ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމާ ގޮތަށް ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި
ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމާ ގޮތަށް ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ މިރޭ ހަވާލުކޮށް، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމަން ސަރުކާރުން ކަނޑައަޅައިފި އެވެ.

ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމާ ގޮތަށް ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި
ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމާ ގޮތަށް ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

ނިލަންދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިރޭ ވިދާޅުވީ، އެ ރަށުގެ އެއާޕޯޓު އަޅަން ބޭނުންވާ ގާތްގަނޑަކަށް 1،500 މީޓަރުގެ ދިގު ރަންވޭއަކަށް ބޭނުންވާ ވަރަށް މިހާރު އެމްޓީސީސީގެ ފަރާތުން ބިން ހިއްކައި ނިމެމުން އަންނަ ކަމަށެވެ. އަދި އިތުރު 300 މީޓަރަށް ބޭނުންވާ ސަރަހައްދު ހިއްކަން ވެސް އެ ކުންފުންޏާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ނިމޭއިރު 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކިގެން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ މިރޭ ހަވާލުކުރީ ނިލަންދޫ އެއާޕޯޓުގެ ސިވިލް ހުރިހާ މަސައްކަތަކާއި އެ ތަން އޮޕަރޭޓް ކުރުމެވެ. އަދި އެ ކުންފުނިން ނިލަންދޫގައި އެންމެ ފުރިހަމަ، ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ތިޔަބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ ބައްލަވާ އެ އަށް ވުރެ ވެސް އަވަސް ވާނެ ކަމަށް،" ވަރަށް ޔަގީންކަމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ނިލަންދޫ އެއާޕޯޓަކީ އެ ރަށުގެ އިތުރުން ފ. އަތޮޅުގެ ތަރައްގީ އަށް ވެސް ކޮންމެހެން ބޭނުން ތަނެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ނިލަންދުއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން މި ސަރުކާރުން ނިންމި އެއް ރަށް ކަމަށާއި ކުރައްވާ ކަމަކީ އެ މަނިކުފާނު ރައްޔިތުންނަށް ދެއްކި މަންޒަރު ހަގީގަތަކަށް ހަދައި ދިނުން ކަމަށެވެ.

"ޓާގެޓެއް ފުރަތަމަ އިއުލާން ކުރަނީ. އެ ޓާގެޓަށް ވާސިލް ކުރުމަށްޓަކައި ދެން މި ކުރަނީ މަސައްކަތްތައް. މި ރަށުގައި އެއާޕޯޓު އެޅިގެން ދިއުން އެއީ މީގެ ތެރެއިން އެންމެ މުހިންމު މަސައްކަތްތައް. އާބަން ސެންޓަރުގެ ގޮތުގައި މި ރަށް ތަރައްގީ ކުރުމުގައި އެންމެ މުހިންމު މަސައްކަތް. އެހެންވެ އެ މަސައްކަތް އެ ގޮތަށް ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދޫގައި ހަދާ އެއާޕޯޓުގެ ބިން ހިއްކަން ފެށީ މިދިޔަ އަހަރު އެވެ.

އޭގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ވެސް ވަނީ ޖަހައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު، އެ ރަށުގައި އޮތީ އެއާޕޯޓް އަޅަން ނިންމައި ބަޖެޓް ވެސް ކަނޑައަޅައިފަ އެވެ. އޭރު އީއައިއޭގެ މަސައްކަތް ނިންމުމަށް ފަހު، އެ ސަރަހައްދުގައި ހުރި ރުއް ގަސްތަކަށް ބަދަލު ދޭނެ އަގު ވެސް ކަނޑައެޅި އެވެ.

އޭގެ ފަހުން އެމްޑީޕީގެ ސަރުކާރުގެ ކުރީކޮޅު ވެސް ނިލަންދޫ އެއާޕޯޓަށް ބަޖެޓް ކަނޑައެޅި އެވެ. އެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީން 2022 ވަނަ އަހަރު އެމްޓީސީސީއާ އެކު އޭރު ވެސް ސޮއިކުރި އެވެ. އެ ދެ މަޝްރޫއަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ހަމަޖެއްސި އެވެ.

ނަމަވެސް، އެމްޑީޕީގެ ސަރުކާރުގެ ވިސްނުން ބަދަލުވެ، އެ މަޝްރޫއު ބަދަލުކުރީ އެ ރަށުން، ލަކުޑި ފެރީއެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ މަގޫދުއަށެވެ. ނިލަންދޫގައި އަނެއްކާ އެއާޕޯޓު އަޅަން ހަވާލުކުރިއިރު ވެސް، މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފަ އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.