20 ސެޕްޓެމްބަރ 2025 - 20:56

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ [ސެނެޓް] ގެ ޗެއާމަން ޔޫސުފް ރަޒާ ގިލާނީއާ ބައްދަލުކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ގީލާނީއާ އެކު ބޭއްވި ބައްދަލުުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ. ތައުލީމާއި ސިއްހަތާއި ވިޔަފާރީގެ ދާއިރާއިން ޕާކިސްތާނުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަކުރެއްވި ކަމަށް ވެސް ބުންޏެވެ.
ޕާކިސްތާނުގެ ހިލޭ އެހީގައި ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް އެ ގައުމުން ދޭ އެހީތެރިކަމަށްޓަކައި އަބްދުއްރަހީމް ޕާކިސްތާނު ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ. މަޖިލީހުގެ އިމާރާތަކީ ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދެބޭފުޅުންގެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުމުގެ އިތުރުން އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ވެސް ވާހަކަދެއްކެވި އެވެ. ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާ ކުށްވެރިކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ފަަލަސްތީނަށް ތާއީދުކުރުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ރަސްމީދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދުދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ޝަޒީމު ވެސް ޕާކިސްތާނަށް ވަޑައިގަތެވެ.