ޗާލީ ކާކްއަށް ފާޑުކިޔުމުން ޖިމީ ކިމެލްގެ ޝޯ ހުއްޓުވައިފި
ޗާލީ ކާކްއަށް ފާޑުކިޔުމުން ޖިމީ ކިމެލްގެ ޝޯ ހުއްޓުވައިފި

ބަޑިން ހަމަލާދީ މަރާލި އެމެރިކާގެ ކަނާތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކްއަށް ފާޑުކިޔުމުން އެމެރިކާގެ އެންމެ މަޝްހޫރު ޓޯކް ޝޯ "ޖިމީ ކިމެލް ލައިވް" ހުއްޓުވައިފި އެވެ.

"ޖިމީ ކިމެލް ލައިވް" ގެނެސްދޭ އޭބީސީ ނެޓްވޯކުން އެކަން އިއުލާންކޮށް މިދިޔަ ބުދަ ދުވަހު ބުނީ އެ ޝޯ މެދުކަނޑާލީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަދި އެ ޝޯ ހޮސްޓުކުރާ ޖިމީ ވެސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ނެޓްވޯކުން ބުންޏެވެ.

ވޯލްޓް ޑިޒްނީގެ ދަށުން ހިންގާ އޭބީސީން ބުނީ "ޖިމީ ކިމެލް ލައިވް" ހުއްޓުވަން ޖެހުނީ އެންމެފަހުން ގެނެސްދިން އެޕިސޯޑުގައި ކާކްއަށް ފާޑުކިޔައި ޖިމީ ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އަދި ކާކްއަށް ހަމަލާދިން މީހާއަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ސަޕޯޓަރެއް ކަމަށް ދޭހަވާ ގޮތަށް ޖިމީ ވާހަކަ ދައްކާފައި ވާތީ ކަމަށް ވެސް އެ ނެޓްވޯކުން ބުންޏެވެ.

ޖިމީގެ މި ވާހަކަތަކާ ގުޅިގެން އެ ޝޯ ބްރޮޑްކާސްޓް ނުކުރަން އެމެރިކާގައި ޓީވީގެ ހިދުމަތް ދޭ އެހެން ބައެއް ނެޓްވޯކްތަކުން ވެސް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެމެރިކާގައި މީޑިއާގައި ރެގިއުލޭޓްކުރާ ސަރުކާރުގެ އިދާރާ، ފެޑަރަލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ)ގެ ވެރިޔާ ބްރެންޑަން ކާ ވެސް ވަނީ ކާކްއަށް ފާޑުކިޔައި އެ ޝޯގައި ޖިމީ ދެއްކި ވާހަކަތައް ކުށްވެރިކުރައްވައިފަ އެވެ. މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގާ އެފްސީސީގެ ވެރިޔާ ވަނީ އޭބީސީގެ ލައިސަންސް ހިފައްޓާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

ރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ޓްރަމްޕް، އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާއާ އެކު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޖިމީ ސަސްޕެންޑްކުރުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އޭނާގެ ސަރުކާރަށް ފާޑުކިޔާ މީޑިއާތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް ޓަރަމްޕް ދެއްވި އެވެ.

ޖިމީއަށް ފިޔަވަޅު އެޅުމުން ގިނަ ބަޔަކު ދަނީ އޭބީސީ ނެޓްވޯކާއި އެމެރިކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އެކަން ސިފަކުރެއްވީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރުން ހުރަސްއަޅަނީ ކަމަށެވެ. އަދި، އޭބީސީން ޖިމީއަށް ފިޔަވަޅު އެޅުމުން ހޮލީވުޑްގެ ވަރަށް ގިނަ ތަރިން ވެސް އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ.

ޓްރަމްޕްގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ނަގާލައި، ބިރު ދައްކައިގެން މީޑިއާ ކޮންޓްރޯލްކުރަން އުޅޭ ކަމަށް ވެސް އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

"ޖިމީ ކިމެލް ލައިވް"އަކީ 2003 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ ޓޯކް ޝޯއެކެވެ. އެމެރިކާގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމަށް އެ ޝޯގައި އަބަދުވެސް ފާޑުކިޔައި ސަމާސާ ކުރެ އެވެ. ހޮލީވުޑްގެ ވަރަށް ގިނަ ސްޓާރުން މެހުމާނުންގެ ގޮތުގައި ބައިވެރިވާ އެ ޝޯއަކީ އެމެރިކާގައި އެންމެ ގިނަ ބަޔަކު ބަލާ އެއް ޝޯ އެވެ.

ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަދައްކަން އިންދާ އިމާރާތެއްގެ ފުރާޅުމަތީ އޮވެ ބަޑިން ހަމަލާދީ ކާކް މަރާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ކާކް މަރާލި ކަމުގެ ތުހުމަތުގައި އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ ޓައިލާ ރޮބިންސަން ވަނީ ހައްޔަރުކޮށްފަ އެވެ.

ޓްރަމްޕުގެ ގާތް އެކުވެރިއެއް ވެސް ކަމަށްވާ ކާކް މަރުވީ ފޮނުވާލި ހަމައެކަނި އުންޑަ އޭނާގެ ކަނދުރާއަށް އަމާޒުވެގެންނެވެ.