20 ސެޕްޓެމްބަރ 2025 - 14:08

މާތް ﷲ ރުއްސުންލެއްވި އާއިޝަތުގެފާނުގެ ކިބައިން ރިވާ ކުރެވިގެން ވެ އެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ ﷺ އެ ކަމަނާ އަށް ހަދީސް ކުރެއްވި އެވެ. "އޭ ޢާއިޝާ އެވެ! މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރައްވާށެވެ! ފަހެ ހަމަކަށަވަރުން މާތް ﷲ ގެއެއްގެ އަހުލުންނަށް ހެޔޮގޮތް މެދުވެރި ކުރައްވަން އިރާދަ ކުރައްވައިފި ނަމަ އެ މީހުންނަށް މަޑުމައިތިރިކަމާއި އޯގާތެރި ކަމަށް މަގު ދައްކަވާނެ އެވެ." އެހެން ރިވާޔަތެއްގައި ވާ ގޮތުން "...އެމީހުންގެ ތެރެއަށް މަޑުމައިތިރިކަމާއި އޯގާތެރިކަން ވައްދަވަތެވެ." (އިމާމް އަޙުމަދު)
މި ހަދީސްގައި މާތް ނަބިއްޔާ ﷺ އާއިޝަތުގެފާނަށް އެ އަމުރު ކުރައްވަނީ ކޮންމެ ކަމެއްގައި ވިއަސް މީހުންނާ މުއާމަލާތު ކުރާއިރު މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރުމަށެވެ. އެއީ ބަހާއި އަމަލުގައި ހަރުކަށި ކަމާއި ގަދަފަދަ ކަން ބޭނުން ނުކުރުމެވެ. އަދި ގެއެއްގެ މީހުންނަށް ހެޔޮގޮތް އިރާދަކުރައްވައިފި ނަމަ އެ ގޭގެ މީހުންގެ ކިބައިގައި މި ސިފަ (ރިފްޤު ގެ ސިފަ) ﷲ ލައްވާނެ ކަމަށެވެ. މީގެ މައްޗަށް މީހުން ތަރުބިޔަތު ވެއްޖެ ނަމަ އެއީ ﷲ އެ މީހުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާ ކަމުގެ ދަލީލެއް ކަމެވެ. މި ހަދީސްގައި ބަޔާންވެފައި މިވާ ރިވެތި ސިފައަކީ އިސްލާމީ ދައުވަތާއި ތަރުބަވީ މައިދާނުގައި ވަކިން ހާއްސަކޮށް ބޭނުންތެރި ސިފައެކެވެ. ސަބަބަކީ އިންސާނުން ލައްވައި ކަންކަން ގަބޫލު ކުރުވުމާއި އެ ގަބޫލުކުރުންތަކުގެ މައްޗަށް ސުލޫކު ބައްޓަން ކުރުވުމަކީ ހަރުކަށި ކަމާއި ގަދަފަދަކަން ބޭނުންކޮށްފިއްޔާ އޭގެ ނަތީޖާ މުޅިން ގޯސްވެގެން ދާނެ ކަމެކެވެ.
ހަދީސްގައި ބަޔާންވެފައިވާ "ރިފްޤު" އަކީ މީހުންނާ މުއާމަލާތު ކުރުމުގައި ނިޔަނެތިކަމާއި އޯގާތެރިކަމާއި ކުލުނާއި ފަސޭހަގޮތާއި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ދިއުމާއި ހެޔޮގޮތުގައި މުއާމަލާތު ކުރުމާއި ހަމަހިމޭންކަން ފަދަ، މަޑުމައިތިރިކަމާއި އޯގާތެރިކަމަށް ބާރު ލިބޭ ކޮންމެ ސިފައެއް ދެމެހެއްޓުމެވެ. ހަމައެއާއެކު، އަނެއްކޮޅުން ހަރުކަށި ކަމާއި ގަދަފަދަ ކަމާއި ރުޅިވެރިކަމާއި ދަތި އުނދަގޫ ގޮތާއި ނުބައި ގޮތުގައި މުއާމަލާތު ކުރުން ފަދަ ކަންކަމުން ދުރުހެލިވުމެވެ. ގޭތެރޭގެ މުއާމަލާތު ތަކުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރާ ނަމަ އެއީ ހެޔޮކަމުގެ ތަޅުދަނޑިއެއް ލިބުން ފަދަ ކަމެކެވެ. ﷲ ގެ ހަޒުރަތުން ބަރަކާތާއި ހެޔޮކަން އެގެޔަކަށް ވަންނާނެ ކަމެކެވެ.
އޯގާތެރި ކަމަކީ ﷲ ގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އަދި އެއީ ﷲ އެ ސިފަފުޅަކަށް ލޯބި ކުރައްވާ ސިފަފުޅެކެވެ. މިކަން މާތް ނަބިއްޔާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ (މުސްލިމް). މިގޮތުން އެކަލާނގެ އަޅުތަކުންނަށް އޯގާތެރިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އެދިވޮޑިގަންނަވަނީ އިންސާނުން ވެސް މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކު މުއާމަލާތު ކުރާށެވެ.
މަޑުމައިތިރިކަމާއި އޯގާތެރިކަމަކީ ކީރިތި ރަސޫލާ ﷺ ގެ ސިފަފުޅެކެވެ. މާތް ﷲ ވަނީ އެކަލޭގެފާނަށް މިކަމަށް ތައުރީފު ކުރައްވައިފަ އެވެ. އެކަލޭގެފާނާ އެކުގައި އުޅުއްވި ބޭކަލުންނަށް އެކަލޭގެފާނު އޯގާތެރިވެ ވަޑައިގަތީ ﷲ ގެ ހެޔޮ ރަހުމަތުން ކަމަށާއި އެކަލޭގެފާނަކީ ހިތްޕުޅު ހަރުކަށި ހުލްގު ނުބައި ބޭކަލަކު ކަމުގައިވި ނަމަ އެކަލޭގެފާނު އަރިހުން އެ ބޭކަލުން ވަކިވެގެން ހިގައިދާނެކަން ބަޔާން ކުރައްވާފައި ވެ އެވެ (އާލްޢިމްރާން 159).
މަޑުމައިތިރިކަމާއި އޯގާތެރިކަމަކީ ކޮންމެ ކަމަކަށް ވެސް ލިބެނިވި ޒީނަތެކެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "އެއްވެސް ކަމެއްގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ހިމެނޭ ނަމަ އެއީ އެކަމެއް ރީތިކޮށް ޒީނަތްތެރި ކުރާ ކަމެކެވެ. އެއްވެސް ކަމަކުން މަޑުމައިތިރިކަމާއި އޯގާތެރިކަން ނިގުޅައިގެންފި ނަމަ އެއީ އެކަމެއް ހަޑިހުތުރުވެގެން ދާ ކަމެކެވެ" (މުސްލިމް).
ވީމާ މުއާމަލާތެއްގައި ރީތި ބަހުން ވާހަކަ ދެއްކުން ނުވަތަ މަޑުމައިތިރިކަމާ އެކު، އިރުޝާދު ދިނުން ނުވަތަ ހެޔޮގޮތުގައި މުއާމަލާތު ކުރުން ފަދަ ކަންކަމުން އެ މުއާމަލާތަށް ޒީނަތްތެރިކަން ލިބޭނެ އެވެ. އެއާ ހިލާފަށް މުއާމަލާތެއްގައި ހަޅޭއްލަވައި ޒުވާބުކުރުން ނުވަތަ ތަރުބިޔަތުގައި ގަދަފަދަކަން ދެއްކުން ނުވަތަ ރުޅި އައިސްގެން ނަސޭހަތްދިނުން ފަދަ ކަންކަމުން އެ މުއާމަލާތް ހުތުރު ކޮށްލައެވެ.
އާއިލާގެ ތެރޭގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރުމަކީ ދެބަސްވުން އުފެދޭ ހާލަތެއްގައި ހަޑިހުތުރު ބަސްތައް ބޭނުން ނުކުރުމާއި ކުށެއް ކުރެވިއްޖިއްޔާ މާފަށް އެދުމާއި މައްސަލަ ހައްލު ކުރުމުގައި ރުޅިގަދަ ނުވެ މަޑުމަޑުން ތިބެގެން އެކަން ހައްލު ކުރަން އުޅުން ފަދަ ކަންކަމެވެ.
މިގޮތުން ކީރިތި ރަސޫލާ ﷺ ވެގެން ދިޔައީ އެކަލޭގެފާނުގެ އަހުލުންނަށް އެންމެ ހެޔޮ ބޭފުޅާ ކަމުގަ އެވެ (އައްތިރުމިޛީ). ތައުލީމީ ދާއިރާގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރުމަކީ ފިޔަވަޅަކުން ފިޔަވަޅަކުން ކަންކަން ދަސްކޮށްދިނުމާއި އެންމެ މުހިންމު ކަންތަކަށް އެންމެ އިސްކަން ދިނުމާއި ހިކުމަތުގެ ބޭނުން ކުރުން ފަދަ ކަންކަމެވެ. މިގޮތުން މިސްކިތަށް ކުޑަކަމުދިޔަ އަޢުރާބީއާ މެދު ކީރިތި ރަސޫލާ ﷺ އަމަލު ކުރެއްވީ މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކުގަ އެވެ.
އިސްލާމީ ދައުވަތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރުމަކީ ރިވެތި ވައުޒާއި ހިކުމަތް ބޭނުން ކުރުމާއި ފަސޭހަގޮތަށާއި އުފާވެރި ޚަބަރަށް އިސްކަން ދިނުން ފަދަ ކަންކަން ކުރުމެވެ. މި ކަންކަމަށް ޤުރްއާނުގައި ނުވަތަ ސުންނަތުގައި އިރުޝާދު ދީފައި ވެ އެވެ. މަސައްކަތު މައިދާނުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުންކުރުމަކީ މުވައްޒަފުންގެ ލޯތްބާއި އިހުތިރާމު ލިބެނިވި ގޮތުގައި ކަންކަން ކުރުމާއި އެ މީހުންނަށް މާފުކޮށްދިނުން ފަދަ ކަންކަން ކުރުމެވެ. އަޅުކަމުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރުމަކީ ބަލިމީހުންނާއި މުސްކުޅިންނާއި އެކިކަންކަމަށް އަވަހަށް ދާން ބޭނުންވާ މީހުން ޖަމާއަތުގައި ތިބޭނެކަން ދަނެގެން ލުއިފަސޭހަކޮށް އެކަންކަން ކުރުމެވެ (ބުޚާރީ).
ހައިވާނުންނާ މެދު މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރުމަކީ އެސޮރުމެންނަށް އަނިޔާ ނުކުރުމާއި ހެޔޮކޮށް ހިތުމެވެ. އަދި މިފަދަ ހުރިހާ ހާލަތެއްގައި ވެސް ހިނިތުންވުމާއި އެކަކު އަނެކަކަށް ސަލާމްކުރުން ފަދަ ކަންކަން ކުރުމެވެ.
މި ހަދީސުން މުރައްބީންނަށް ލިބޭ އެއް ފިލާވަޅަކީ، ތަރުބިޔަތު ކުރުމުގައި ލުއިފަސޭހަކަން ގެންގުޅެން ޖެހޭ ކަމެވެ. ޚުދު މި ހަދީސަށް ބަލައިލިޔަސް ކީރިތި ރަސޫލާ ﷺ ގެންގުޅުއްވި މަޑުމައިތިރިގޮތް ފެނެއެވެ. ވަރަށް ލޯބިން އާއިޝަތުގެފާނަށް ގޮވާލައްވައި މަޑުމައިތިރިވާން އިރުޝާދު ދެއްވި އެވެ.
ދެވަނަ ފިލާވަޅަކީ، ގޭތެރޭގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމަށްޓަކައި ގޭތެރޭގައި ވެސް މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުންކުރަން ޖެހޭ ކަމެވެ. މި ސިފަ ނެތިއްޔާ އާއިލާގައި މައްސަލަތައް ފުނިޖެހޭނެ އެވެ.
ތިންވަނަ ފިލާވަޅަކީ، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ވެސް މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރަންޖެހޭ ކަމެވެ. ﷲ ގެ ހަޒުރަތުން ހެޔޮގޮތެއް އައުމަކީ ހާސް ނިއުމަތެވެ.
ހަތަރުވަނަ ފިލާވަޅަކީ، މަޑުމައިތިރިކަމާއި އޯގާތެރި ކަމަކީ ހައްގުތައް ދޫކޮށްލުން ނޫންކަން ދެނެގަތުމެވެ.
އެހެންކަމުން ﷲ ގެ ހައްގަކަށް ނުވަތަ އިންސާނެއްގެ ހައްގަކަށް މީހަކު އަރައިގަންނަ ނަމަ މަޑުމައިތިރވެ، އޯގާތެރިވާށޭ ކިޔާފައި އެކަމެއް ދާނެގޮތަކަށް ދާން ދޫކޮށްލެވިގެން ނުވާނެ އެވެ.
ފަސްވަނަ ފިލާވަޅަކީ، ތަރުބިޔަތު ކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ގެންދަން ޖެހޭނެ ކަމެވެ. އަދި ކުދިންނަށް ކުޅަދާނަ މިންވަރަކުން އެ ކުދިންނަށް ތަކުލީފު ޖެއްސުމެވެ.
ހަވަނަ ފިލާޅަކީ، މަޑުމައިތިރިކަމާ އެކު، ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަން އިސްކަން ދޭން ޖެހޭނެ ކަމެވެ.
ހަތްވަނަ ފިލާވަޅަކީ، މަޑުމައިތިރި ކަމަކީ ހިތްތައް އަތުލައިގަންނަން ތަޅުދަނޑިއެއް ފަދަ ސިފައެއްކަން ދެނެގަތުމެވެ. މިއާ ހިލާފަށް ހަރުކަށިވެ މުއާމަލާތު ނުބައި މީހަކަށް ވެއްޖެ ނަމަ މީސްތަކުން ފެޔަށް ޖެހޭނެކަން ދެނެގަތުމެވެ.
ވީމާ މި ހަދީސުން ލިބިގެން މިދާ ތަރުބަވީ ފައިދާތަކުގެ އަލީގައި ކުދިން ތަރުބިޔަތު ކުރުމުގައި ވިޔަސް އަދި ގޭތެރެއާއި މަސައްކަތު މައިދާނުގައި މުއާމަލާތު ކުރުމުގައި ވިޔަސް މަޑުމައިތިރިކަމާއި އޯގާތެރިކަމާއި ލުއިފަސޭހަކަން ބޭނުން ކުރުން ވަރަށް މުހިންމެވެ. އޭރުން ﷲ އާއި ރަސޫލާގެ ލޯބި ލިބޭނެ އެވެ. ގޭތެރޭގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓޭނެ އެވެ. މީހުންގެ ހިތްތައް އަތުލެވޭނެ އެވެ. މަސްލަހަތުތައް ހާސިލުކޮށް ފަސާދަތައް ނައްތާލެވޭނެ އެވެ. އަދި ހެޔޮކަމާއި ބަރަކާތުގެ އަލާމާތެއް ކަމުގައި މިކަން ވެގެންދާނެ އެވެ.