20 ސެޕްޓެމްބަރ 2025 - 08:00

މިދިޔަ ބުރާސްފަތި ދުވަހަކީ ސްރީ ލަންކާގެ އުއްމީދީ ކްރިކެޓް ކުޅުންތެރިޔާ ދުނިތު ވެއްލަލަގެ އަށް ވަރަށް އުފާވެރި ދުވަހަކެވެ. އަފްގާނިސްތާން އަތުން ހަ ވިކެޓުން މޮޅުވެ އޭޝިއާ ކަޕުގެ ސުޕަ ފޯ ބުރަށް ލަންކާ ދަތުރުކުރި މެޗުގައި މުހިއްމު ދައުރެއް އަދާކުރެވުމުންނެވެ. އެކަމަކު އެ ހިތްހަމަޖެހުމުގައި މެޗު ނިންމާފައި ދަނޑުން ފޭބި ވަގުތު ދުނިތު އަށް ލިބުނު ހަބަރުން އޭނާގެ ދުނިޔެ އެފުށް މިފުށަށް ޖެހުނެވެ. ދުނިތުގެ ބައްޕަ ސުރަންގަ ވެއްލަލަގެ ހާޓްއެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވީ އެވެ.
ދުބާއީގައި ކުރިއަށްދާ މުބާރާތުގެ މި މެޗު ނިމުނު ވަގުތު ދުނިޔެ އެއްކައިރިއަށް ގެންގޮސް އޭނާ ގާތު ކޯޗު ސަނަތު ޖަޔަސޫރިޔާ އާއި މެނޭޖަރު މަހިންދާ ހަލަގޮންޑޭ ބުނީ ގޭގައި މެޑިކަލް އިމަޖެންސީއެއް ދިމާވެގެން އުޅޭ ވާހަކަ އެވެ. ބައްޕަ މަރުވި ހަބަރު ދިނީ ޗޭންޖިން ރޫމަށް ގެންގޮސްފަ އެވެ. އުމުރުން 54 އަހަރުގައި ސުރަންގަ މަރުވީ މޭޖާ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެނިކޮށެވެ.
ލަންކާ ކްރިކެޓް ފެޑެރޭޝަނުން ވަގުތުން އޭނާ އަށް އެނބުރި ގައުމަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ. އުމުރުން 22 އަހަރުގެ ދުނިތު އިއްޔެ ވަނީ ކޮޅުނބަށް ގޮސް އާއިލާ މެމްބަރުންނާ އެކު، ބައްޕަ އަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފަ އެވެ. އިތުރަށް މަޑުކުރެވެން އޮތް ނަމަވެސް އޭނާ ނިންމީ މުބާރާތުގެ ދެން ހުރި މެޗުތަކުގައި ބައިވެރިވުމަށް އެނބުރި ދުބާއީ އަށް ދާށެވެ. އެހެންވެ ޓީމު މެނޭޖަރުގެ ހަވާލުގައި ލަންކާ އަށް ދިޔަ ދުނިތު ވަނީ މިއަދު ހެނދުނު އެނބުރި ދުބާއީ އަށް ގޮސްފަ އެވެ.
މާނައަކީ، ސުޕަ ފޯ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ލަންކާ ކުޅޭ މެޗުގެ ސްކޮޑުގައި އޭނާ ހިމެނުމެވެ.
ކުއްލި ގޮތަކަށް ބައްޕަ މަރުވުމުން ލިބުނު ހިތާމައިގެ ތެރޭގައި ދުނިތު ދެއްކި ކެތްތެރިކަމާއި، ހިތްވަރު ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ލަންކާ ކޯޗު އަދި ކުރީގެ ބެޓްސްމަން ޖަޔަސޫރިޔާ ބުނީ ދުނިތުގެ ހިތްވަރު ފެނިއްޖެ ކަމަށާއި، ބައްޕަ ފަހުރުވެރިކޮށްދިނުމަށްޓަކައި އޭނާ ގިނަގުނަ ކާމިޔާބީ ހޯދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
"މި އުނދަގޫ ވަގުތު ހަނދާނުގައި ބަހައްޓައްޗޭ، ތިހިރީ އެކަނި ނޫންކަން. ބައްޕައެއްގެ ގޮތުގައި އަހަރެން ހުންނާނަން ކައިރީގައި. މަގުދައްކައިދޭނަން، އިރުޝާދު ދޭނަން، ކޮންމެ ފިޔަވަޅެއް އަޅާއިރު ވެސް އެހީވާނަން،"
"މުޅި ޓީމާއި، މުޅި ގައުމާއި، މި ކުޅިވަރު ދެކެ ލޯބިވާ އެންމެން ތިބީ ދުނިތުއާ އެއްކޮށް،"
ދުނިތު ބައްޕަ ސުރަންގަ ވެސް ކުރިން ކޮންމެވެސް ވަރަކަށް ކްރިކެޓް ކުޅުނެވެ. އަދި ދުނިތު އަށް ކުޑައިރު ތަމްރީން ވެސް ދިނެވެ.
ދުނިތު ވަނީ ލަންކާ އަށް ޓެސްޓް އެއް މެޗާއި، 50 އޯވަރުގެ 29 މެޗާއި، 20 އޯވަރުގެ ހަތަރު މެޗު ކުޅެދީފަ އެވެ.