ޑްރަގްގެ ބޮޑުންނަށް އެންމެ ބޮޑު ޖޫރިމަނާއާ އެކު ބައިގަރުނުގެ ޖަލު ހުކުމް
ޑްރަގްގެ ބޮޑުންނަށް އެންމެ ބޮޑު ޖޫރިމަނާއާ އެކު ބައިގަރުނުގެ ޖަލު ހުކުމް

ރާއްޖެއަށް މިފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ޑްރަގް އެތެެރެކުރި މައްސަލައިގައި އެންމެ އިސްކޮށް ތިބި މީހުންނަށް ބައި ގަރުނުގެ ޖަލުހުކުމެއް އިއްވުމާ އެކު 10 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކަނޑައެޅި މި ޖޫރިމަނާ އަކީ މަސްތުވާތަކެތީގެ ގާނޫނުގައި ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ ކަމަށް ވާއިރު، މިއީ މިހާތަނަށް މި ގާނޫނުގެ ދަށުން އެންމެ ބޮޑު ޖޫރިމަނާ ކަނޑައެޅި ފަހަރެވެ.

ކަންނެލި ދޯންޏެއްގައި 127 ކިލޯއަށް ވުރެ ގިނަ ޑްރަގް އެތެރެކުރި، އެ މައްސަލައިގެ އިސް ދެ މީހުންނަކީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ އެވެ.

މި މީހުންނާ އެކު މިކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އިގުބާލާއި މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.

މި އެންމެންގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކްކުރުމާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ދައުވާކޮށްފައި ވާއިރު އެއީ އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށްވާ 25 އަހަރުގެ އަދަބު ލިބޭ ދެ ކުށެކެވެ. އެހެންވެ ކޮންމެ މީހަކަށް އެ ދެ ކުށަށް 50 އަހަރުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.

އަނަސް އާއި އަސީލްގެ މައްޗަށް މި ދެ ދައުވާގެ އިތުރުން ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމް އައިސްފައިވެ އެވެ. އަދި ބަނގުރާ ފުޅިތަކެއް ގެންގުޅެފައިވާތީ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ސާބިތުވެ މުހައްމަދު ރިޔާދްގެ މައްޗަށް އިތުރު ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

● ޝަހީބް އިބްރާހިމް: 50 އަހަރަށް ޖަލަށް ލުމާއި 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން

● އަހްމަދު މޫސާ: 50 އަހަރަށް ޖަލަށް ލުމާއި 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން

● އަސީލް މާހިރު: 53 އަހަރަށް ޖަލަށް ލުމާއި ހަތަރު މިލިއަން ރުފިޔާއިން ޖުރިމަނާކުރުން

● އަނަސް ހުސައިން: 53 އަހަރަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން

● އިގްބާލް: 50 އަހަރަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން

● މުހައްމަދު ރިޔާދް: 50 އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި އެވެ. ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިފަ އެވެ.

ޑްރަގްސްގެ ބޮޑު މައްސަލައިގައި ޝަހީބުގެ މައްޗަށް ކުށް ސާބިތުވިއިރު، އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުމަށް އޭނާ ހާޒިރުނުވެގެން އޭނާ ހޯދަން ފުލުހުން މިދިޔަ ހަފުތާގައި ވަނީ އޭނާ ހޯދަން އިއުލާނުކޮށްފަ އެވެ. ޝަހީބް އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވީ، ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުުރުމުންނެވެ.

ޝަހީބު ހިމެނޭހެން ހަތް މީހަކު ޑްރަގް ޓްރެފިކިންގެ މި މި ބޮޑު މައްސަލައިގައި ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ފުރަތަމަ އަމުރުކުރި ނަމަވެސް އެކި މަރުހަލާތަކުގައި އެ މީހުން ބަންދުން ދޫކޮށްލި އެވެ.