އެއްވަނަ ޑިވިޝަނުގައި އޮޑީގެ ދަތުރުގެ ފެށުން ކާމިޔާބު
އެއްވަނަ ޑިވިޝަނުގައި އޮޑީގެ ދަތުރުގެ ފެށުން ކާމިޔާބު

އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ އޮޑި ސްޕޯޓްސްއިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް 4-0 ން މޮޅުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔޫވީއާ ދެކޮޅަށް އޮޑިން ކުޅުނު މެޗަކީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި އެ ކްލަބް ކުޅުނު ފުރަތަމަ މެޗެވެ.

އެ ޓީމު އެއްވަނަ ޑިވިޝަނަށް ކޮލިފައިވީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އެ ކްލަބް ރީ ބްރޭންޑްކޮށް، ލޯގޯ އާއި ނަން "އޮޑި" ގެ ނަމަށް ބަދަލު ކުރި އެވެ.

ދެވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ޓީމުގައި މަޑުކުރުވި އެވެ. އެކަމަކު އެ ޓީމުން ވަނީ ސީޒަން ފެށުމުގެ ކުރިން، ދެ ފަހަރަށް ކޯޗުން ބަދަލުކޮށްފަ އެވެ. މެއި މަހު އެފްއޭމުން ބޭއްވި ލީގު ކަޕްގައި އެ ޓީމަށް ކޯޗުކޮށް ދިނީ އޮސްޓްރޭލިއާގެ އެންޑްރޫ ގިލަންއާ އެކު އެވެ. އެކަމަކު އެ މުބާރާތުގެ ފުރަތަމަ މެޗަށް ފަހު ކޯޗު މަގާމުން ދޫކޮށްލީ އާއިލީ ކަމެއްގައި އޭނާ ދާން ޖެހުމުންނެވެ.

ލީގަށް އެ ޓީމުން ކުރިމަތިލީ ސްޕެއިންގެ ކޯޗު އެންޑްރެސް ގާސިއާ އެކު އެވެ.

ފުރަތަމަ ޑިވިޝަނުގައި އޮޑީގެ ފުރަތަމަ ގޯލް ޖަހައި ދިނީ އަބްދުﷲ ލޫތު އިބްރާހިމެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނެޓްގަ އެވެ.

އޮޑީގެ ފުރަތަމަ މެޗު ހާއްސަވި އެއް ކުޅުންތެރިޔަކީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ސިއްހީ ބައެއް މައްސަލަތަކާ އެކު ކުރިން ކުޅުން ހުއްޓާލި ހޮކޭ އަލުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެން މިއައީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އޭނާ ވަނީ އެންމެ ފަހުގެ ދެވަނަ ޑިވިޝަނުގައި ވެސް އޮޑީގެ ޓީމަށް ކުޅެފަ އެވެ.

މި މެޗު ހާއްސަވާ، އަނެއް ކުޅުންތެރިޔަކީ ދެ އަހަރަށް ފަހު އެއްވަނަ ޑިވިޝަނުގައި މެޗެއް ކުޅުނު އިބްރާހިމް ވަހީދު ހަސަން އެވެ.

އެންމެ ފަހުގެ ސީޒަނުގައި ވެލެންސިއާއިން އޭނާ ސޮއި ކުރުވި އެވެ. އެކަމަކު އޭރު އެ ކްލަބްގައި އޮތް ޓްރާންސްފާ ބޭންއާ ހެދި އިއްބެ ރަޖިސްޓަރީއެއް ނުކުރެވެ. ގާތްގަނޑަކަށް ނުވަ މަސްވަންދެން ރަސްމީ އެއްވެސް މެޗެއް ނުކުޅެ ހުރި އިއްބެ، އަލުން ކުޅެން ފެށީ ދެވަނަ ޑިވިޝަން މުބާރާތުގައި އޮޑިންނެވެ.

މެޗުގައި އޮޑީގެ ދެވަނަ ލަނޑު ޖެހީ އޭނާ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އަހްޒަމް ރަޝީދާއި މުޒްދާން ހަސަން އެވެ.