18 ސެޕްޓެމްބަރ 2025 - 21:56

އެފަލްއިން އެންމެ ފަހުން ނެރުނު އައިފޯނު 17 ސީރީޒްގެ ފޯނުތައް އުރީދޫ މެދުވެރިކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިރޭ އެ ފުރުސަތު ހުޅުވާލާނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.
އުރީދޫ އިން ބުނީ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނީ މިރޭ ދަންވަރު 12:01 ގައި ކަމަށެވެ.
މިގޮތުން، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލާނީ މޫލީ މެދުވެރިކޮށެވެ.
އަދި އައިފޯނުތައް ކަސްޓަމަރުންނަށް ލިބެން ފަށާނީ 26 ސެޕްޓެމްބަރުން ފެށިގެން ކަމަށް ވެސް އުރީދޫއިން ބުންޏެވެ.
އެޕަލްގެ އެންމެ ތުނި އަދި އެންމެ ވަރުގަދަ ފޯނުކަމަށްވާ، އައިފޯން 17 ނެރުނީ ޑިޒައިނަށް ބަދަލެއް ނުގެނެހެވެ. އެކަމަކު މިފަހަރު ހުރީ ތަފާތު ކުލަތަކެކެވެ. އަދި މެއިން ކެމެރާގައި 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ، 2 ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ހިމެނެ އެވެ. ކެމެރާގައި މުޅިން އަލަށް އެތައް ފީޗާއެއް ވަނީ ހިމަނައިފަ އެވެ.
އުރީދޫ އަކީ އަލަށް ނެރޭ އެކި ބްރޭންޑުތަކުގެ ފޯނުތައް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިންނާ ހަމައަށް ގެނެސް ދިނުމަށެވެ.