20 ސެޕްޓެމްބަރ 2025 - 12:50

ވ. ރަކީދޫން ބަދަލުވުމަކީ އެ ރަށުގެ ގިނަ ބަޔަކު ބޭނުންވާ ގޮތެވެ. މިވަގުތު 61 މީހުން ތިބި އެ ރަށުން ސަރުކާރުތަކަށް ވެސް މި ނިންމުން ހުށަހަޅައިފި އެވެ. އެކަމަކު އެ މީހުންގެ ކަންބޮޑުވުމަކީ މިއަދާ ހަމައަށް ވެސް އެއީ، "ވަރަށް ދުވަސްވީ ވާހަކައަކަށްވެ" ނަތީޖާއެއް ނުނެރެވުމެވެ. ކުޑަ ރަށަކަށް ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ތިބުމަށް ވުރެ އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ފަހިވެފައިވާ ރަށަކަށް ބަދަލުވާން އެ މީހުން ތައްޔާރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރަކީދުއަށް މިއަދު ވަޑައިގަތުމުން ވެސް ރައްޔިތުން ހުށަހެޅީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށެވެ.

ސަތޭކަ މީހުން ވެސް ހަމަނުވާ އެ ރަށުގައި މުސްތަގުބަލެއް ނެތް ކަމަށް އެ މީހުން ދެކެ އެވެ.

ރައީސް މުއިއްޒު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ވާހަކަ ދެއްކި ގިނަ މީހުން އެދުނީ އެ މީހުންނަށް ރަށުން ބަދަލުވެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. ރަށް ދޫކޮށް ދާން ބޭނުން ނުވި މީހަކު ވެސް ބައްދަލުވުމުގައި އެކަން ރައީސާ ހިއްސާކުރި އެވެ.
ރަކީދޫގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކެވި އަންހެނުންގެ ކޮމިޓީގެ ރައީސާ ޑރ. ވާރިސާ މުހައްމަދު ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރުމަކީ ވަރަށް ގިނަ ދުވަސްވެފައިވާ ވާހަކައެއް ކަމަށެވެ. މިހާތަނަށް އެކަން ނުވެ އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން އެދެނީ މާލެ ސަރަހައްދުން އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ފަހިވެފައިވާ ރަށަކަށް ބަދަލުކޮށްދިނުމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ވަސީލަތެއް ލިބޭ ތަނަކަށް ދާން. ދަރިން މާލެ ނޫނީ އެހެން ރަށަކަށް ކިޔަވަން ފޮނުވާފައި އަޅުގަނޑުމެން މި ތިބެނީ މި ރަށުގައި. ދަރިންނާ ދުރުގައި މިހެން ތިބެން ވަރަށް ހިތްދަތި. އެކަމަކު އެގޮތް އޮތީ،" ވާރިސާ ވިދާޅުވި އެވެ.
ރަކީދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅާ އެ ބައްދަލުވުމުގައި ވިދާޅުވީ ރަކީދޫން މީހުން ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ހައުސިން މިނިސްޓްރީގެ ޓީމެއް މިދިޔަ ހަފުތާގައި އެ ރަށަށް ދިޔަ ކަމަށެވެ. އެ ބައްދަލުވުމުގައި ވެސް ގިނަ ބަޔަކު ހުށަހެޅީ ރަށުން ބަދަލުވާން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގައި މިވަގުތު މި ތިބީ 61 ބޭފުޅުން. އޭގެ ތެރެއިން 41 ބޭފުޅުން ބޭނުން ވަނީ ތުލުސްދުއަށް ބަދަލުވާން. އަނެއް 19 ބޭފުޅުން ބުނީ މާލެ ކައިރިން ތަނެއް ހިއްކައިގެން ބަދަލުކޮށްދޭށޭ. އަނެއް ބޭފުޅާ ބޭނުމެއް ނުވޭ ބަދަލުވާން،" އޭނާ ވިދާޅުވި އެވެ.
އެންމެން ވެސް ރަށުން ބަދަލުވާން ބޭނުންވި އިރު އެކަކު ހުށަހެޅީ، މާލެ ކައިރި ތަނެއް ހިއްކައިގެން ބަދަލުކޮށްދިނުމަށެވެ. މީހުން ދިރިއުޅޭ ރަށަކަށް ބަދަލުވާން އޭނާ ބޭނުމެއް ނުވެ އެވެ.
"މީހުން ދިރިއުޅޭ ރަށަކަށް ބަދަލުވާކަށް ބޭނުމެއް ނޫން. އެކަމަކު މިހާރު ބޭނުން ވަނީ މާލެ ކައިރި ތަނެއް ހިއްކައިގެން ވިޔަސް އަޅުގަނޑުމެން ބަދަލުކޮށްދޭން. މީހުން ދިރިއުޅޭ ރަށަކަށް ހިނގައްޖެ ނަމަ އެ މީހުން ހަދާނީ ކިހިނެއް ކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހެއްގެ ހިޔާލު ތަފާތެވެ. އޭނާ ހުރީ ހުރީ ރަށުން ބަދަލުވާ ގޮތަކަށް ނޫނެވެ.
"އަޅުގަނޑު ބޭނުމެއް ނުވޭ މި ރަށުން ފައިބައިގެން ދާކަށް. މި ރަށުގައި އުޅެން ބޭނުންވަނީ،" އޭނާ ރައީސަށް ދެންނެވި އެވެ.
އެހެން މީހަކު ބުނީ ކޮންމެ ރައީސަކު ވެސް އިންތިހާބެއް ކައިރުވުމުން ވަޑައިގެން ރަށުން ބަދަލުކޮށްދޭނެ ކަމަށް ބުނެ ހުވަފެން ދައްކާ ކަމަށެވެ. އެގޮތަށް ރައީސް މުއިއްޒު ނުހައްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ބުންޏެވެ.
ރައްޔިތުންގެ ވާހަކަތައް އައްސަވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ތެރެއިން 80 ޕަސެންޓް މީހުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ މަޝްވަރާއާ އެކު އެކަން ނިންމަވައި ދެއްވާނެ ކަމަށެވެ.
ރަކީދުއަކީ ގެސްޓް ހައުސްތައް ހަދަމުން އަންނަ ރަށަކަށް ވާތީ، އެ ވިޔަފާރިތައް ވެސް ހިންގޭ ގޮތަށް މީހުން ބަދަލުކުރަން އިސްކަންދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.