"ކަލްކީ"ގެ ދެވަނަ ފިލްމުން ދީޕިކާ ވަކިކުރުމުން ޒުވާބެއް!
"ކަލްކީ"ގެ ދެވަނަ ފިލްމުން ދީޕިކާ ވަކިކުރުމުން ޒުވާބެއް!

"ކަލްކީ 2898 އޭޑީ"ގެ ދެވަނަ ފިލްމުން ބޮލީވުޑްގެ ތަރިން ދީޕިކާ ޕަޑުކޯން ވަކިކުރުމުން، ސޯޝަލް މީޑިއާގައި ފޭނުންގެ މެދުގައި ބޮޑު ޒުވާބެއް ހިނގައިފި އެވެ.

"ކަލްކީ"ގެ ޕްރޮޑަކްޝަން ހައުސް ވިޖަޔަންތީ މޫވީސް އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ފިލްމުގެ ދެވަނަ ބައިން ދީޕިކާ ނުފެންނާނެ ކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އެ ޕްރޮޑަކްޝަނުން ބުނީ ދެވަނަ ފިލްމުގައި ދީޕިކާ ނުހިމަނަން ނިންމީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، އެއްބަސްވުމަކަށް ނުދެވުމުން ކަމަށެވެ. އަދި "ކަލްކީ" އަކީ "ކޮމިޓްމެންޓާއި" އެތައް ކަމެއް ހައްގުވާ ފިލްމެއް ކަމަށް ވެސް އެ ޕްރޮޑަކްޝަނުން ބުންޏެވެ.

"އަހަރެމެން އެދެނީ އޭނާ [ދީޕިކާ]ގެ ކުރިއަށް ހުރި މަސައްކަތްތަކުގައި ކާމިޔާބީއަށް،" އެ ޕްރޮޑަކްޝަނުން ބުންޏެވެ.

ވިޖަޔަންތީ މޫވީސްގެ މި ޕޯސްޓާ އެކު ބައެއް މީހުން ސޯޝަލް މީޑިއާގައި ތުހުމަތުކުރި ގޮތުގައި، ދީޕިކާއާ އެކު އެއްބަސްވުމަކަށް ނުދެވުނީ އޭނާގެ ޑިމާންޑުތައް މާ ބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް، ދީޕިކާގެ ފޭނުން ވަނީ އެ ތުހުމަތުތައް ދިފާއުކޮށްފަ އެވެ.

އޭނާގެ މުސާރަ 25 ޕަސެންޓަށް ބޮޑުކޮށް ދިނުމަށާއި ޝޫޓިންގައި ހޭދަކުރާ ވަގުތު ދުވާލަކު 5-7 ގަޑިއިރަށް ކުޑަކޮށް ދިނުމަށާއި، އަދި އޭނާ އާއި އޭނާގެ ކްރޫގައި ހިމެނޭ 25 މީހުން ތިބެން ފަސް ތަރީގެ ހޮޓަލަކުން ބުކިން ހަދައިދިނުން ކަހަލަ އެތައް ކަމެއް ދީޕިކާ ޑިމާންޑް ކުރި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުންޏެވެ.

ނަމަވެސް، ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ދީޕިކާ އަމިއްލައަށް އެ ފިލްމުން ވަކިވީ އެވެ. އެއީ، އޭނާގެ ރޯލު ކުޑަކޮށް، ހާއްސަ ފެނިލުމަކުން ފެންނަ ގޮތަށް ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެނައުމުގެ ސަބަބުންނެވެ.

މި މައްސަލައާ ގުޅޭ ގޮތުން ދީޕިކާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ ސުޕަސްޓާރު އަމީތާބް ބައްޗަން އާއި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އަދި ދީޕިކާ އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ކަލްކީ 2898 އޭޑީ" ގެނެސްދިނީ މިދިޔަ އަހަރު އެވެ. އެ ފިލްމަށް ވަނީ 1،000 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު، ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ.

ދެކުނު އިންޑިއާގެ ފިލްމުތައް ޑައިރެކްޓުކުރާ ނާގް އަޝްވިންގެ އެ ފިލްމުގައި އަމީތާބާއި ޕްރަބާސް އަދި ދީޕިކާގެ އިތުރުން މުހިންމު ރޯލުތައް ކުޅުނީ ކަމަލް ހަސަން އާއި ދިޝާ ޕަޓަނީ އަދި ރާނާ ދަގުބަތީ އެވެ.

"ކަލްކީ"ގެ ދެވަނަ ފިލްމުގެ ބައެއް މިދިޔަ އަހަރު ޝޫޓުކޮށްފައިވާއިރު، ބާކީ ބައިގެ ޝޫޓިން ފަށަން ނިންމާފައި ވަނީ އަންނަ އަހަރު ކުރީކޮޅެވެ. އެ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއް އަދި އިއުލާން ނުކުރެ އެވެ.