ވަށައި ބުރުޖެހެނީއެވެ. އަނެއްކޮޅުން، ލަސްނުކުރައްޗޭ ބަތޫރު ބުނި ނަމަވެސް، ކޮންމެހެން އެ ރޭ ޖަދުވާންއާ ބައްދަލުކުރާކަށް އަންޖަލް ނުވިސްނައެވެ. އޭގެ ސަބަބުން ބަތޫރުގެ މަޅިއެއްގައި ރާއިފު ޖައްްސަފާނެ ކަމަކަށް ވެސް އަންޖަލް ހިޔެއް ނުކުރެއެވެ. ބަތޫރު އެހެން ނުބުނާތީއެވެ.
ވާރޭވެހިގަތެވެ. ހީވީ ފުރާޅަށް އަކިރިތަކެއް ފައިބައިގަތްހެންނެވެ. އެއީ ކުއްލިއަކަށް އޮއްސައިލި ބޮޑުތިކިވާރެއެވެ. އޭރު އަންޖަލް އިނީ ރާއިފު ގެއަށް ނާންނާތީ ކަންބޮޑުވެފައެވެ. އެހެން މީހުން ވެސް ރާއިފުގެ ވާހަކަ ދައްކާ އަޑު އަންޖަލްއަށް އިވެއެވެ. އެ ފަދަ ބޯ ވާރެއެއްގައި، ގެއިން ބޭރުގައި ރާއިފު ކުރަން އޮންނާނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެންގެ ވެސް ސުވާލަކީ އެއީއެވެ. އަންޖަލް ދަބަހުން ފޯނު ނަގައިފައި ރާއިފަށް ގުޅައިލިއެވެ. ރާއިފުގެ ފޯނު ނިވިފައިވާ ކަމެއް ރާއިފަކަށް ނޭނގެއެވެ. ތެމިފޯވެގެން ވަލުތެރޭގައި ހިނގިއެވެ. އަހަންނަށް މަގު އޮޅުނީބާއޭ ވެސް ރާއިފު ހިތަށް އެރިއެވެ. މަގު އޮޅުނަސް، މީހަކާ ގުޅުމުގެ ބަދަލުގައި ރާއިފު އަމިއްލައަަށް މަގު ހޯދާނީއެވެ. ހިތުގައި އޮތީ އެ ކަހަލަ އަޒުމެކެވެ. ބޮޑު އަނބުގަހުގެ ފަލަ ގޮތްޕެއްގައި އުޑަފައިން އިށީނދެގެން އިން ބަތޫރަށް، އެ ގަސް ވަށައި ދުރުދުރުން ރާއިފު އެނބުރޭ ތަން ފެނެއެވެ. ބަތޫރު ބޭނުންވީ ރާއިފަށް ބަތޫރު ފެންނާށެވެ. ބިރު ގަންނަވައިލާށެވެ. ވީހައި ވެސް ބިރުވެރި ސިފައެއްގައި ބަތޫރު އިނީ އެ ބޭނުމުގައެވެ.
އިންސާނަކާ ވައްތަރު އެ ހަށިގަނޑު ހީވަނީ މުލުން ގަތާފައިވާ ފުރޭތައެއް ހެންނެވެ. ކަށްބޮލުގެ އަނގަ ހުރީ ތަންމިނަށް ހުޅުވިފައެވެ. ލޯ ހުންނަންވާ ދެ ވަޅުކޮޅު ތެރެއިން ފެންނަނީ ހުދުކުލައިގެ ދެ އަލިކޮޅެވެ. އެ ވަރަށް ތައްޔާރުވެގެން އިނީމައި ވެސް ރާއިފު މައްޗަކަށް ނުބެލިއެވެ. ބަތޫރު އަނބު ގަހުގެ ފަލަ ގޮފިގަނޑެއް އިރާލައިފައި ވައްޓައިލިއެވެ. ކައިރީގައި ހުރި ރުކަކުން އިހަލެއް ވައްޓައިލިއެވެ. ދެން ވެސް ރާއިފު ނުބެލުމުން މާކަނައެއްގެ އަޑުން، ވަރަށް ބާރަށް ބަތޫރު ގޮވައިލިއެވެ. ފަޅުރަށުގައި ތިބި އެންމެންނަށް އެ އަޑުއިވުނެވެ.
ރާއިފު މަތި ބަލައިލިއެވެ. ވިދައިލި ވިދުވަރާ އެކުގައި ބަތޫރު ފެނިފައި ރާއިފު ހޭނެތިގެން ވެއްޓުނެއެވެ. ބަތޫރު ގަހުން ފުންމައިލިއެވެ. ރާއިފުގެ ކުރިމަތީގައި ރާއިފަށް ބަލަހައްޓައިގެން ހުއްޓެވެ. ގުދުވެފައި ރާއިފު އަތްދަނޑި މައްޗަށް ލިއެވެ. އުދުހިގަންނަމުން ހޭރިގަތެވެ. (ނުނިމޭ)