ސުލްހަ ގާއިމުކުރުމަށް އެންމެ މަތީ ބާރުގެ ބޭނުންކުރާނަން: ޕޮލިސް
ސުލްހަ ގާއިމުކުރުމަށް އެންމެ މަތީ ބާރުގެ ބޭނުންކުރާނަން: ޕޮލިސް

ރާއްޖޭގައި މިހާރު ގާއިމުވެފައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ނަގައިލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ވިޔަ ނުދިނުމަށް ފުލުހުންނަށް ލިބިފައިވާ އެންމެ މަތީ ބާރުގެ ބޭނުން ކުރާނެ ކަމަށް ސިފައިންނާއި ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ އާންމު ކުރި ބަޔާން އިއްވަމުން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ގާއިމުވެފައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ނަގައިލަން ބަޔަކު ރާވާ ކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ. އަދި މިހާރު އޮތް ސުލްހަވެރިކަން ގާއިމުވެފައި އޮތީ ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި އެކަމުގެ ފައިދާ ވެސް ގިނަ ބަޔަކަށް ލިބެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި މީހުންގެ މުދަލާއި ގޯތި ގެދޮރަށް ގެއްލުން ދިނުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފުލުހުންނަކީ އަބަދުވެސް އެއިރަކު އުފެދިފައި އޮންނަ ގާނޫނީ ވެރިކަމެއް ހިމާޔަތް ކުރުމަށް އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރާނެ ބައެކެވެ.

އެހެންކަމުން ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި ބަޔާން އިއްވުމަށް ފަހު އެމްއެންޑީއެފްގެ ފަރާތުން ބުނީ، ގައުމުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން އެދޭ ހުރިހާ އެހީތެރިކަމެއް ދިވެހި ސިފައިން ދެމުން ގެންދާނެ ކަމަށެވެ. އަދި ސިފައިން މިހާރު އޮތީ އެފަދަ ހާލަތެއްގައި ކަމަށް ވެސް ބުންޏެވެ.