20 ސެޕްޓެމްބަރ 2025 - 13:17

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ފިލައިގެން އުޅުމަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލިއަސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުގައި ބުނީ އޮގަސްޓް، 12، 2020 ގައި އިތުރު ބަޔަކާ ގުޅިގެން ކަނޑުމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދާ ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅޭ ކަމަށާއި އޭނާ ފިލައިގެން އުޅެން އެހީތެރިވެފައި ވަނީ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެހެންވެ، އާއިޝަތު ވަހީދާ ހައްޔަރުކުރަން އަމުރުކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ފޮރުވައިގެން ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ކަމަށް އަމުރުގައިވެ އެވެ.
އަންހެނުން ހައްޔަރުކުރުމާ އެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާ އަށް އަމިއްލައަށް ހާޒިރުވެފަ އެވެ. ނަމަވެސް، ޝަރީއަތަކަށް ހާޒިރުވުމަށް އޭނާ ހޯދަމުން ދިއުމުން ބަންދުގެ މުއްދަތެއް ނުޖަހަ އެވެ. އަދި އައިޝަތު ވަހީދާ ވެސް ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޝަހީބުގެ އަންހެނުން ދޫކޮށްލިއަސް، ފިލައިގެން އުޅުމަށް އެހީތެރިތެދިނުމުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކަންނެލި ދޯންޏެއްގައި ޑްރަގު އެތެރެކުރަނިކޮށް 2020 ވަނަ އަހަރު ހައްޔަރުކުރި މީހުންގެ އިސް މީހުންގެ ގޮތުގައި ޝަހީބުގެ އިތުރުން ހިމެނެނީ ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.
އެ މައްސަލާގައި ޝަހީބު ރާއްޖޭން ބޭރަށް ދިއުން އޮތީ މަނާކޮށްފައި ކަމަށް އެނގިފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލީ ޖުލައި 2023 ގަ އެވެެ. އޭގެ ކުރިން އޭނާ ބޭސްފަރުވާ އަށް ވެސް ދޫކޮށްލި އެވެ. އެކަމަކު އެ ފަހަރު އޭނާ ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހެޅުމުން އެ ބާތިލްކުރުމާ އެކު ހައްޔަރުކުރި އެވެ.
ރާއްޖެ އަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރެ އެވެ. އެއީ ޝަހީބާއި އަހްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ދުންފިނިގޭ، އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނާއި ބަންގްލަދޭޝްގެ ދެ މީހަކު ކަމަށްވާ އިގްބާލް އާއި މުހައްމަދު ރިޔާދެވެ.