މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަން އުފައްދައިފި
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަން އުފައްދައިފި

މީޑިއާ ރެގިއުލޭޓް ކުރުމަށް އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ހާއްސަ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލިހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށް، އިއްޔެ ތަސްދީގުކުރި މީޑިއާ ރެގިއުލޭޓް ކުރާ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ. އެ ދެ އިދާރާގެ މަސައްކަތް ދެން ކުރަން ޖެހެނީ މީޑިއާ ރެގިއުލޭޓް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.

މީޑިއާ ރެގިއުލޭޓް ގާނޫނުގައިވާ ގޮތުން، އާ ކޮމިޝަނަށް ދާއިމީ ބޭފުޅުން ކަނޑައެޅެންދެން ވަގުތީ ގޮތުން އެ ތަން ހިންގަވާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް ބޭފުޅެކެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ތިން ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން އެ ތިން ބޭފުޅުން ކަނޑައަޅަން މީޑިއާ ރެގިއުލޭޓް ގާނޫނު ލާޒިމްކުރެ އެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ވަގުތީ ކޮމިޝަނަށް ކަނޑައަޅަން ޖެހެނީ ސިވިލް ސާވިސް ހިމެނޭ އިދާރާތަކުގެ ތެރެއިން ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ފަސް ބޭފުޅުން ކަމަށް ގާނޫނުގައި ބުނެ އެވެ. ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅަން ޖެހެނީ އެ ފަސް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލްގައި ފުރަތަމަ އޮތީ ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަމަކު، ފަހުން ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ވަކިވަކި ނޫސްވެރިންގެ ޖޫރިމަނާ ބައި އުވާލައިފަ އެވެ. އެކަމަކު، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސްތަކާއި މަޖައްލާތަކުން ހިލާފު ވެއްޖެ ނަމަ 5،000ރ އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

މައްސަލަތައް ބަލާ ދުވަސްވަރު އެ މީޑިއާއެއްގެ ރަޖިސްޓަރީ ހިފެހެއްޓޭ ގޮތަށް އޮތް މާއްދާ ވެސް ވަނީ ފަހުން އުވާލައިފަ އެވެ. އަދި ކުރީގެ މައްސަަލަތައް ބެލޭ ގޮތަށް އޮތް މާއްދާ ވެސް ފަހުން އުވައިލި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ އިސްލާހުތަކާ އެކު ބިލް ފާސްކުރި ނަމަވެސް ނޫސްވެރިން ކަންބޮޑުވާ ކަންތައްތައް ހުރުމުން އެ ބިލް ތަސްދީގު ނުކުރައްވަން އޭރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ އިން ވެސް ގޮވައިލި އެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ބުނެ އެވެ.