16 ޖޫން 2016 - 07:57

ސަލްމާން ޚާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާ ޚާން އަކީ އާއިލާގެ ހުރިހާ އެންމެންނަށް ވުރެ ވެސް ސަލްމާން ލޯބިވާ ކޮއްކޮއެކެވެ. އަދި އަރްޕިތާގެ ފިރިމީހާ އަޔޫޝް ޝަރުމާ އާ ވެސް ސަލްމާނާ ވަރަށް ގާތް ގުޅުމެއް ބާއްވަ އެވެ.
އަރްޕިތާއާ ކައިވެނި ކުރީއްސުރެ އަޔޫޝް ފިލްމީ ދާއިރާއަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ގޮސްފައިވެ އެވެ. އަދި އެއް ބަޔަކު ބުނަނީ އޭނާ އަރްޕިތާއާ ކައިވެނި ކުރީވެސް ސަލްމާން މެދުވެރިވެގެން ބޮލީވުޑުން ޖާގަ ހޯދަން ކަމަށެވެ.
ކައިވެންޏަށް ފަހު އަޔޫޝް ދަނީ ފިލްމީ ދުނިޔެއަށް ވަނުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހަށިގަނޑު ރީތިކުރުމަށް ވަރުގަދަ ޓްރެއިނިންތައް ވެސް ހަދަމުން ގެންދިޔަ އެވެ. ނަމަވެސް އަޔޫޝް އަށް ބޮލީވުޑުން ފުރަތަމަ ޖާގަ ލިބުނީ އެކްޓަރެއްގެ ރޯލަކުން ނޫނެވެ.
ސަލްމާން އޭނާ ބައިވެރި ކުރުވީ ސަލްމާން މިހާރު ކުޅެމުންދާ "ސުލްތާން"ގެ ޑައިރެކްޓަރުގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ.
ފިލްމު ސެޓުގައި މަސައްކަތްކުރާ މީހަކު ބުނީ އަޔޫޝް މާ ބޮޑަކަށް ފިލްމީ މަސައްކަތުގައި ނޫޅޭ ކަމަށާއި އޭނާ ހަމައެކަނި އެ މަސައްކަތްތައް ކުރާ ގޮތް ބަލާ ދަސްކުރަނީ ކަމަށެވެ.
ފިލްމު އިންޑަސްޓްރިގެ ގިނަ ބަޔަކު ބުނަނީ ސަލްމާން އޭނާގެ ޅިޔަން ކޮއްކޮ ބޮލީވުޑަށް ތައާރަފްކުރުމަށް ވަރަށް ވަރުގަދަ ފިލްމެއް ތައްޔާރުކުރަން އުޅޭ ކަމަށެވެ.
އަޔޫޝް އާއި އަރްޕިތާ ކައިވެނިކުރިތާ ދެ އަހަރު ފުރުނުއިރު އެ ދެމަފިރިންނަށް މިހާރު ވަނީ އާހިލް ކިޔާ ކުޑަކުޑަ ފިރިހެން ދަރިއެއް ވެސް ލިބިފަ އެވެ.