މީޑިއާ ބިލު ތަސްދީގު ކުރުމުން ސީޕީޖޭގެ ކަންބޮޑުވުން
މީޑިއާ ބިލު ތަސްދީގު ކުރުމުން ސީޕީޖޭގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވީ، ރާއްޖޭގައި މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމު ކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ ހިލާފަށް ކަމަށް ބުނެ، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުން އޮތް ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، ސީޕީޖޭގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޑިރެކްޓަރު، ބެ ލީ އީ ވަނީ، މި ގާނޫނަކީ މިނިވަން ނޫސްވެރިކަމުގެ އިތުރަށް ޑިމޮކްރަސީއަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

މި ބިލު ތަސްދީގު ކުރައްވައި، މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވާނެކަމުގެ ރިޔާސީ ވައުދުފުޅާ ހިލާފުވެވަޑައިގެންފައިވާ ކަމަށް އީ ވިދާޅުވި އެވެ.

"... އެހެންކަމުން، މި ގާނޫނު އުވާލައްވައި، މިނިވަން ނޫސްވެރިކަން ހިމާޔަތް ކުރުމަށް އަޅުގަނޑުމެން ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ޕޮޑްކާސްޓް ޝޯގައި ރައީސް މުއިއްޒު ވިދާޅުވީ، އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށާއި އެއީ ބަހުސް ވެސް ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު، ހަމަތަކާއި އުސޫލުގެ ތެރެއިން ތެދު ހަގީގަތާ އެއްގޮތަށް ކޮންމެ ވާހަކައެއް ވެސް ލިޔެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ދޮގު ވާހަކަ ފެތުރުމަކީ ދިވެހި ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށް ބިލްގެ ދިފާއުގައި ރައީސް އިއްޔެ ވިދާޅުވި އެވެ.

ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. މީޑިއާ ރެގިއުލޭޓްކުރާ ބިލް މިއަދު ތަސްދީގުކޮށް، ގާނޫނަކަށް ބަދަލުވުމާ އެކު، މީޑިއާ ކައުންސިލް އުވި އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ހުރިހާ މެމްބަރުންގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ.

މީޑިއާ ބިލް މިއަދު ތަސްދީގު ކުރެއްވީ، އިސްލާހުތަކާ އެކު އެ ބިލް ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރައްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް އެދިފައި ވަނިކޮށެވެ.

އެމްއެމްސީ އާއި އެމްޖޭއޭ އިން ބުނެފައި ވަނީ ބިލް އުވައިލަން އެދި ކޯޓަށް ދާނެ ކަމަށެވެ. އެ ގާނޫނަށް އަމަަލުކުރަން ފެށުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ވާރުތަވި ނަމަވެސް، އެ ކޮމިޝަނުގެ މެންބަރުންގެ ވެސް މަގާމު މިހާރު ވަނީ ގެއްލިފަ އެވެ.

މީޑިއާ ރެގިއުލޭޝަން ގާނޫނު، ބިލެއްގެ ގޮތުގައި އޮތް އިރު ނޫސްވެރިކަމުގެ އެ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ގެންދިޔައީ ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ.

ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ. އަދި ކުރިން ހިނގާފައިވާ ކަންކަން ބެލޭ ގޮތަށް ކުރިން ބިލްގައި އޮތް މާއްދާ ވެސް އޮތީ އުވާލައިފަ އެވެ.