އާންމުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރާނަން: ފައްޔާޒު
އާންމުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރާނަން: ފައްޔާޒު

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މި ސަރުކާރުން މަނާކޮށްފައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ ނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެ ނިންމުމަށް ބަދަލު ގެންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރުން ފަދަ އިތުރު ޖޫރިމަނާތަކެއް ވެސް އެ ގާނޫނުގައި ހިމެނެ އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ 8ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ، އެ ޕާޓީ އަށް ވެރިކަން ލިބުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވަމުން ގެންދަވާ ގޯސްތައް ރަނގަޅު ކުރައްވާނެ ކަމަށެވެ

"އަޅުގަނޑުމެން އަނެއްކާވެސް އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެ ރައީސް މުއިއްޒު އެ ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން،" އެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވި އެވެ.

ރައީސަށް އިޝާރާތް ކުރައްވަމުން ފައްޔާޒު ވިދާޅުވީ އެފަދަ ބޭފުޅަކަށް "ގާނޫނުއަސާސީއާ ނުކުޅެވޭވަރަށް" އެމްޑީޕީގެ ވެރިކަމުގައި ގާނޫނުއަަސާސީއަށް ބަދަލު ގެންނަވާނެ ކަމަށެވެ.

އެ ބޭފުޅުންނަށް ވެރިކަން ލިބިއްޖެ ނަމަ މީޑިއާ ރެގިއުލޭޓް ކުރާ ބިލް ވެސް އުވާލާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު، ވޭޕް މަނާކުރަން ނިންމާފައި އޮތް ނިންމުމަށް ބަދަލު ގެނައުމާ އެކު، ސިނގިރޭޓު ޑިއުޓީއަށް ވެސް ބަދަލު ގެންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މީޑިއާ ކޮންޓްރޯލް ބިލު އެއީ ގައިމު ވެސް ހަމަ އެންމެ ފުރަތަމަ ދުވަހު އުވާލާނެ ގާނޫނެއް. ހަމައެއާ އެއްކޮށް އަދިވެސް ރައްޔިތުންނަށް ވެފައި ހުރި ތަކުލީފުތައް އޭގެ ތެރޭގައި ވޭޕާއި ސިނގިރޭޓުގެ ޑިއުޓީ، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލު ކުރާނެ ކަންކަން،" ފައްޔާޒު ވިދާޅުވި އެވެ.

އާންމުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއިރު، ރައީސް މުއިއްޒު އިސްވެ، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ސްކޫލްތަކުގެ ތެރޭގައި ކުދިންގެ މެދުގައި ވެސް ވޭޕް ބޭނުންކުރުން ވަރަށް ބޮޑަށް އާންމުވެ، ގައުމީ ބޮޑު މައްސަލައަކަށް ވެގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ހަތް ގައުމެއްގައި މިހާރު ވެސް ވޭޕް މަނަލެވެ.