ރައްޔިތުން އެދޭނަމަ ފުލިދޫ ބަނދަރާއެކު 12 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް
ރައްޔިތުން އެދޭނަމަ ފުލިދޫ ބަނދަރާއެކު 12 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް

ވ. ފުލިދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ބޭނުންވާނަމަ އެރަށު ބަނދަރު ހެދުމުގެ މަޝްރޫއުއާއެކު ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ އަތޮޅަކަށް ވ. އަތޮޅު ފުލިދުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށުގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.

އާބާދީގައި 500އެއްހާ މީހުން ދިރިއުޅޭ އެރަށުން ގޯތި ދޫނުކުރާތާ މިހާރު 15 އަހަރު ވެފައިވާ ކަމަށާއި ރައްޔިތުން ބޭނުންވާނަމަ ބަނދަރުގެ މަސައްކަތް ކުރާއިރު އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބ. ދޮންފަނު ބިން ހިއްކަން ރައްޔިތުން ބޭނުންވާތީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން އެކަން ހުއްޓާލަން ޖެހުނުކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ރައްޔިތުން ބިން ހިއްކަން ބޭނުން ނުވާނަމަ އެރަށު ބިން ނުހިއްކާނެ ކަމަށެވެ.

"ބަނދަރާ ގުޅިގެން ދާ ގޮތަށް ރަށަށް 12 ހެކްޓަރުގެ ބިން ހިއްކާނީ. އެކަމަކު ރައްޔިތުންގެ ޔަގީންކަން ބޭނުންވާނެ. ރައްޔިތުން އެކަމަށް ބޭނުންވާނަމަ [ބިން ހިއްކައިގެން ގޯތިދޭން] ކައުންސިލް މެދުވެރިކޮށް ރައްޔިތުން މިކަމަށް ބޭނުންވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަން އެދެން،" ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް މިރަށުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ ހެއްކެއްގެ ގޮތަށް އެ އޮންނާނެ."

އެ ރަށުގެ ބިމުގެ ދަތިކަން ކުރިމަތިވެފައިވާތީ ޒުވާނުން ކުޅުމަށް ފުޓުބޯޅަ ދަނޑެއް ވެސް އޮތީ ނޭޅި އެވެ.

ރައީސް އެކަން ފާހަގަ ކުރެއްވީ އެ ރަށަކީ ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށަކަށް ވެފައި އެ ރަށަކީ މޫދުގެ ދިރުންތައް ވެސް ގިނަ އަދަދަކަށް ޖަމާވާ ސަރަހައްދަކަށް ވުމުންނެވެ.

ފުލިދޫގައި ބަނދަރުގެ ބަދަލުގައި މިހާރު ބޭނުންކުރަމުން ދަނީ ޖެޓީއެކެވެ. ޖެޓީ ހަދާފައިވާ ސަރަހައްދުގައި ރީތި މޫދަކާއި ހުދު ދޮންވެލި ގަނޑެއް އޮވެ އެވެ. ނަމަވެސް މިއަދު ވަނީ އެ ރަށުގައި ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.

ރައީސް ވިދާޅުވީ ޖާގައިގެ ދަތިކަން ހުރި ނަމަވެސް ޒުވާނުން އެކަމަށް ބޭނުން ވެފައިވާތީ ފުޓްސެލް ދަނޑެއް އަޅާނެ ކަމަށެވެ.

އަދި އަންނަ އަހަރު މާޗް މަހުގެ ކުރިން އެރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.