21 ސެޕްޓެމްބަރ 2025 - 06:02

މިއުޒީޝަނުންނާއި ފިލްމުކުޅޭ މީހުންނާ ހިސާބުން ފެށިގެން ނޫސްމަޖައްލާ އާއި ފޮތް ޝާއިއުކުރާ މީހުންނާ ޖެހެންދެން، ހުޅަނގުގެ ގިނަ އަދަދެއްގެ އާޓިސްޓުން އެމީހުންގެ ދާއިރާތަކުން އިޒްރޭލް ބޮއިކޮޓްކުރަން ގޮވާލަން ފަށައިފި އެވެ.
އެމީހުންގެ އުއްމީދަކީ ދެކުނު އެފްރިކާގައި އެޕަތެއިޑް ކުރިއަށް ގެންދިޔަ އިރު އެގައުމު "ހުއްޓުވަން" އޭރުގެ އާޓިސްޓުން ހޯދި ފަދަ ކާމިޔާބީއެއް އިޒްރޭލް ބްލޮކްކުރުމުގައި ހޯދުމެވެ.
އިޒްރޭލާ ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ހުޅަނގުގެ ސަރުކާރުތަކުން ފަސްްޖެހޭތީ މިއުޒީޝަނުންނާއި މަޝްހޫރު މީހުން ނުކުތީ އެ ސަރުކާރުތަކާ ދެކޮޅަށް އާއްމުން ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރުމުގެ އުއްމީދުގަ އެވެ.
"އަހަރެމެން މިތިބީ މުޅި ދުނިޔޭގައި މިކަން [އިޒްރޭލު ބޮއިކޮޓްކުރުމުގެ] ކޮޅުމަތީގައި ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އިޒްރޭލުގެ އެކްޓަރުން އިނގިރޭސިވިލާތުގައި ހަރަކާތްތެރިވުން މަނާކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމަށް ފަހު އިނގިރޭސި އެކްޓަރު ހާލިދު އަބްދުﷲ އޭއެފްޕީއަށް ބުންޏެވެ.
ހާލިދަކީ "ކައިޓް ރަނާ" އާއި " ދަ ކްރައުން" އިން މަޝްހޫރުކަން ހޯދި އެކްޓަރެކެވެ.
"އޯޕަން ލެޓާ ފްރޮމް ފިލްމް ވޯކާސް ފޯ ޕަލެސްޓައިން" ގެ ނަމުގައި އެކުލަވާލާފައިވާ ޕެޓިޝަނަށް މިހާތަނަށް އެތައް ހާސް ސޮއެއް ވަނީ ލިބިފަ އެވެ. އެ ޕެޓިޝަނުގައި ސޮއިކުރި މަޝްހޫރު މީހުންގެ ތެރޭގައި އެމާ ސްޓޯން އާއި ޖޯކްއިން ފީނިކްސް ހިމެނެ އެވެ.
"އެވަލާންޗެއް [ކުއްލިއަކަށް އަންނަ ސްނޯގެ ސައިލެއް] ހެން މިކަން މިހާރު ދަނީ ތަފާތު ދާއިރާތަކަށް ފެތުރެމުން. މިކަން އޮތީ ހަމަ އެކަނި ފިލްމީ ދާއިރާއަކު ނޫން،" ހުކުރުދުވަހު އޭއެފްޕީއަށް ދިން އިންޓަވިއުގައި އަބްދުﷲ ބުންޏެވެ.
މިހަފުތާގައި ބޭއްވި އެމީ އެވޯޑްސް ހަފުލާގައި އެވޯޑް ހާސިލުކުރި ތަރިއަކަށް ފަހު ތަރިއެއް ގެންދިޔައީ ޣައްޒާގެ ވާހަކަ ދައްކަމުންނެވެ. އެމީހުން ތަކުރާރުކުރީ މިމަހުގެ ކުރީކޮޅު ބޭއްވި ވެނިސް ފިލްމް ފެސްޓިވަލުގައި ދެއްކި ވާހަކަތަކެވެ. ޣައްޒާގެ ވާހަަކަ ދެއްކި އެކްޓަރުންގެ ތެރޭގައި ހާވިއާ ބާޑެމްއާއި "ހެކްސް"ގެ ތަރި ހަނާ އީން ބިންޑަ ހިމެނެ އެވެ.
އިނގިރޭސިވިލާތުގެ ޓްރިޕް-ހޮޕް ޕަޔަނިއަރުން ކަމަށްވާ މެސިވް އެޓޭކް ބުރާސްފަތިދުވަހު އިއުލާނުކުރި ގޮތުގައި އެ ބޭންޑުން ގެންދަނީ "ނޯ މިއުޒިކް ފޯ ޖެނޮސައިޑް"ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. އެ ހަރަކާތުގައި އާޓިސްޓުން މަސައްކަތްކުރާނީ އެމީހުންގެ ލަވަތައް އިޒްރޭލުގައި ސްޓްރީމްކުރުން ހުއްޓުވުމަށެވެ.
އެހެން ދިމަދިމާލުން އިޒްރޭލަށް ކުރިމަތިކުރަމުން ގެންދާ ބޮއިކޮޓް ހަރަކާތްތަކުގެ ތެރެއިން އެއް ކަމަކީ ޔޫރޯ ވިޝަން ސޯންގް ކޮންޓެސްޓްގައި އިޒްރޭލު މީހުން ބައިވެރިނުކުރުމެވެ. ފޮތް ލިއުންތެރިން ވެސް ވަނީ އިޒްރޭލު ބޮއިކޮޓްކުރަން ގޮވާލައި އޯޕަން ލެޓާއެއްގައި ސޮއިކުރަމުންނެވެ. އަނެއްކޮޅުން ސްޕެއިންގެ ބޮޑުވަޒީރު މަސައްކަތްކުރައްވަމުން ގެންދަވަނީ ކުޅިވަރު މުބާރާތްތަކުން އިޒްރޭލަށް ޖާގަދިނުން ހުއްޓުވުމަށެވެ.
އިޒްރޭލުން ޣައްޒާގައި ކުރިއަށް ގެންދާ ޖެނޮސައިޑްގައި ޝަހީދުވި ކަމަށް ރަސްމީ ހިސާބުތަކުން ދައްކާ މީހުންގެ އަދަދު މިހާރު ވަނީ 65،000 ފަހަނައަޅައި ގޮސްފަ އެވެ. ބެލެވޭ ގޮތުގައި މިފަހަރުގެ އުދުވާނުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ލައްކަ އަކަށް ވުރެ އިތުރެވެ.