20 ސެޕްޓެމްބަރ 2025 - 20:07

ފ.ފީއަލީގައި ހުއްޓިފައިވާ މަޝްރޫއުތައް ފަށައި އަވަހަށް ނިންމައިދޭން އެ ރަށުގެ ގިނަ ބަޔަކު މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ދަންނަވައިފި އެވެ.
ރައްޔިތުން ބޭނުންވާ ވާހަކަތައް ރައީސަށް ދެންނެވޭ ގޮތަށް އެރަށުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި ގާތްގަނޑަކަށް ހުރިހާ އެންމެން ވެސް ބުނީ އެރަށަށް މިހާރުން މިހާރަށް ބޭނުންވާ ގިނަ ހިދުމަތްތަކާ ގުޅޭ މަޝްރޫއުތައް ކުރީގެ ސަރުކާރުން ފެށި ނަމަވެސް މިހާރު ހުރީ ހުއްޓިފައި ކަމަށެވެ. އެހެންވެ އެ މަޝްރޫއުތައް އަލުން ފަށައި، ނުހުއްޓި ކުރިއަށް ދާނެކަން ކަށަަވަރުކޮށްދޭން ވަނީ އެދިފަ އެވެ.
"ވަރަށް އާދޭހާ އެކު އެދެން މަނިކުފާނު، ބިންހިއްކުމުގެ މަޝްރޫއު މަޑުޖައްސައިނުލައްވާށޭ،" ރަށުގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފީއަލީގެ ކުނިކޮށި މިހާރު ހުރި ތަނުގެ ސަބަބުން ރައްޔިތުންނަށް ސިއްހީ ގޮތުން ވެސް ނުރައްކަލަކަށް ވާތީ ކުނިކޮށި އެހެން ތަނަކަށް ބަދަލުކޮށްދޭން ވެސް މީހަކު ރައީސަށް ދެންނެވި އެވެ.
އެ ވާހަކަތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފީއަލީގައި ފަށާފައި އޮތް ބިން ހިއްކުމުގެ މަޝްރޫއުގެ ޖާގަ އިތުރުކޮށް، 15 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ވައުދުވެވަޑަައިގެންފައި ވާނެ ކަމަށާ، އެ މަސައްކަތްތައް ލަސްވީ ބޮޑުހިލަ ހޯދަން ކުރަން ޖެހުނު މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.
"ނަމަވެސް އެ މައްސަލަތައް ހައްލުކުރެވި ބޭނުންވާ ދިމަދިމާލަށް ބޮޑުހިލަ ގެންދިއުމުގެ މަަސަައްކަތް ވަނީ ފެށިފައި. އެހެންވީމާ މިރަށަށް ވެސް ވަރަށް އަވަހަށް އަންނާނެ. އެހެންވީމާ 15 ހެކްޓަރުގެ ބިން ހިއްކިގެންދާ ގޮތަށް މި މަޝްރޫއު ފެށިގެންދާނެ ދާދި އަވަހަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ފަށައިގެން ނިންމައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެކިއެކި ސަބަބުތަކާ ހެދި ހުއްޓިފައި ހުރި އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށާއި އެ މަޝްރޫއުތައް ހުއްޓިފައި ހުރީ ވަރަށް ގިނަ ދަތިތައް ދިމާވެގެން ކަމަށް ވެސް ރައީސްް ވިދާޅުވި އެވެ.