ބިލެއްދޫ ފަޅު ހަދާއިރު ބިން ވެސް ހިއްކަނީ
ބިލެއްދޫ ފަޅު ހަދާއިރު ބިން ވެސް ހިއްކަނީ

ފ. ބިލެއްދޫ ބަނދަރު މަސައްކަތާ އެކު ބިން ހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅުގެ ރަށްތަކަށް ރައީސް ފެއްޓެވި ދަތުރުގުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ރަށު ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ކައުންސިލާއި މިނިސްޓްރީން ކުރާ މަޝްވަރާގައި ބަލާނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތެއް ކަމަށެވެ.

އީއައިއޭ ހަދައި އޭގެ ނަތީޖާއަށް ވެސް ބަލައި ބިން އިތުރުކުރެވެން އޮތް މިންވަރަކަށް އެކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން އެ ރަށުން ފައިބައިގެން ދާނީ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނިންމުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ބިން ހިއްކާނީ ފަރުގެ އެންމެ ކަނުން ފެށިގެން. އެންމެ ކުޑަކޮށް ޖާގަ ބޭއްވޭ ވަރެއް ބަލަފައި ފަރުގެ ޖާގަ ދޫކުރާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު ވެސް މި މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށް ދާނެކަމަށާއި ބިން ހިއްކުމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ ފައިސާ ހަމަޖެހޭނެކަމަށް ވިދާޅުވި އެވެ.