19 ސެޕްޓެމްބަރ 2025 - 23:48

ޑްރަގު ބޭނުންކުރަމުންދާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް ސަލާމުކަމަށް އައިސްފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރަގު ބޭނުންކުރަމުންދާ މީހުންނަށް ބިއުޕްރެނޯފިން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ލުބްނާ ވިދާޅުވީ އެ ބޭހުގެ 10 ޓެބްލެޓް 2،000ރ. އަށް ވިއްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކޮންޓްރޯލްޑް ޑްރަގެއް ވިއްކުމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަނާ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ ތަފްސީލު "މިހާރު" އާ ހިއްސާ ކުރައްވަމުން ލުބްނާ ވިދާޅުވި ގޮތުގައި އެ ކޮންޓްރޯލްޑް ޑްރަގު ވިއްކަމުން ދަނީ މާލެ ސަަރަހައްދުގަ އެވެ.
ބިއުޕްރެނޯފިންއަކީ އެންޑީއޭގެ ޑިޓޮކްސް ފަރުވާގައި ބޭނުންކުރާ ބޭހެއް ކަމަށާއި އެކަމަކު އެއީ ކޮންޓްރޯލްޑް ޑްރަގަކަށް ވާތީ ހުއްދަ ލިބިގެން ނޫނީ އެ ވިއްކުން މަނާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުބްނާ ވިދާޅުވީ ބިއުޕްރެނޯފިންއަކީ ޑްރަގު ފަރުވާގައި މުހިއްމު ބޭހަކަށް ވިޔަސް ކޮންޓްރޯލްޑް ޑްރަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ބޭހުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމުގެ ފުރުސަތު އޮތީމާ ކަމަށެވެ. އެހެން ޑްރަގުތަކާ އެއްކޮށްގެން ވެސް ބައެއް ފަހަރަށް ބިއުޕްރެނޯފިން ބޭނުންކުރާއިރު، އެފަދަ ކަންކަމުގެ ސަބަބުން މީހާ އޯވަޑޯޒްވެ، ނުރައްކާތެރި ހާލަތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް ލުބްނާ ވިދާޅުވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ލުބްނާ ވިދާޅުވީ، ބިއުޕްރެނޯފިން ވިއްކަމުންދާ ފަރާތާ ގުޅޭ ސައްހަ މައުލޫމާތު އެ ބޭނުންކުރަމުންދާ ގިނަ ބަޔަކު ދީފައިވާ ކަމަށެވެ. އެހެންވެ، އެ މައުލޫމާތު ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން ހެލްތު މިނިސްޓްރީއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށް ލުބްނާ ވިދާޅުވި އެވެ.