ޕޯޗްގަލް އިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
ޕޯޗްގަލް އިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ

ޕޯޗުގަލް އިން ވެސް ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަންނަން ނިންމާފައިވާ ކަމަށާއި އާދިއްތަ ދުވަހު އެކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިކަން އިއުލާނުކޮށްފައި މި ވަނީ މި މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައި ވަނިކޮށެވެ.

އދ.ގެ އާންމު މަޖިލީހުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް، ކެނެޑާ އަދި ފްރާންސް ހިމެނެ އެވެ. މި ގައުމުތަކުން މިކަން އިއުލާނުކުރީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާއި ޣައްޒާއަށް ކުރިމަތިކޮށްފައިވާ ނުރައްކާ ހާލަތުގެ ސަބަބުން އެ ކަންކަން ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ޕޯޗްގަލް އިން ޖުލައި މަހު ވެސް ވަނީ ޣައްޒާގެ ހާލަތާއި އިޒްރޭލުން ފަލަސްތީނުގެ އިތުރު ބިންތައް ހިފާނެ ކަމަށް ދޭ އިންޒާރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ވިސްނާ ކަމަށް ބުނެފަ އެވެ.

"ޕޯޗުގަލް އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން ފޮރިން މިނިސްޓްރީން ކަށަވަރު ކޮށްދެމެވެ. އެކަން ރަސްމީކޮށް އިއުލާން ކުރާނީ މި މަހުގެ 21 ވާ އާދީއްތަ ދުވަހު،" އެ މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަމުން ދާތީ އިޒްރޭލުން އެކަމާ ރުޅި ގަދަވެ، އެއީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއަށް އިނާމު ދިނުން ކަމުގައި ދަނީ ސިފަކުރަމުންނެވެ.

އެކަމަކު އިޒްރޭލުގެ ސަބަބުން ޣައްޒާ ބަނޑަށް ޖެހި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވާތީ އިޒްރޭލުގެ މި ނުރުހުމާ އެކު ވެސް އިޒްރޭލުގެ އެކުވެރި ބައެއް ގައުމުތަކަށް ވެސް ފަލަސްތީނު ބަލައިގަތުމަށް މަޖުބޫރުވާ ހާލަތަށް ވަނީ ގޮސްފަ އެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ އެޑްވައިޒަރަކު އިއްޔެ ވިދާޅުވި ގޮތުގައި އެންޑޯރާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ލަގްޒެމްބާގް، މޯލްޓާ އަދި ސެން މެރީނޯ އިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ އެވެ.

އަންނަ ހަފުތާގައި ނިއު ޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އެންމެ ބޮޑަށް ދެކެވޭނެ ކަމަށް ބެލެވިފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް "ދެ ދައުލަތުގެ ހައްލު" ހޯދުމާ ބެހޭ ވާހަކަ އެވެ.

އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ. -- އޭއެފްޕީ