އެކަނިވެރި މައިން/ބަފައިންގެ ބެލުމުގެ ދަށަށް އަލަށް 69 ކުއްޖަކު
އެކަނިވެރި މައިން/ބަފައިންގެ ބެލުމުގެ ދަށަށް އަލަށް 69 ކުއްޖަކު

އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި، މިދިޔަ މަހު އަލަށް 69 ކުއްޖަކު ރަޖިސްޓްރީވެފައިވާ ކަމަށާއި އެ ހާލަތުގައި ތިބި ކުދިންނަށް މިދިޔަ މަހު އެކަނި ވެސް 4.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެންސްޕާއިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ވެލްފެއާ އެޖެންސީ، އެންސްޕާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިދިޔަ މަހު އަލަށް 30 މައިން/ބަފައިން ރަޖިސްޓްރީކުރި ކަމަށެވެ. އެހެންވެ، އެ އަދަދު މިހާރު ހުރީ 2،870 ގަ އެވެ.

އޭގެ އިތުރުން، އަލަށް ރަޖިސްޓްރީކުރި ކުދިންނާއެކު 4،901 ކުއްޖަކަށް މާލީ އެހީ ލިބޭ ކަމަށް ބުންޏެވެ.

އެ ކުދިންނަށް މިދިޔަ މަހު 4،905،000ރ. ދޫކޮށްފައިވެ އެވެ.

މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ފަގީރު ހާލަތުގައި ދިރިއުޅޭ އަދި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ވެސް ސަރުކާރުން މާލީ އެހީ ދެ އެވެ. އޭގެ ތެރެއިން، ފޮސްޓް ބެލެނިވެރިއެއްގެ ގޮތުގައި ހަތަރު މީހަކު އަލަށް ރަޖިސްޓްރީކޮށްފައިވެ އެވެ. އެ އަދަދު 97 އަށް ވަނީ އަރައިފަ އެވެ.

އެ ހާލަތުގައި 130 ކުދިން އެބަތިއްބެވެ.

އެންސްޕާއިން ބުނީ އެ ކުދިންނަށް މާލީ އިނާޔަތުގެ ގޮތުގައި މިދިޔަ މަހު 178،500ރ. ދޫކޮށްފައިވާ ކަމަށެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މިހާރު ލިބެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ، އިތުރު 1،000ރ. ލިބެ އެވެ.