18 ސެޕްޓެމްބަރ 2025 - 22:39

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ފިލައިގެން އުޅޭ މައްސަލައާ ގުޅިގެން އޭނާގެ އަންހެނުން ހައްޔަރު ކުރުމާ އެކު، ޝަހީބު އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް މިރޭ ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.
ޝަހީބުގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނީ އޮގަސްޓް، 12، 2020 ގައި އިތުރު ބަޔަކާ ގުޅިގެން ކަނޑުމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުންދާ ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅޭ ކަމަށާއި އޭނާ ފިލައިގެން އުޅެން އެހީތެރިވެފައި ވަނީ އަންހެނުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެހެންވެ، އާއިޝަތު ވަހީދާ ހައްޔަރުކުރަން އަމުރުކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ފޮރުވައިގެން ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ކަމަށް އަމުރުގައިވެ އެވެ.
ފުލުހުން ޝަހީބުގެ އަންހެނުން ހައްޔަރުކުރުމާ އެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާ އަށް ގޮސް އަމިއްލައަށް ފުލުހުންުގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. އަދި އޭނާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބުގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތަށް ހާޒިރު ނުވެ ފިލައިގެން އުޅޭތީ އޭނާ ހޯދަން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އުމުރުން 47 އަހަރުގެ ޝަހީބު ބަންދުގައި ބަހައްޓައިގެން މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އަންގާފައި އޮތަސް އޭނާ އުޅޭ ތަނެއް އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ކަންނެލި ދޯންޏެއްގައި ޑްރަގު އެތެރެކުރަނިކޮށް 2020 ވަނަ އަހަރު ހައްޔަރުކުރި މީހުންގެ އިސް މީހުންގެ ގޮތުގައި ޝަހީބުގެ އިތުރުން ހިމެނެނީ ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.
އެ މައްސަލާގައި ޝަހީބު ރާއްޖޭން ބޭރަށް ދިއުން އޮތީ މަނާކޮށްފައި ކަމަށް އެނގިފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލީ ޖުލައި 2023 ގަ އވެެ. އޭގެ ކުރިން އޭނާ ބޭސްފަރުވާ އަށް ވެސް ދޫކޮށްލި އެވެ. އެކަމަކު އެ ފަހަރު އޭނާ ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރުމުން ބާތިލްކުރުމާ އެކު ހައްޔަރުކުރި އެވެ.
ރާއްޖެ އަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރެ އެވެ. އެއީ ޝަހީބާއި އަހްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ދުންފިނިގޭ، އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނާއި ބަންގްލަދޭޝްގެ ދެ މީހަކު ކަމަށްވާ އިގްބާލް އާއި މުހައްމަދު ރިޔާދެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރަން ބޭނުންކުރިކަމުގެ ތުހުމަތަށް 2019 ވަނަ އަހަރު ހިފެހެއްޓުމަށް ފަހު، ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް ތުހުމަތު ކޮށްފައި ވެ އެވެ.