26 މާޗް 2017 - 23:36

ފެތެމުންދާ އޮޑީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުތިއްބަވައި މާދަމާގެ ވޯޓުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ޖެހޭ ކަމަށާއި ޕާޓީތައް އެކުގައި ފަށާފައިވާ މަސައްކަތް ނިންމާލާނީ ކާމިޔާބުކޮށްފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތައް ގުޅިގެން ކުނޫޒްގައި ބޭއްވި ޖަލްސާގައި، ސްރީ ލަންކާގައި ހުންނަވައި ވީޑީއޯ މެދުވެރިކޮށް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިސްރާބު އެނގި ހުރިހާ ދިވެހިން ވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލައި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލައި މަރުކަޒީ ބޭންކު މެދުވެރިކޮށް ކަޅު ފައިސާ ދައުރުކޮށް ރާއްޖޭގެ ރަށްތައް ވިއްކައި އެ ފައިސާ ސީދާ ރައީސްގެ އެކައުންޓަށް ވަންނަ ތަން ފެނިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސިޔާސީ ލީޑަރުން ހިފައި ހައްޔަރު ކުރެވިއްޖެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހީނަރުވެއްޖެ. ތަކެތީގެ އަގު ބޮޑުވެއްޖެ. ސިއްހީ ހިދުމަތް ހީނަރުވެއްޖެ. ސަރުކާރުގެ އިހުމާލުން އަޅުގަނޑުމެންގެ ދަރިން މަރުގެ ތުންފަތް މައްޗަށް ގެނެސްފި،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފެތުރެމުންދާ ރޯގާ އަކީ ވެސް ނެތް ރޯގާއެއް ކަމަށް ސަރުކާރުން ދައްކައި އިޖްތިމާއީ ކަންކަމުގައި ވެސް ހީލަތާއި ދޮގު ރޭވުންތައް ވަނީ ރާވަން ފަށައިފަ އެވެ. ވަޒީފާ ނުލިބޭ އިރު، ފިހާރަތަކުގެ ވިކުރާ ދަށްވެ ކުދި ވިޔަފާރިތައް ވެސް ހީނަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ބޮޑެތި ވިޔަފާރިވެރިންނަށް ދެނީ ހަމަލާތައް. މީރާ އަކީ ސިޔާސީ ހަތިޔާރަކަށް ހަދައިފި. ޝަރީއަތަކީ ގޮނޑި ކޮއްކޮއެއް، އަމަން ބަލަހައްޓަން ޖެހޭ ފުލުހުންނަކީ ސިޔާސީ ވެރިން ފަހައި ދުވާ ބައެއްގެ ގޮތުގައި ވެ ނިމިއްޖެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިންތިހާ އަށް ދަށްވެފައިވާ އިރު ރަށުގެ ތަރައްގީ އަކީ ވެސް ބުނެ ކިޔައި އާދޭސްކޮށްގެން ލިބޭ އެއްޗަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ޖަޒީރާކަން ނަގާލައި އިންޑިއާ ކަނޑުގެ ސުލްހަ އާއި ހަމަހިމޭންކަން ވެސް ނަގާލައި ބައިނަލްއަގުވާމީ ސަފުން ވެސް ދިވެހިން ބިކަވެ، ނިކަމެތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
ތަރައްގީ ވާން އޮތް ހަމައެކަނި މަގަކީ އަހާ އެކުގައި ލަގަން ވެސް ދޫކޮށްލާން ޖެހޭ ކަމަށް ވިދާޅުވަމުންދާ ކަމަށާއި އެހެންވިއަސް އެންމެން ގުޅިގެން ގައުމު ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންމެން އެކުގައި ނުކުމެ މިތިބީ އެ މަސައްކަތުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާލާނީ މިކަން ކާމިޔާބުކޮށްފައި،" ނަޝީދު ވިދާޅުވި އެވެ.